ފަލަސްތީނާއި އިތުރު ބައެއް ގައުމުތަކަށް ނޮންރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ފަލަސްތީނާއި އިތުރު ބައެއް ގައުމުތަކަށް ނޮންރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ. 

ފަލަސްތީނުގެ ނޮންރެޒިޑެންޓް ސަފީރަކަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވީ ސަޢޫދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގ. އުތުރުގޭ މުޙައްމަދު ޚަލީލެވެ. މިއީ ރާއްޖެއިން ފަލަސްތީނަށް ނޮންރެޒިޑެންޓް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ. 

ފަލަސްތީނުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ނޮންރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ހަތް ބޭފުޅަކަށް މަޖިލީހުން ވަނީ ރުހުން ދެއްވައިފައެވެ. އޭގެތެރޭގައި ހިމެނެނީ ޔޫކްރޭންގެ ނޮންރެޒިޑެންޓް ސަފީރުކަމަށް  ޖަރުމަނުވިލާތަށް ކަނޑައަޅައިފައިވާ ސަފީރު ހ. ސީވީޑް އަޙްމަދު ލަޠީފެވެ.  އަޒަރްބައިޖާންގެ ނޮންރެޒިޑެންޓް ސަފީރަކަށް އިންޑިއާއަށް ކަނޑައަޅައިފައިވާ ސަފީރު ހ. ނިޔާސާ ޑރ. ޙުސައިން ނިޔާޒެވެ. އޮސްޓްރޭލިއާ އަދި ސައުތު އެފްރިކާގެ ނޮންރެޒިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅައިފައިވާ ސަފީރު  ހ. ހިކިފިނިފެންމާގޭ ޢުމަރު ޢަބްދުއްރައްޒާޤެވެ.  އިޓަލީއާއި ތުރުކީ އަދި ރިޕްބަލިކް އޮފް އޮސްޓްރިއާގެ ނޮންރެޒިޑެންޓް ސަފީރުކަމަށް ރާއްޖެއިން ޖެނީވާއަށް ކަނޑައަޅައިފައިވާ ދާއިމީ މަންދޫބު ގ. ފަރުކަނި ޑރ. ޢާޞިމް އަޙްމަދެވެ. މިސުރުގެ ނޮންރެޒިޑެންޓް ސަފީރަކަށް ޔޫއޭއީއަށް ކަނޑައަޅައިފައިވާ ސަފީރު، ހ. މިސްޓީލޮޖް އާމިނަތު ޝަބީނާއެވެ. ނިއުޒިލޭޑުގެ ނޮންރެޒިޑެންޓް ސަފީރަކަށް ސިންގަޕޫރަށް ކަޑައަޅައިފައިވާ ސަފީރު ހ. ޖެހޭވައި  އިބްރާހީމް ޝަހީބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.