މިފަހަރު މި ލިޔަނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުދައްރިސަކަށް ވެސް ވަރަށް މުހިންމު ކިޔަވައިދިނުމުގެ ގޮތަކާ ބެހޭ ގޮތުންނެވެ. އެއީ ކޮންމެ މަރުހަލާއެއްގައި ކިޔަވައިދޭ އިރު ވެސް މި ގޮތަކީ ކިޔަވައިދިނުމުގައި ބޭނުން ކުރެވޭ ހުނަރުވެރި އަދި ދަރިވަރުންގެ އުނގެނުމަށް އެހާމެ ބޭނުންތެރި ކިޔަވައިދިނުމުގެ ގޮތެކެވެ. މިއަދު މި ހުށަހަޅައިލަނީ އިންކުއަރީ ބޭސްޑް ލަރނިން ނުވަތަ ދިވެހިބަހުން ކިޔާނަމަ ހޯދައި ބަލައިގެން އުނގެނުން، މި ކިޔަވައިދިނުމުގެ ގޮތާ ގުޅޭ ގޮތުންނެވެ. އިންކުއަރީ ބޭސްޑް ލަރނިން/ހޯދައިބަލައިގެން އުނގެނުން މިއީ ކުރިން އަޅުގަނޑު ލިޔެފައިވާ އެކްސްޕީރިއެންޝަލް ލަރނިން މި ގޮތް ބޭނުންކޮށްގެން ދަރިވަރުންގެ އުނގެނުން ރޭވުމާއި ވަރަށް ގާތްކަމެއް ހުންނަ، މުދައްރިސާއި ދަރިވަރުންގެ ރޯލް ދާދި އެއްކަހަލަ ގޮތެއް ފާހަގަ ކުރެވޭ އުނގެނުމުގެ ގޮތެކެވެ.
އިންކުއަރީ އިނގިރޭސި ބަހުގައި ބޭނުން ކުރާ އެންމެ އާންމު މާނައިގައި ވެސް ސިފަކުރެވެނީ ކަންކަން ހޯދުމަށެވެ. މި މާނައާ ގުޅުވައިގެން ކިޔަވައިދިނުން ނުވަތަ އުނގެނުން ރޭވުމުގައި އުސޫލެއްގެ ގޮތުން ބެލެވޭނީ ހޯދާ ބަލައިގެން ކުރަން ޖެހޭ މަސައްކަތެއް ދަރިވަރުންނަށް ހަވާލުކުރުމާއެވެ. މާނައަކީ، ދަރިވަރުންގެ އުނގެނުމުގެ ހަރަކާތް ނުވަތަ މަސައްކަތް އޮންނަން ޖެހޭނީ ވަރަށް ބޮޑަށް އެ ކުދިންގެ ބައިވެރިވުމާއި ޢަމަލީ ގޮތުން ކަންތައްތަކެއް ކުރުމާ ސީދާ ގޮތުން ގުޅިފައެވެ. މުދައްރިސު ކިޔައިދޭ ބައިތަކެއް އަޑުއަހަން ތިބޭ އުސޫލާ ޚިލާފަށް ކުލާހެއްގައި މިގޮތް ބޭނުންކޮށްގެން ކިޔަވައިދޭ މަންޒަރު ސިފަ ކުރެވޭ އިރު ދަރިވަރުން ފެންނާނީ ބިޒީ/އަވަދިނެތި ތަފާތު ކަންތައްތަކެއް ކޮށްގެން އުނގެނޭ ތަނެވެ. ބައެއް ފަހަރު އެންމެ ގަޑިއަކަށް މިގޮތަށް އުނގެނުން ރޭވިދާނެއެވެ. އަނެއްބައި ފަހަރު މުޅި ހަފުތާއަށް ނުވަތަ މައުޟޫޢެއް ފެށިގެން ނިމެންދެން އަދި ހަމައެހެންމެ މުޅި ޓަރމަށް ވެސް އިންކުއަރީ ބޭސްޑް ކޮށް ފިލާވާވަޅުގެ ބައިތައް ރޭވިދާނެއެވެ. މި ގޮތަށް ކިޔަވައިދިނުމަށް ޓަކައި، ކިތަންމެ ގިނަ ނުވަތަ މަދު ވަގުތު ހޭދަވާ ގޮތަށް އުނގެނުން ރޭވި ނަމަވެސް ބޭނުމަކީ ދަރިވަރުންގެ މަސައްކަތްތާއި އަދި އެ ކުދިންގެ ބައިވެރިވުން ބޮޑުކޮށް މަޢުލޫމާތު ހޯދައިގެން ކަންތައްތަކެއް ކޮށްގެން އުނގެނެވޭ ގޮތަށް ފިލާވަޅުގެ ބައިތައް ރޭވުމެވެ.
