މިއަދު މި ލިޔެލަން ގަސްދުކުރާ މައުޟޫޢަކީ މި ކޮލަމުގައި ލިޔަން ފަށާ އާ ސިލްސިލާ މައުޟޫޢުއެކެވެ. ބޭނުމަކީ މުދައްރިސުންގެ ދިރާސީ މަސައްކަތަށް އެހީތެރިވެދީ، އެކަމަށް އަހުލުވެރިކުރުވާ، އެކަން ފަށައިގަތުމަށް ބާރު އެޅުމެވެ. ކިޔަވައިދިނުމުގެ ދާއިރާގައި އެކްޝަން ދިރާސާއަކީ މުދައްރިސުން ކޮންމެހެން ބޭނުން ކުރަންޖެހޭ ދިރާސީ ގޮތެކެވެ. މި ސިލްސިލާގެ ދަށުންގެ ބައިތަކަކަށް ބަހައިލައިގެން ދުވަސްކޮޅެއް ވަންދެން ލިޔުމަށް ގަސްދުކުރަމެވެ. މިއަދު މި ހުށަހަޅާލެވެނީ ހަމައެކަނި އެކްޝަން ދިރާސާގެ ކުރު ތަޢާރަފެކެވެ. ކުރިއަށް އޮތްތާގައި އެކްޝަން ދިރާސާގެ މަސައްކަތް ރާވައި ކުރިޔަށް ގެންދާނެ ގޮތްތަކާއި އުކުޅުތަކާއި، އުސޫލުތަކަށް އަލިއަޅުވާލުމަށް ގަސްދުކުރަމެވެ.
މި ލިޔުމުގައި ލިޔެވެމުންދާނީ އެކްޝަން ރިސާރޗް/ދިރާސާގެ މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުން ދިރާސީ މަސައްކަތް ފަށައިގަތުމަށް އެހީތެރިވެދޭނެ މަޢުލޫމާތުކޮޅެއް ފޯރުކޮށްދިނުމަށެވެ. ޚާއްޞަކޮށް މުދައްރިސުންނާއި އަދި ދަރިވަރު މުދައްރިސުންނަށް އެމީހުންގެ ކުލާސްރޫމުގެ ތެރޭގެ ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރެވޭގޮތަށް ބަދަލުގެނައުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމަނާލެވޭނެ ބައިތަކެއް މިލިޔުމުގައި ކުރިޔަށް އޮތް ތާނގައި ހިމަނާލުމަށް ވިސްނަމެވެ. އެކްޝަން ދިރާސާގެ މަސައްކަތް ފަރުމާކޮށް، ތަންފީޒުކޮށް، އަދި އޭގެ އިތުރުން އެކްޝަން ދިރާސާގެ މަސައްކަތް ގެންދެވޭ ގޮތާއި ހަރުފަތްތައް ރަނގަޅަށް ވަޒަންކުރުމަށް ކުރާނެ ކަންތައްތައް ވެސް މި ލިޔުމުގައި ހިމަނާލެވޭނެއެވެ. މި ލިޔުމުން ފޯރުކޮށްދެވޭ ކަންކަމުގެ ތެރޭގައި މިފަދަ ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ސަބަބުން މުދައްރިސުންނަށް ކިޔަވައިދިނުން ހަރުދަނާ ކުރެވޭ ގޮތާއި އެކަންކަމުގެ ކާމިޔާބުކަމާ މެދު ރިވެލިކޮށް ވިސްނުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާ ގޮތް ބަޔާން ކުރެވޭނެއެވެ. އަދި ހަމައެހެންމެ، އެހެން މީހުންނާއެކު ކިޔަވައިދިނުމުގައި ބޭނުންކުރި ގޮތްތައް ހިއްސާކޮށް އެކަންކަމުގެ ފައިދާ އެހެން މުދައްރިސުންނަށް ވެސް ކުރެވިގެންދާނެ ގޮތާ ބެހޭގޮތުން އިޝާރާތް ކުރެވޭނެއެވެ.
