ހަންޏާމީދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީއިން ފަށައިފިއެވެ.

މިމަސައްކަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންސްޕާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރުޤިއްޔާ މުޙައްމަދާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާޙް ވިދާޅުވީ އެމްޑަބްލިއުއެސްސީއަކީ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ދިނުމުގައި މިވަގުތު ރާއްޖޭގެ އެންމެ އިސްކުންފުނިކަމަށެވެ.  ހަންޏާމީދޫގެ ފެނުގެ ނިޒާމަކީ ދުނިޔޭގެ ފެންވަރުގެ ސާމާނު  ބޭނުންކޮށްގެން ޤާއިމުކުރެވޭ ފުރިހަމަ  ނިޒާމެއްކަމަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި މީގެ ދޮޅު އަހަރު ނުވަތަ ދެއަހަރެއް ކުރިން ހަންޏާ މީދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށްވަނީ ނިމިފައެވެ.  އޭރު އެ ރަށުގެ ގޭބިސީތަކުގެ ޢަދަދުކަމަށް ނޯޓުކުރެވިފައި އޮތީ 183 އެވެ. އެވަގުތު 183 ގޭބިސީއަށް ބެލިޔަސް މި ނިޒާމު ޑިޒައިންކުރެވިފައިވަނީ ކުރިއަށްއޮތް 15 އަހަރު ނޫނީ 20 އަހަރާއި ހަމައަށްވެސް މި ރަށުގެ އާބާދީ އިތުރުވާނެ މިންވަރާއި ރަށަށް އުމްރާނީ ތަރައްޤީ އަންނާނެ މިންވަރު ބަލައިގެން އެއަށް ޖާގަދީގެންކަމަށެވެ.

މިމަޝްރޫޢާއެކު ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ފެން ޕްލާންޓް އެރަށުގައި ޤާއިމުކުރާނެއެވެ. މި 2 ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކާ 200 ޓަނުގެ 2 ފެންތާންގީ ބަހައްޓާނެއެވެ.

މީގެއިތުރުން ވިއްސާރަ މޫސުމުގައި ވާރޭފެން ރައްކާކުރުމަށް 503 ޓަނުގެ ފެންތާންގީއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.