ވެންޓިލޭޓަރު މައްސަލައިގައި ޕީޖީ ބޭނުންވި މައުލޫމާތު ފުލުހުންނާއި އޭސީސީން ނުދެއްވި

ވެންޓިލޭޓަރު މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންވި މައުލޫމާތު ފުލުހުންނާއި އޭސީސީން ނުދެއްވުމުން  އެކަން ސާފުކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މައްސަލަ ފޮނުވައިފިއެވެ. 

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުންތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް، ވަނީ މިކަން ހާމަކުރައްވައިފައެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އެންގި ގޮތަށް އެމައްސައްލަ އަލުން މުރާޖާ ކުރުމަށް އިތުރު މައުލޫމާތު ހޯއްދެވުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި މިދިޔަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެދުމުން ފެބުރުއަރީ އެއްވަނަ ދުވަހާހަމައަށް ވެސް އެ މައުލޫމާތުތައް ލިބިފައިވާ ނުވާކަމަށް ޕީޖީ ސިޓީ އަކުން އަންގަވައިފައިވާކަމަށެވެ. ޕީޖީ މިކަން އަންގަވައިފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންނާއި އޭސީސީން މައުލޫމާތު ސިއްރުކުރައްވާ ސަބަބު ސާފުކޮށް ދެއްވުމަށް ކޮމެޓީއަށް މައްސަލަ ފޮނުއްވަމުން މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ. 

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖާކުރުމަށް މަޖިލީހުން ވަނީ ލަފާ އަރުވައިފައެވެ.  އަދި އެމައްސަލަ މުރާޖާ ކުރުމާމެދު ޕީޖީ ނީންމަވާ ނިންމެވުމެއް ޖުޑިޝަރީ ކޮމެޓީއަށް އެންގެވުމަށްވެސް މަޖިލީހުން ވަނީ ޕީޖީ އަށް އަންގަވައިފައެވެ. 

ޖުޑިޝަރީ ކޮމެޓީން ވެންޓިލޭޓަރުތަކުގެ މައްސަލަ ބައްލަވައިފައި ވަނީ، ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާކުރާނެ ހެއްކެއް އަދި ގަރީނާއެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެ، އެ މައްސަލައިގައި ޚިލާފު އުފެދިފައިވާތީ، އެ މައްސަލަ އިތުރަށް ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވުމުންނެވެ.

މައްސަލަ ދިރާސާކޮށް ޖުޑިޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަ ކުރައްވައިފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ މުއާމަލާތުގެ ހުރިހާ މަރުހަލާތަކެއްގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދައިފައިވާކަން ތަހުގީގީ ރިޕޯޓުންވެސް އެނގެން އޮތްކަމަށެވެ. މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ފޮނުއްވި އިރު އެއީ އޭސީސީ އާ ފުލުހުން ގުޅިގެން ތަހުގީގުކޮށްފައިވާ މައްސަލައެއްކަމަށް ބަޔާން ކޮށްފައިވީނަމަވެސް ތަހުގީގުގައި ފުލުހުންގެ ބައިވެރިވެފައިވާކަން ނުވަތަ ބައިވެރިވެފައިވާނަމަ ބައިވެރިވެފައިވާ މިންވަރުވެސް ފާހަގަވާން ނެތްކަމަށް ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. 

މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން ނިންމެވި ނިންމެވުން ބިނާކުރެއްވި ސަބަބުތަކާއި އޭސީސީ ރިޕޯޓުގެ މައްޗަށް ބިނާ ކުރެއްވި ސަބަބުތަކާމެދު ޚިލާފުތަކެއް ހުރި ނަމަވެސް ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކުގެ އިތުރު ބައިވެރިވުމާއެކު ޕީޖީގެ ނިންމެވުން މުރާޖާ ކުރައްވައި މިމައްސަލައިގައި ދައުވާ ކުރެއްވުމަށް ފުރުސަތު އޮތްކަމަށް އެކޮމެޓީން ވަނީ ނިންމަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.