އެކްޝަން ދިރާސާއަކީ މުދައްރިސުންގެ ކިޔަވައިދިނުމުގެ މަސައްކަތުގެ ޢިލްމީ ހޯދުންތަކުގެ ފެށުމެވެ. މިއީ ކޮންމެ މުދައްރިސަކު ވެސް ކިޔަވައިދިނުމުގައި ބޭނުންކުރަން ޖެހޭ ދީރާސީ ގޮތެކެވެ. އެކްޝަން ދިރާސާގެ އެންމެ ބޮޑު ޚާއްޞިއްޔަތަކީ އެންމެ ރަނގަޅަށް ކިޔަވައިދިނުމުގެ ގޮތްތައް ހޯދުމުގެ ރޫހެއް ކިޔަވައިދިނުމުގެ ތެރެއިން ފަރުމާކުރެވެމުން ދިއުމެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުން ކާމިޔާބުކުރުމާއި ކިޔަވައިދިނުމުގެ ދާއިރާއިގެ މަސައްކަތްތަކަށް ވެސް އާރޯކަމާއި ފާގަތިކަން އިތުރުވެއެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގެ ކުލާސްރޫމެއް ނަމަވެސް އެތަނަކީ އާދަޔާޚިލާފު ތަފާތު އިޖުތިމާޢީ މާހައުލެއްކަން ގަބޫލުކުރެވޭނެއެވެ. އެތަނަކީ ތަފާތު ޢާއިލާތަކުން، ތަފާތު ޘަޤާފަތްތަކުން، ތަފާތު ދީންތަކުން، ތަފާތު ހާލަތްތަކުން، ތަފާތު ދަރަޖަތަކުން، ތަފާތު ކުޅެދުންތަކުން، ތަފާތު ވިސްނުންތަކުން، މިނޫނަސް އެތައް ގިނަގުނަ ތަފާތުތަކެއް އެކުލެވޭ، ބައިވަރު ކުދިން ހިމެނޭ، އެއްކޮށް އެއްތަނަކަށް އެއްވެ ތިބޭ ތަނެކެވެ. މިތަނުގައި ގިނަ ފަހަރަށް ކިޔަވައިދޭން ހުންނަ އެކެއް ނުވަތަ ދެ މުދައްރިސަކީ މިހުރިހާ ތަފާތުތަކާ އެއް ބީދައަކުން މުޢާމަލާތުކުރަން އެނގޭ އެކި ދުވަސްދަވަހު އެކި ކަންކަމާއި ދިމާވާ ބައެކެވެ. ކޮންމެ ދުވަހަކީ އާ ދުވަހެއް ކަމަށް ބަލައިގެން، އާ އުނގެނުންތަކެއް، އާ ތަޖުރިބާތަކެއް، އާ ކަންތައްތަކެއް ފެންނަ ދުވަހަކަށް ވުމަކީ މުދައްރިސުންގެ ކިޔަވައިދިނުމުގެ މަސައްކަތުގައި އާންމު ކަމެކެވެ. އެއްދުވަހު ދިމާވާ ކަމެއް، އެއީ ވަކި ކުއްޖެއްގެ ފަރާތުން ފެނުނު ކަމަކަށްވާއިރު އަނެއް ދުވަހު އެއާ މުޅިން ޚިލާފުކަމެއް އެހެން ކުއްޖެއްގެ ފަރާތުން ފެނި ދެނިވުމަކީ ދުރުކަމެއް ނޫނެވެ. މިހުރިހާ ކަންކަމާއެކު، އެކްޝަން ދިރާސާފަދަ ގޮތްތައް ބޭނުންކޮށްގެން ނޫނީ ކިޔަވައިދިނުމުގެ ކަންކަން ގާތުން ބަލައި ކަންކަން އިސްލާހުގެ މަގުން ގެންގޮސް ދަރިވަރުންނަށް އެންމެ އެދެވޭގޮތަށް ކިޔަވައިދިނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކުލާސްރޫމުގެ މަސައްކަތުގައި އެކްޝަން ދިރާސާ މުހިންމުވަނީ މިހެންވެގެންނެވެ. މުދައްރިސުންނަކީ އެމީހުންގެ ކުލާހުގައި ހިނގާ ކަންކަމާމެދު ދިރާސީ ނަޒަރަކުން ވިސްނައި، ކަންކަމުގެ ރިކޯޑްތައް ބަލަހައްޓާ ޢީލުމީގޮތަކަށް ހެއްކާއި ގަރީނާއާއެކު ކިޔަވައިދިނުން ތަންޒީމު ކުރެވޭ ބަޔަކަށް ވާންޖެހެއެވެ. އެހެންނޫނީ ހަމަ ހީވާގޮތަކަށް ކަންކުރެވުމުގެ އާދަޔަށް ބަރޯސާވެވުމަކީ ކައިރިކަމެކެވެ. ނަމަވެސް ދިރާސީ ހެކިތަކާއި، ތަންޒީމުވަނިވި ގޮތްތައް ބޭނުންކޮށްގެން ފެންނަ ހަޤީޤަތްތަކާއެކު ކަންކަން އިސްލާހުގެ މަގުން ރާވައި ކިޔަވައިދިނުން އިންތިޒާމުކުރުމަކީ މުހިންމު ކަމެކެވެ. އެކްޝަން ދިރާސާގެ މުހިންމުކަން އަންގައިދޭ އެއްކަމަކީ މިދެންނެވުނު ފިލޯސަފީއަށް މުދައްރިސުން ފަރިތަވެ، ކަންކަންކުރުމުގެ އާދަ ހަރުލެއްވުމެވެ. ފިލާވަޅު ރާވައި ކުރިޔަށް ގެންދެވޭއިރު މަސައްކަތް ގެންދެވޭނީ ސީދާ ޢިލުމީ ވިސްނުމަކުންނެވެ. ހަމަ ހިތަށް އަރާގޮތަކަށް، ޚިޔާލުކޮށްލެވޭ ގޮތަކަށްވުރެ ބޮޑަށް، ހޯދޭ މަޢުލޫމާތުތަކަކާއި ފެންނަ ހެކިތަކެއްގެ އަލީގައި އެކްސްޕެރިމެންޓްކޮށް/އަޖުމަބަލައި ކަންވާގޮތް ދެނެގަތުމާ އެކުގައެވެ. މިއީ ކިޔަވައިދިނުމުގެ މަސައްކަތް ޢިލްމީކޮށް ކުރުމުގައި މުހިންމު ބައެކެވެ. މިގޮތަށް ކިޔަވައދިނުން ފަރުމާ ކުރެވެމުން ދާނަމަ، މުދައްރިސުންނަށް އެމީހުން ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތްތަކުގެ ކާމިޔާބުކަމާއި، ރަނގަޅު ނުރަނގަޅު، އަދި ދިމާވެދާނެ ގޮންޖެހުންތަކާއި، އުނދަގޫތަކާއި، ހައްލުކުރުމަށް ދަތި މައްސަލަތަކާއި މިފަދަ ކަންކަމުން އަރައިގަނެވޭނެ ގޮތްތައް ވެސް ޢިލުމީ ގޮތަކަށް ހޯދި ދިރާސާ ކުރެވެމުންދާނެއެވެ. މިކަމުގެ ސަބަބުން، ކިޔަވައިދިނުމުގެ ދާއިރާއިގެ ތިއަރީތަކާއި، އުސޫލުތަކާއި، ގޮތްތަކަށް އިތުރު ފަހިކަން އައިސް އެ ޢިލްމު އެތައް ގުނައަކަށް އިތުރުވެގެން ދިއުމުގެ ފުރުސަތު ހުޅުވެއެވެ.
