ވޯޓުލާ މަރުކަޒު ތަކުގައި މަސައްކަތްކުރާ މީހުންގެ އެލަވަންސް ބޮޑުކޮށްފި

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި ވޯޓުލާމަރުކަޒުތަކުގައި ޙަރަކާތްތެރިވާ މީހުންނަށް ދޭ އެލަވަންސް މިފަހަރުވާނީ ބޮޑުކޮށްފައި ކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީ އަހުމަދު ޝަރީފް އާދަމް މިރޭ ވިދާޅުވީ އެލަވަންސް ބޮޑު ކުރުމުން ވޯޓުފޮށްޓާ ހަވާލުވެގެން ހުންނަ އިސްވެރިޔާއަށް އަށާރަ ސަތޭކަ ރުފިޔާ ލިބޭނެ ކަމަށެވެ. އޮފިޝަކަށް ފަނަރަ ސަތޭކަ ރުފިޔާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވޯޓުލުމަށްފަހު ވޯޓު ގުނުމަށް ނަގާ މީހަކަށް ބާރަސަތޭކަ ރުފިޔާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެލަވަންސް ބޮޑުކުރިޔަސް އަދިވެސް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަނުވާ ކަމަށެވެ. ޖުމްލަ ބޭނުންވަނީ ހަ ހާސް ތިންސަތޭކަ އަށްޑިހަ އޮފިޝަލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ލިބިފައިވަނީ ހަތަރުހާސް އެކާޅީސް މީހުންކަމަށް އޭނާ ވިދާޅުވިއެވެ. އެއީވެސް ކަށަވަރު ޢަދަދެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ފަހަރަކުވެސް އޮފިޝަލުން ލިބުމުގެ ދަތިކަން އީސީއަށް ކުރިމަތިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިއިންތިޚާބުގެ ރަސްމީ ކެމްޕޭނަށް ހުޅުވާލާނީ ވޯޓަރސް ލިސްޓުގައި ސޮއިކޮށް ނިމި ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބުކޮށް ނިމުމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެޕްރީލް 3 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ކެމްޕޭން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާލޭ ސިޓީގައި ފެށޭނީ މާރިޗު 4 ވަނަ ދުވަހުގެރޭ 9:00 ގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީގައި ގުރުއަތުލުން ކުރިއަށްދޭނެ ގޮތް ފަހުން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ރަށްރަށުގައި ގުރުއަތުލުން ކުރިއަށްދާނީ މާރިޗު 4 ވަނަދުވަހު ހެނދުނުން ފެށިގެން ނިމެންދެކަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.