މާދަމާ ރެއިން ފެށިގެން ފުވައްމުލަކުގައިވެސް ކާފިއު ހިންގަނީ

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާދަމާ ރެއިން ފެށިގެން ފުވައްމުލަކުގައިވެސް ރޭގަނޑު 8:00 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. 

ކާފިއު ހިންގަން ހަމަޖައްސައިފައި ވަނީ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އެޅުމަށް ނިންމައިފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައެވެ. ފުވައްމުލަކުގައިވެސް މާދަމާރެއިން ފެށިގެން ހަފަތާއަކަށް ކާފިއު ހިންގާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އައްޑޫގައި ވެސް މިމަހު 10 އިން ފެށިގެން ރޭގަނޑު އަށަކުން ފަތިހުހަތަރަކަށް ދަނީ ކާފިއު ހިންގަމުންނެވެ. މި ފިޔަވަޅުތައް އަޅަން ނިންމަވައިފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ. ފުވައްމުލަކުގައިވެސް މާދަމައިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. 

ހަތް ދުވަހަށް އަޅާފައުވާ ހާއްސަ ފިޔަވަޅުތައް:

1. ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

 2. ރޭގަނޑު 00:8 އިން ފެށިގެން ފަތިހު 00:4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން. 

3. އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

 4. އެއްފަހަރާ 3 (ތިނެއ ް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން. 

5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

 6. ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. 

7. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން. 

8. ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

 9. ޔުނިވަސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

 10. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓު ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ. 

ކާފިއު ވަގުތު އިސްތިސްނާވާ  ފަރާތްތައް: 

1 .ސިފައިންނާއި ފުލުހުން.

 2 .ސިއްހީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

 3 .އެމްބިއުލަންސް. 

4 .އައްޑޫ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް. 

5 .އެމެޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް. 

ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.