ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދާޅުވީ އިންތިޚާބާ ގުޅިގެން އެކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ހުއްޓުމެެއް ނެތި ކުރަމުންދާކަމަށެވެ. ނަމަވެސް ކޯވިޑްގެ ޙާލަތުގައި އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް މަޖިލީހާ ހިއްސާކުރުމުގައި ގޮތެއް ނިންމަވާނީ މާދަމާ ބާއްވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހުގައި ކަމަށެވެ. މާދާމާ ބާއްވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި މިކަމާމެދު މަޝްވަރާކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އީސީގެ ރައީސް ވިދާޅުވެފައިވަނީ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އެކޮމިޝަނަށް ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި އިންތިޚާބަށް ކުރަންޖެހޭ ޚަރަދުވެސް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
އީސީގެ ރައީސް ޝަރީފު ވިދާޅުވީ ކުރިން ލަފާކުރެވިފައި އޮތީ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް 44.9 މިލިއަން ރުފިޔާ އިތުރަށް ބޭނުން ވާނެކަމަށެވެ. ނަމަވެސް ގައިޑްލައިންގައި ވާ އުސޫލުތަކާ އެއް ގޮތަށް އިންތިޚާބު ބޭއްވުމަށް ދާނެ ޚަރަދުގެ ސީދާ އަދަދެއް މާދަމާ ކަނޑައެޅޭވަރު ވާނެކަމަށެވެ. ކުރިން އަންދާޒާކުރި އަދަދަށް ބަލާއިރުވެސް އިންތިޚާބު ބޭއްވުމަށް ޖުމުލަ ޚަރަދުގެ ގޮތުގައި 95 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. އީސީ އަށް މިއަހަރު ދިން ބަޖެޓްގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ 51.7 މިލިއަން ރުފިޔާއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ލަސްކުރަން ސަބަބާއި ހުއްޖަތް ހޯދުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވަން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
އީސީގެ ރައީސް ވިދާޅުވީ އެންމެ ފަހުން ޤާނޫނަށް ގެނައި އިސްލާހު ގައި، އެއްވެސް ސަބަބަކާހުރެ އިންތިޚާބު ބޭއްވުމަށް ހުރަހެއް އެޅިއްޖެނަމަ އެ ހުރި ހުރަސްތައް މަޖިލީހަށް އަންގަންޖެހޭނެކަމަށް ބުނެފައިވާކަމަށެވެ.
އެންމެ ފަހުން އިންތިޚާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އިންތިޚާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީޚުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން، ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.