ޑިކްޝަނަރީގައި އިންކުއަރީ މާނަ ކޮށްފައިވާ ގޮތަކީ މައުލޫމާތު ހޯދުން ނުވަތަ ސުވާލުތަކެއް މެދުވެރިކޮށްގެން ހަޤީޤަތް ހޯދުން މި މާނައިގައެވެ. އިންކުއަރީ ބޭސްޑް ލަރނިންއަކީ ދަރިވަރުންގެ ހިއްސާބޮޑުކޮށް އުގެނުމުގެ ޕްރޮސެސްތެރޭގައި ތަފާތު ހޯދުންތަކުގެ އަލީގައި ދަރިވަރުން އަމިއްލައަށް ވަރަށް ގިނަ ކަންކަން ކޮށްގެން ހަރަކާތްރިކޮށް ދިރާސާކޮށް އުނގެނުން ފަރުމާކުރެވޭ ގޮތެކެވެ. އިންކުއަރީ ބޭސްޑް ލަރނިންއަކީ ކޮންސްޓްރަކްޓިވިސްޓް އެޕްރޯޗްގެ ތެރެއިން އައިސްފައިވާ ކިޔަވާދިނުމުގެ ގޮތެކެވެ. މިބާވަތުގެ މައިގަޑުގެ ސިފަތަކަކީ:
* ކިޔަވާދިނުމާ އެއްވަރެއްގެ ސަމާލުކަމެއް އުނގެނުމުގެ ޕްރޮސެސް/މަސައްކަތަށް ދިނުން (ކޮމުޔިނިކޭޓްކުރުން، ރިފްލެކްޓްކުރުން، ކޮލެބޮރޭޓްކުރުން، އަނަލައިޒުކުރުން)
* ދަރިވަރުންނާއި މުދައްރިސާއި ދެބައި މީހުން ވެސް އުނގެނޭ ބައިތަކާއި ބެހޭގޮތުން ކިއުރިއަސް (ޚާއްޞަ/ފުން ޝައުޤުވެރިކަމެއް) އޮތުން
* ދަރިވަރުންގެ އަޑު/ހިއްސާ ބޮޑު ދައުރެއް އަދާކުރުން
* ކުރިން އެނގިފައިވާ އެއްޗެއްގެ ދައުރު ބޮޑުވެފައި އަލަށް އުނގެނޭ އެއްޗަކާ ގުޅިލާމެހިގެންދިއުން
* ކޮންސެޕްޓް/މަފުހޫމުތަކުގެ އަންޑަސްޓޭޑިން (ދޭހަވުން) އިތުރުވެ އެއާ ގުޅޭ ގޮތުން ދަރިވަރުންގެ ހިތުގައި މުހިންމު ސުވާލުތައް އުފެއްދުން
* ދަރިވަރުންގެ ޙަރަކާތްތެރި ބައިވެރިވުމާ އެކު ނޮލެޖް/މަޢުލޫމާތުގެ ދޭހަ/އަންޑަސްޓޭންޑިން އަމިއްލައަށް ބިނާކުރުން
* ދޭދޭ ކުދިންގެ ވާހަކަދެއްކުމާއި ބައިވެރިވެ ކުރެވޭ މުޢާމަލާތާއި މަޝްވަރާގެ ތެރެއިން އުނގެނުން ހިނގުން/ކުރިއަށް ދިޔުން
* ރިފްލެކްޝން(ރިވެލިކުރުން)، މެޓާކޮގްނިޝަން (ވިސްނުން ހިނގާގޮތް) އަދި ވިސްނުމުގެ ހަރުދަނާކަން ވަރަށް ބޮޑަށް އަގުވަޒަންކުރެވި އެފަދަ ވިސްނުންތަކަށް ފުރުޞަތު ފަހިކޮށްދެވޭނެ ގޮތްތައް އުނގެނުމުގެ މާހައުލުގައި ރޭވިގެން ދިއުން
* ވަޒަންކުރުން ފޯމެޓިވްކޮށް ނުވަތަ އުނގެނުން ފަހިވެ ދެމިގެންދާ ގޮތަށް ފީޑްބެކްދެމުން އުނގެނެވެމުންދާ މިންވަރު އަބަދުމެ ބެލެމުންދާ އުޞުލުތަކެއް ކަނޑައެޅިފައިވުން