އާންމުގޮތެއްގައި އެކްޝަން ދިރާސާއިން ހޯދޭ ހޯދުންތަކުގެ ސަބަބުން ކުލާސްރޫމުގެ ކިޔަވައިދިނުމުގެ މަސައްކަތާ ގުޅޭ ވަރަށް ގިނަ ތިއަރީތަކާއި، ކުދިންގެ އުނގެނުމާ ގުޅޭ ގިނަ ގޮތްތަކާއި ހޯދުންތައް ޝާއިޢު ކުރެވެމުންދެއެވެ. މިހެންކަމުން އެކްޝަން ދިރާސާއެއް ބޭނުންކޮށްގެން ކުރެވޭ ކޮންމެ މަސައްކަތަކީ ވެސް ޚާއްޞަކޮށް ކިޔަވައިދިނުމުގެ ދާއިރާއި ގުޅުވައިގެން ހަދާނަމަ، އެކަމާއި ގުޅޭ ޢިލުމީ ލިޔުންތަކާއި ވިސްނުންތައް އިތުރުވެގެންދާނެ ކަމެކެވެ. ކޮންމެ ގައުމެއްގައި ހެދިފައިވީ ނަމަވެސް އެހެން ގައުމުތަކުގެ ކުލާސްރޫމުތަކަށް ވެސް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭ ވަސީލަތަކަށް އެކްޝަން ދިރާސާގެ ހޯދުންތައް ވެއެވެ. މީގެ އެންމެ ބޮޑު ހެއްކަކީ އެހެން ގައުމެއްގައި ހަދާފައިވާ ދިރާސާއެއްގެ ހޯދުންތައް މިސާލަކަށް ދިވެހިރާއްޖޭގެ ކުލާސްރޫމެއްގައި ތަޖުރިބާކޮށްލާ އަޖުމަބަލައިލުމަށް މަސައްކަތްކޮށްފިނަމަ އެކަމުގެ ސަބަބުން އަނެއްކާ ޢިލްމީ އާ ވިސްނުންތަކަކަށް ޖާގަ ހުޅުވިގެންދާކަމެވެ. ކުރިން ހެދިފައިވާ ދިރާސީ ހޯދުންތަކުގެ އަލީގައި ކުލާސްރޫމެއްގައި އަޖުމަ ބެލިނަމަވެސް ނުވަތަ އާ ކަމެއް އަޖުމަބަލަމުން އެކްޝަން ދިރާސާ ހެދި ނަމަވެސް ކޮންމެ ގޮތަކުން ވެސް ކިޔަވައިދިނުމުގެ ޢިލްމަށް ލިބޭ ކުރިއެރުންތަކަކަށް އެކަން ވެއެވެ. ޢިލްމަކީ ހޯދިވަރަކަށް އިތުރުވާ ހުސްނުވާ އެއްޗެކެވެ. އެކްޝަން ދިރާސާއަކީ ޢިލްމީ އާ ޙަޤީޤަތްތައް ހޯދުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތަކެވެ.
