ކޮންމެ ގެއެއްގައި ވެސް ވިޔަފާރިކުރަން ބާޒާރަށްދާން ކޮންމެވެސް އެކަކު ބެހެއްޓުމަކީ އާދައަކަށް ހަދަންޖެހޭ ކަމެށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓާރ ގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އެމީހާ އަކީ އަބަދުވެސް އެކްސްޕޯޒްވާ މީހާއަށް ހަދަންޖެހޭކަމަށާއި އެމީހަކު ގެއައް އަންނަ ކޮންމެ ފަހަރަކު އާދަވެ އަތް ދޮންނަ ގޮތަށް ހަދަންޖެހޭކަމަށެވެ. އަދި ބާޒާރަށް ދާ މިންވަރު މަދުކޮށް ހަފްތާއަކު އެއްފަހަރު ފިހާރައަށް ދާންޖެހޭ ގޮތަށް ހަދަންޖެހޭކަމަށެވެ.
އަދި ގެއިން ބޭރަށް ގޮސްފައި އައިސް ފިހާރައިން ގަތް އެއްޗެހި ސާފުކޮށް، ރަގަޅަށް ސައިބޯނި ލައިގެން އަތް ދޮންނަން ޖެހޭކަމަށާއި އެއަށްފަހު މުޅި ގައި ދޮވެ، ލައިގެން ހުރި އަންނައުނުތައްވެސް ދޮންނަން ވަކި އެއްޗަކަށް އަޅަންޖެހޭ ކަމަށެވެ. މިގޮތަށް އަމަލުކުރުމުން ވަރަށް ފުރިހަމައަށް ރައްކާތެރިކަން ލިބޭނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ގޭގެއަށް މީހުން އައުމުގެ ފުރުސަތު ނުދިނުމަށާއި ގޭގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަށް ކަމަށްވާ އުމުރުން 65 އަހަރުން މަތީގެ މީހުން ނުވަތަ ދާއިމީ ފަރުވާ އެށް ހޯދަމުންދާ ބައްޔެއް ހުންނަ މީހުން ނުވަތަ 5 އަހަރުން ދަށުގެ ކުއްޖަކު ހުންނަނަމަ އެފަދަ ފަރާތްތަކާއި މުއާމަލާތް ކުރުމަށް ވަކި ބަޔަކު ބޭތިއްބުމަށް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. އަދި އެފަދަ މީހުންނަކީ ބާޒާރަށް ދާ މީހުންގެ ގޮތުގައި ވެގެން ނުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެށް ކަމުން ޑެންގީ ފެތުރުން އެކަށީގެންވާތީ މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރޭގައި ހުންނަ މަދިރި އުފެދި އާލާވާނެ ތަންތަން ސާފުކޮށް ނައްތާލުން މުހިއްމު ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. މީގއިތުރަށް ގެއަށް އައިސް ބާޒާރުން ގެންނަ އެއްޗެހި ދޮވެ ސާފުކުރުމަށާއި، ޑެލިވަރީކޮށް ގެންނަ ކާބޯތަކެތި އެހެން ތަށްޓަކަށް ބަދަލުކުރުމަށްފަހު އޭގެ ޕެކޭޖިންގް އުކާލުމަށް ޑޮކްޓަރު ނަސޭހަތް ދެއްވިއެވެ.