
ދިވެހިރާއްޖެއިން ސިންގަޕޫރަށް އައްޔަންކުރައްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހ. މީނާޒް، ހަމްދޫން ހަމީދު އައްޔަންކުރައްވާން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ. ހަމްދޫނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުއްވައިފައެވެ.
ހަމްދޫނަކީ ޕީޕީއެމްގައި މިހާރު ޖެހިފައިވާ މައްސަލަތައް ހައްލު ކުރައްވައި ޕާޓީ ހަމަޔަކަށް އެޅުއްވުމަށްޓަކައި މައުމޫނު އުފެއްދެވި މަޝްވަރާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ޕީޕީއެމްގެ ދެ ކޮޅުން ކުރެ ކޮޅަކުން ހިންގި އެއްވެސް ކަމަކުން ހަމްދޫން ފެނިފައެއް ނުވެއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫނަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2008 ވަނަ އަހަރު މައުމޫނުގެ ވެރިކަން ނިމުނު ފަހުން ހަމްދޫން ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރައްވައެވެ. އެހެންނަމަވެސް ކުރީގެ ޑީއާރްޕީއާއި ޕީޕީއެމްގެ އިސް މަގާމުތަކެއް ފުރުއްވިއެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހަމްދޫނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ ތާވަލު ކޮށްފައެވެ. ހަމްދޫން ހަމީދަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި ރައީސުލްޖުމްހޫރިއްޔާ ޔާމީންގެ ބޭބޭފުޅު ޢަބްދުﷲ ޙަމީދުގެ ދޮށީ ދަރިކަލުންނެވެ.