އެކްޝަން ދިރާސާއަކީ ކުރެވޭ މަސައްކަތްތައް ގާތުން މޮނިޓަރކޮށް ބަލައި ކަންކުރެވޭ ގޮތް ތަންޒީމުވަނިގޮތަށް ވަޒަންކުރުމަށް ބޭނުންކުރެވޭ ދިރާސީ ގޮތެކެވެ. ކިޔަވައިދިނުމަކީ ކޮންމެ ދުވަހަކުވެސް އާ ކަންތައްތަކެއް ދިމާވާ މަސައްކަތަކަށްވެފައި އަދި ކުދިންގެ ކިބައިގައި ހުންނަ ގިނަ ވައްތަރުތަކެއްގެ ތަފާތުތަކާއެކު ކުރެވޭ މަސައްކަތްތަކަށްވާއިރު، އެކަން ކުރެވޭ ގޮތް ވަޒަންކުރުމަކީ ލާޒިމުކަމެކެވެ. އެހެންކަމުން ކިޔަވައިދިނުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ބާރު އެޅޭ އެއް އުސޫލަކީ ރިފްލެކްޓިވެ ޕްރެކްޓިސް/ފަސްއެނބުނރި ބަލައި ރިވެލިކުރެވެމުން، ކުރެވޭ މަސައްކަތަކަށް ވާންޖެހެއެވެ. ހަމައެހެންމެ މިދެންނެވުނު ފަސްއެނބުނރި ބެލުމުގެ މަސައްކަތަކީ ދާދި ގާތްގާތުން އަދި ގިނަގިނައިން ކުރަން ވެސް ޖެހޭނެ ކަމެކެވެ. މީގެ މާނައަކީ މިކަން ތަންޒީމުވަނިވި ގޮތަކަށް ނުގެންދެވޭ ނަމަ ކިޔަވައިދނުން ގެންދެވޭ ގޮތްތައް ގާތުން ބަލައި މޮނިޓަރކޮށް ރަނގަޅަށް ވަޒަން ކުރުމަށް ދަތިވާނެއެވެ.
މިދެންނެވުނު ފަސް އެނބުނރި ބެލުމުގެ މަސައްކަތް ކުރެވޭއިރު އެކްޝަން ދިރާސީ އުސޫލުތައް ބޭނުންކުރުމުން ލިބިދޭ ފައިދާއަކީ ކަމެއް ހިނގާ ގޮތް ހަމައެކަނި ސިފަކޮށް ދޭހަކޮށްދިނުމުގެ އިތުރުން، ކަމެއް ވަކިގޮތަކަށް ކުރުމުގެ ބޭނުންތެރިކަމާއި އެކަން އެގޮތަށް ކުރަންވީ ކީއްވެގެންކަން ދިރާސީ ހެކިތަކުގެ އަލީގައި ބަޔާންކޮށްދޭން އެނގުމެވެ. މުދައްރިސުން އެކްޝަން ދިރާސާގެ އުސޫލުތަކާއެކު ރިފްލެކްޓިވްކޮށް (ފަސްއެނބުރިބެލަމުން) މަސައްކަތްކުރުމަށް އާދަވެގެންދާއިރު ޢިލުމީ އަދި ދިރާސީ މަސައްކަތެއް ގޮތަށް ކިޔަވައިދިނުން ފަރުމާކުރުމުގެ އާދަޔާއި ގޮތްތައް ކިޔަވައިދިނުމުގެ ތެރެއިން ތަރައްގީވާން ފަށާނެއެވެ. ސަބަބަކީ ހެއްކާއި ގަރީނާތަކުގެ އަލީގައި ކުރެވޭ ކަންކަމުގެ ތަޖުރިބާތައް ހިއްސާކުރުމުގައި ޔަގީންކަމާއި އެ ހޯދޭ ހޯދުންތަކުގެ އާރޯކަމާއި ތާޒާކަމަކީ ޢިލްމީ އާ ހޯދުންތަކެއްކަން ހާމަވެގެން ދިއުމެވެ. ބައެއް ޢިލުމުވެރިން ހާމަކުރައްވާ ގޮތުގައި މިފަދަ ގޮތަކަށް އެކްޝަން ދިރާސާތަކުގެ އަލީގައި ވާހަކަ ދައްކާއިރު މުދައްރިސުން އާންމުކޮށް ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްކޮށާރާއި އުސްލޫބަށް ވެސް ބަދަލުއާދެއެވެ. މިސާލަކަށް ކުރިން 'އަހަރެންނަށް ހީވަނީ، އިހުސާސް ކުރެވެނީ' މިގޮތް ބޭނުންކުރެވުނު ނަމަވެސް އެކްޝަން ދިރާސާގެ އަލީގައި ވާހަކަ ދައްކާ މުދައްރިސުން ބޭނުންކުރާނީ 'އަހަރެންނަށް އެނގުނު ގޮތުގައި މިއުސްލޫބުންނެވެ (އިލިއޮޓް، 1991). މީގެ އިތުރުން ހަމަ މިލިޔުންތެރިޔާ ފަހުން ލިޔުއްވި ފޮތެއްގައި ހާމަކުރައްވާފައިވަނީ އެކްޝަން ދިރާސާގެ ސަބަބުން މުދައްރިސުންގެ ސިޓުއޭޝަނަލް އަންޑަސްޓޭނޑިން'/ހާލަތް ދެނެގަތުމުގެ ޤާބިލުކަން އތުރަށް ތަރައްގީވެގެންދާނެކަމަށެވެ (އިލިއޮޓް ،2011). މިނޫނަސް އެހެން ޢިލްމުވެރިން އެކްޝަން ދިރާސާގެ ސަބަބުން މުދައްރިސުންގެ ޢިލްމީ ފިކުރުތަކަށާއި ކިޔަވައިދިނުމުގެ ޢިލްމަށް ލިބޭ ތާޒާކަމުގެ ވާހަކައަށް އިޝާރާތްކުރައްވާފައިވެއެވެ. މިގޮތުން ސޯމެކް (1995) ލިޔުއްވާ ގޮތުގައި އެކްޝަން ދިރާސާއަކީ ކިޔަވައިދިނުން ފަރުމާކުރަމުންދާ މުދައްރިސެއްގެ އަމިއްލަ ޕްރޮފެޝަނަލް ޑިވިލޮޕްމެންޓް/ފަންނީ ކުރިއެރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު އެއް ވަސީލަތެވެ. މިކަމަށް ބާރުދީ ހޮޕްކިންސް (2014) ހާމަކުރައްވަނީ އެއީ މުދައްރިސުންގެ ކިޔަވައިދިނުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އިތުރުވާ ގޮތެއް ކަމަށެވެ.
މިއަދު މި ހިމަނާލެވުނީ އެކްޝަން ދިރާސާއާއި ބެހޭ ވަރަށް ކުޑަ މިންވަރެއްގެ މަޢުލޫމާތު ކޮޅެކެވެ. މިކަމާ ބެހޭގޮތުން އިތުރަށް ލިޔުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތުމާއެކު، އަދި މިކޮޅަމުގައި މި ލިޔާ ލިޔުންތަކަކީ ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްލުމުގެ ވިސްނުމުގައި ލިޔާ ލިޔުންތަކަކަށް ވާތީ، ދުވަސްކޮޅެއް ވަންދެން، އެކްޝަން ދިރާސާއާ ގުޅޭ ގޮތުން ލިޔަމުން ގެންދާނެ ވާހަކަ ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމުން މިއަދުގެ ލިޔުން ނިންމާލަމެވެ. އުއްމީދަކީ މި ސިލްސިލާގައި ލިޔެވެމުންދާ މަޢުލޫމާތަކީ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ ދާރިސަކަށް އަދި މުދައްރިސަކަށްމެ ބޭނުންތެރި އަދި ދިރާސީ މަސައްކަތާ ބެހޭ ގޮތުން ދިވެހިބަހުން ލިޔެވޭ މުހިންމު ޢިލުމީ މަޢުލޫމާތުތަކަށް ވުމެވެ. ކުރިޔަށް އޮތް ހަފުތާގެ ލިޔުމަށް އިންތިޒާރުކުރެއްވުމަށް ދަޢުވަތު އަރުވަމުން މިއަދުގެ ބައި ނިންމާލަމެވެ.
ރިފަރެންސް/ހަވާލާދޭ ލިޔުންތައް
Elliot, J. (1991). Action research for educational change. McGraw-Hill Education (UK).
Elliott, J. (Ed.). (2011). Reconstructing teacher education (Vol. 221). Routledge.
Hopkins, D. (2014). A teacher's guide to classroom research. McGraw-Hill Education (UK).
Somekh, B. (1995). The contribution of action research to development in social endeavours: a position paper on action research methodology. British Educational Research Journal, 21(3), 339-355.