އުޅަނދުފަހަރު ދުއްވުން ވަކި މުއްދަތެއް ނެތި މަނާކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެންގުމެއްގައި ވަނި ކޯވިޑް ކޮންޓްރޯލު ކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅިފަޅާއި، ހުޅުލޭގައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މި ފިޔަވަޅުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާ ވާނެކަމަށެވެ.
- ސިފައިންނާއި ފުލުހުން.
- ސިއްހީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު .
- އެމްބިއުލަންސް.
- ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
- އެމެޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަން ޖެހޭ ފަރާތްތައް.
ކޯވިޑުން ރައްކާތެރި ވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ރޭގަނޑު 11 އިންފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ރޭގަނޑު 08:30 ފެށިގެން ފަތިހު 04:30 އަށް އޮތީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް މަނާކޮށްފައެވެ.
މިމަހު ދެވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، އެހެން ހުރިހާ ކުޅިވަރު ހަރަކާތަކާއި ކަސްރަތުގެ ހަރަކާތްތައްވެސް އޮތީ ދެ ހަފުތާއަށް ހުއްޓުވައިފައެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ކަސްރަތު ކުރުމުގައި އެ މީހަކާ އެކުގައި ދިރިއުޅޭ އެހެން މީހަކަށް ބައިވެރިވެވިދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ޔުނިވަސިޓީތަކާއި ޕްރީ ސްކޫލްތަކަށް ހާޒިރުވެ ކިޔެވުންވެސް އޮތީ ދެހަފްތާއަށް މަނާކޮށްފައެވެ. އަދި ޑޭކެއަރ ޚިދުމަތް ވެސް އޮތީ ދެހަފްތާއަށް ބަންދުކޮށްފައެވެ.