ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ އާ ދެކޮަޅަށް ބަޣާވާތެއް ކުރަން އުޅުނު ކަމުގެ އަޑުތަކެއް

އިސް އޮފިޝަަލުންތަކެއް ހައްޔަރުކޮށް، ޢަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ގޭބަންދުގައި

ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން (ކ) އަދި އޭނާގެ އެެއްބަފާ ކޮއްކޯފުޅު ޙަމްޒާ ބިން ޙުސައިން (ވ)

ސިޔާސީ ގޮތުން ހަލަބޮލި މެދުއިރުމަތީގައި ސިޔާސީ ގޮތުން އެންމެ ހަމަޖެހުން ބޮޑު އެއް ގައުމު ކަމުގައިވާ ޖޯޑަން (އުރްދުން) ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވެށްޓެމުންދާ ކަމުގެ ނިޝާންތަކެއް އިއްޔެ ފެންނަން ފަށައިފިއެެވެ.

"ސަލާމަތީ ސަބަބުތަކަކަށްޓަކައި" ޖޯޑަންގެ ސަރުކާރާއި، ޝާހީ ގަނޑުވަރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފަައިވާ ކަމަށް ރަސްމީ ޖޯޑޭނިއަން ނިއުސް އެޖެންސީން ބުނެފައިވާއިރު، ޢަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު އަމީރު ޙަމްޒާ ބިން ޙުސައިން ވިދާޅުވާ ގޮތުގައި އޭނާވެސް މިހާރު ހުންނެވީ ގޭބަންދުގައެވެ.

ޙަމްޒާ ބިން ޙުސައިން ޢަރަބި ބަހުންނާއި އިނގިރޭސި ބަހުން ރެކޯޑުކުރައްވައި، އޭނާގެ ގާނޫނީ ވަކީލު މެދުވެރިކުރައްވައި، ބީބީސީއަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާވަނީ ގޭބަންދުގައެވެ. އޭނާގެ ހަށިފާރަވެރިން ހައްޔަރުކޮށްފައިވާއިރު، އެއްވެސް ފަރާތަކާ ގުޅުން އޭނާއަށް ވަނީ މަނާކޮށްފައެވެ.

ވީޑިއޯ މެސެޖުގައި ޙަމްޒާ ބިން ޙުސައިން ވަނީ ޖޯޑަންގެ ސަރުކާރަށް ކޮރަޕްޝަނާއި، ވެރިކަން ހިންގުމަށް ނުކުޅެދިފައިވާ ކަމުގެ ތުހުމަތުކުރައްވާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ޖޯޑަންއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ޝަރީފު ޙަސަން ބިން ޒައިދާއި، ޝާހީ ގަނޑުވަރުގެ ކުރީގެ އިސް އޮފިޝަލް ބާސިމް ޢަވަޟުﷲ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ބާސިމަކީ ޢަބްދުﷲ ރަސްގެފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ބައި ގަރުނުހާ ދިގު މުއްދަތަކަށް ޖޯޑަންގެ ރަސްކަމުގައި ހުންނެވުމަށްފަހު 1999 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޙުސައިން ރަސްގެފާނު އަވަހާރަމުވާ ގުޅިގެން ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތީ އޭނާގެ ދަރިކަލުން ޢަބްދުﷲއެވެ. ޢަބްދުﷲ ރަސްގެފާނު ފުރަތަމަ ވަލީއަހުދަކަށް ހަމަޖެއްސެވީ އޭނާގެ އެއްބަފާ ކޮއްކޯފުޅު ޙަމްޒާ ބިން ޙުސައިނެވެ. އެހެންނަަމަވެސް، ޙަމްޒާ ބޭނުންފުޅުވަނީ މިނިވަންކޮށް އުޅުއްވަން ކަމަށް ވިދާޅުވެ 2004 ވަނަ އަހަރު ޢަބްދުﷲ ވަނީ ޙަމްޒާ ވަލީއަހުދުކަމުން ދުރުކުރަައްވައި އެ މަގާމަށް އޭނާ ގެ ދޮށީ ދަރިކަލުން ޙުސައިން ބިން ޢަބްދުﷲ އިސްކުރައްވާފައެވެ.

އިގުތިސާދީ ދަތިތުގެ ސަބަބުންނާއި، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ނުފެނުމުގެ ސަބަބުން ސަރުކާރާ މެދު ހިތްހަމަނުޖެހުން އިތުރުވެ ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އިއްޔެ ހިނގައި ދިޔަ ހާދިސާތަކާ ގުޅިގެން އެމެރިކާ، ސައޫދީ އަރަބިއްޔާ އަދި ބައެއް އަރަބި ގައުމުތަކުން ވަނީ ޢަބްދުﷲ ރަސްގެފާނަށް އެ ގައުމުތަކުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.