* އުނގެނޭ އެއްޗަކުން ކުރާ ކަންތަކަކަށް މަގުދެއްކުން، މާނައަކީ އެނގެމުންދާ އެއްޗެއް ބޭނުންކުރާނެގޮތާއި އެ މަޢުލޫމާތާއި ހުނަރު ބޭނުންހުރި، މާނަހުރި ގޮތެއްގައި ބޭނުންކުރާނެ ގޮތާއި، ބޭނުންކުރަން ޖެހޭ ހާލަތާއި ވަގުތު އެއިން ވާނެ ފައިދާތަކާއި އިތުރަށް ހަރުދާނާކުރާނެ ގޮތާއި އަދި މުސްތަގުބަލުގައި ކުރާ ކަމަކާ ގުޅިގެން ދަނީ ކިހނެއްތޯ ވެސް ޚިޔާލު ކުރެވުން.
އިސްވެދިޔަ ސިފަތައް ހިމެނޭގޮތަށް ރޭވޭ އިންކުއަރީ ބޭސްޑް ލަރނިން ގެންދާ ޕްރޮޖެކްޓެއްގައި މައިގަނޑު 3 ހަރުފަތެއް ވަރަށް މުހިންމުވާނެއެވެ. އެއީ ޕްރީޕްލޭނިން، ބްރެއިން ސްޓޯރމިން، އަދި ކުއެސްޗަނިންއެވެ.
ކުރިން ދެންނެވި 3 ހަރުފަތާއެކު އިންކުއަރީ ބޭސްޑް ލާރނިން ބޭނުންކޮށްގެން އުނގެނުން ފަރުމާކުރުމުގައި މައިގަޑު 4 ކަމެއް ދަރިވަރުންލައްވާ ކުރަންޖެހެއެވެ. އެއީ
(1) ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން، އިތުރަށް ހޯދުމަށް ތަފާތު ސުވާލުތައް އުފެއްދުން
(2) ދެވިފައިވާ މައުޟޫޢާ ގުޅޭ ގޮތުން ހޯދައި، ދިރާސާކޮށް ފޮތްތަކުންނާއި، އިންޓަރނެޓުންނާއި، އެނޫން ވެސް މަޢުލޫމާތު ލިބޭނެ އެހެނިހެން ވަސީލަތްތައް ދެނެގަނެ، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން
(3) ފޮތްތަކުންނާއި އެކިއެކި ރިސޯސްސްތަކުން ހޯދުނު މަޢުލޫމާތުތައް ރަނގަޅަށް ދޭހަކޮށް މާނަކުރުން
(4) ހޯދުންތަކަށް ރިޕޯޓްލިޔެ ހުށަހަޅުން، އަދި މިއާއެކު ދަރިވަރުންނަށް އެނގުނު ބައިތަކާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވިސްނައި، ރިފްލެކްޓު/ރިވެލި ކުރުމާ އެކު އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަން ނޯޓްކުރުން.
މިދެންނެވި ކަންކަމަކީ މުޅިން ވެސް ދަރިވަރުން އުނގެނުމުގެ މަސައްކަތުގައި ކުރާކަންކަމެވެ. ދަރިވަރުން މި ކަންކަން ކުރާއިރު މުދައްރިސުގެ ހަމައެކަނި ދައުރަކީ ގާތުން ބަލައި، ކަންހިނގާ ގޮތް އޮބްޒާވްކޮށް އިރުޝާދު ބޭނުންވާ ހާލަތްތަކުގައި އިރުޝާދު ދިނުމެވެ. މާނައަކީ އާންމުކޮށް މުދައްރިސު ކުރާނެ ކަމަކީ އެކި ގުރޫޕްތަކުގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަދައްކައި ސުވާލުކޮށް އިތުރު އެއްޗެއް/އިރުޝާދެއް ބޭނުންވާ ހާލަތެއްގައި އެ އިރުޝާދެއް ދިނުމެވެ.
