ކޮރޯނާވައިރަހަކީ ވައިގެތެރޭގައި ފެތުރި އިންސާނުންނަށް ނުރައްކައު ކުރަމުންދާ ވައިރަހެއްކަމުގައި ދުނިޔޭގެ 12 ގައުމެއްގެ 230 އަށްވުރެ ގިނަ ސައިންސްވެރިން ބުނެފިއެވެ.
މީގެ ކުރިން ގިނަބަޔަކަށް ގަބޫލުކުރެވިފައި އޮތީ ކެއްސުމުންނާއި ކިނބިހިއެޅުމުންނާއި ކުޅުގެ ޒަރީއާއިން ކޮރޯނާވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އާންމުކޮށް ފެތުރެމުންދާކަމަށެވެ. ނަމަވެސް ސައިންސުވެރިންގެ އައު ދިރާސާތަކުން ކޮރޯނާވައިރަސް ވައިގެ ޒަރީއާއިން ފެތުރެމުންދާކަން މިހާރު ވަނީ ސާބިތުވެފައެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ހާމަކުރިގޮތުގައި 12 ގައުމެއްގެ 239 ސައިންސްވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ހުށަހަޅާފައި ވަނީ ކޮރޯނާވައިރަސްއިން ސަލާމަތްވުމަށް އެތަނުން ދޭ ލަފާ އިތުރަށް ދިރާސާކުރުމަށެވެ.
މި ހަފުތާގައި ނެރުނު ސައިންސް މަޖައްލާއެއްގައި ސައިންސް ވެރިންގެ ހުށަހެޅުންތައް ހާމަކޮށްފައިވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ކޮރޯނާވައިރަސްއަކީ ވައިގެތެރޭގައި ފެތުރޭއެއްޗެކެވެ. ބަންދުތަންތަނުގައި ވައިރަސް އެނބުރެމުންދެއެވެ. އަދި ބަންދު ތަންތަނާއި ހާމަތަންތަނުގައި ދައުރުވަމުން އެނބުރެމުންދާ ވައިރަސް ނޭވާލުމުން އިންސާނުންގެ ހަށިގަނޑަށް ވަދެގެންދެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ބުނެފައިވަނީ ނޭވާލުމުންނާއި ކެއްސުމުން ކުޅާއެކު ވައިރަސް ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުން ގަޔަށް ވައިރަސް އަރަމުންދާކަމަށެވެ. ކޮރޯނާވައިރަހަކީ އިންތިހާއަށް ކުދި ހަމަލޮލަށް ނުފެންނަ އަދި އިންތިހާއަށް ލުއި އެއްޗަކަށްވުމުން ވަޔާއެކު ދައުރުވަމުން ދެއެވެ.
ނިއުޔޯކް ޓައިމްސްއިން ބުނިގޮތުގައި ކޮރޯނާވައިރަސް ވައިގެ ޒަރީއާއިން ފެތުރެމުންދާކަމަށްވާނަމަ އެއިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް އަޅަމުންއައި ފިޔަވަޅުތަކުގެ އިތުރަށް އެހެން ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. އެގޮތުން ގެއިން ބޭރުގައި މާސްކު އަޅައިގެން އުޅޭގޮތަށް ގޭތެރޭގައި އުޅޭއިރުވެސް މާސްކު އަޅަންޖެހޭނެއެވެ. އަދި ގައި ދުރުކުރުމުގެ ކަންތައް ބަހައްޓަންޖެހެނީ ތިންފޫޓަށްވުރެ ވެސް ދުރުގައެވެ. އަދި ވެންޓިލޭޓަރ ބޭނުން ކުރާގޮތްތަކަށް ވެސް ބަލަދުގެނެސް ވައިނުސާފުވުން ކުޑަކުރުމަށް ރައްކާތެރިކަމުގެ އިތުރުފިޔަވަޅުތައް އަޅަންޖެހޭނެއެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ފުރަބަންދުކޮށްގެން އުޅުމަށްފަހު ފުރަބަންދު އުވައިލުމުންނާއި ފުރަބަންދަށް ލުއިދިނުމުން އެ ގައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. އެހެންވާންޖެހުނީ ވިޔަފާރިތައް ހުޅުވައި ގައިގޯޅިވެއުޅުމުގެ ސަބަބުންކަމަށް ކުރިން އޮތީ ބެލެވިފައެވެ. ނަމަވެސް ސައިންސްވެރިންގެ އައު ހޯދުންތަކަށް ބަލާއިރު އެހެންވާންޖެހުނީ ކޮރޯނާވައިރަސް ވައިގެ ޒަރީއާއިން ފެތުރޭތީކަމަށް ބެލުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ.