ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޮވިޑް-19ގެ މިޙާލަތުގައި ބޭއްވުމަށްޓަކައި އިތުރަށް ބޭނުންވާ ބަޖެޓު މިހާރު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންތިޚާބަށް އިތުރަށް ހިނގާނެކަމަށް ލަފާކުރެވިފައިވާ 29.8 މިލިޔަން ރުފިޔާގެ ބަޖެޓު މިހާރު އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.
LCE aai WDCE ge inthikhaabah ithurah hingaane lafaakurevey 29.8m ge budget miadhu EC ah libihje.
— Ahmed Shareef (@ShareefRangondi) March 15, 2021
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން މިހާރު ތާވަލްކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވާނަމަ، ކުރިން ކަނޑައަޅާފައިވާ ޢަދަދަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން އެކޮމިޝަނުން ވަނީ 42 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ކޮމިޓީން އެކޮމިޝަނާއެކު މަޝްވަރާކޮށް ބަޖެޓުވަނީ ކުޑަކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.