މިފަހަރު މިލެޔެލެވުނު މައުޟޫޢަކީ ވެސް ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކަށްމެ މުހިންމު އަދި ބޭނުންތެރި މަޢޫލޫމާތުކޮޅެކެވެ. ބައެއް ފަހަރު މިފަދަ މަޢުލޫމާތުތައް ހަމައެކަނި އެނގިފައި އޮތުމަށް ވުރެ ސީދާ ޢަމަލީ ގޮތުން އެމީހެއް ކިޔަވައިދޭ މާހައުލުގައި އެ ކަންކަން ބޭނުންކޮށްގެން ދަރިވަރުންގެ އުނގެނުން ރޭވުން މުހިންމެވެ. އެހެން މިދެންނެވީ، ގިނަ ބޭފުޅުންނަށް ކިޔަވައިދިނުމުގެ މި ގޮތްގޮތާ ބެހޭގޮތުން ގިނަ ޞަފުހާތަކެއް ލިޔެ ވާހަކަ ދެއްކުމަކީ ދަތިކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައި ވެސް ކުލާހުގައި އުނގެނުން ރާވާއި ބަޔާން ކުރެވިދިޔަ އުޞޫލުން އުނގެނުން ފަރުމާކޮށް ކުރިޔަށް ގެންދިޔުމަކީ ދުރާލައި ވިސްނައި ވަރަށް ޚާއްޞަ ގޮތްތަކެއް އެކަމުގައި ހިމެނޭ ގޮތަށް ރޭވޭ މަސައްކަތްތަކެކެވެ. ނަމަވެސް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިފަދަ ގޮތްތައް ރޭވިގެން ނޫނީ މި ޒަމާނުގެ ކިޔަވައިދިނުމުގައި އަޅުގަނޑުމެންގެ އާ މަންހަޖުގައިވާ ބީދައިން ކިޔަވައިދިނުން ފަރުމާއެއް ނުކުރެވޭނެ ވާހަކައެވެ. ހަމައެކަނި ސްކޫލު/މަދަރުސާގެ ކިލާސްރޫމުތަކުގައި އެކަންޏެއް ނޫނެވެ. ޔުނިވަރސިޓީ ފަދަ މަތީ ތަޢުލީމު އުނގެނޭ މާހައުލުތަކުގައި ވެސް މިއީ ބޭނުންކުރުން މުހިންމު އުނގެނުމުގެ އަދި ކިޔަވައިދިނުމުގެ ގޮތެކެވެ. އަޅުގަނޑުގެ އުންމީދަކީ މިފަދަ ގޮތްތަކާ ބެހޭގޮތުން ހަމައެކަނި ވާހަކަ ދައްކާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ކަންކަން ހިމަނައިގެން އުނގެނުން ރާވާ ބަޔަކަށް އަޅުގަނޑުމެން ހުރިހާ މުދައްރިސުންނާއި ދާރިސުން ވެސް ވުމެވެ. ކިޔަވައިދިނުމާއި ގުޅޭ ޢިލުމަކީ އަބަދުވެސް އިތުރަށް ދަސްކުރަންޖެހޭ، ހޯދާ އަޖުމަ ބަލަންޖެހޭ ކިޔަވައިދިނުމުގެ ތެރޭގައި ބޭނުން ކޮށް ތަންފީޒު ކުރަންޖެހޭ ޢިލުމެކެވެ. އެހެންކަމުން ކިޔަވައދިނުމާއި ގުޅޭ މަޢުލޫމާތުތަކަކީ ފޮތްފޮތުގައި ލިޔެ، ސިކުނޑީގައި ބަރިބަރިޖަހާފައި ބަހައްޓާ ޚިޔާލުތަކަކަށް ވުރެ، ސީދާ ކިޔަވައިދިނުމުގެ މާހައުލުގެ ތެރެއިން ތަންފީޒު ކުރެވޭ ކަންކަމަށް ހެދުން މުހިންމެވެ.