
ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ރާއްޖެއިން ބޭރުން ގެންނާ އުޅުނު ވެންޓިލޭޓަރުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ބަންޑާރަނާއިބު މިހާރު ތައްޔާރު ވެވަޑައިގަންނަވަނީ ބައިނަލްއަގުވާމީ އާބިޓްރޭޝަނަކަށް ދާން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ވައްކަމާއި ކޮރްޕްޝަނަކަށް ޖާގައެއް ނުދޭނެއެވެ. އެހެންވީމާ މައްސަލަ މިހާރު އޮތް ގޮތުން ސަރުކާރުން ގަސްތުކޮށްފައި ވަނީ އާބްރިޓޭޝަނުގެ ތެރެއިން މައްސަލަ ހައްލު ކުރާށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އާބިޓްރޭޝަން އޮންނާނީ ދިވެހިރާއްޖޭގައެވެ. އެކަމަކު މައްސަލަ ބައްލަވާނީ ބައިނަލްއަގުވާމީ އާބިޓްރޭޓަރެކެވެ. މިހާރުގެ ހާލަތު އޮތް ގޮތުން ބައެއް ކަންތައް ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އާބިޓްރޭޝަނުން ނިންމާ ކަމެއް ތަންފީޒު ކުރެވޭތޯ ކޮށްފާނޭ ސުވާލެއްގެ ޖަވާބުގައި މަބްރޫކް ވިދާޅުވީ ދިވެހިރާއްޖެއެކޭ އެއްފަދައިން ޔޫއޭއީއަކީވެސް ނިވްޔޯކް ޓްރީޓީގައި ސޮއި ކޮށްފައި ދެ ގައުމު ކަމުގައި ވާތީ ނިމޭ ގޮތެއް ތަންފީޒުކުރުމުގައި ޔޫއޭއީންވެސް އެހީތެރިވާނެއެވެ.