
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.
އޭނާގެ އިސްތިއުފާއާ ގުޅޭގޮތުން ރައީސް އޮފީހުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާދެއްވާފައިވާކަން ބައެއް މީޑިއާތަކަށް އޭނާ ވަނީ ޔަޤީންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ކަންކަމަށް ވަގުުތު ހުސްކުރައްވަން މިވަގުތު ބޭނުންވާތީކަމުގައެވެ.
މިދިޔަ އަހަރު ޙަސަން ޢިސްމާޢީލާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މީޑިއާގައިވަނީ ފެންމަތިވެފައެވެ. އެއީ "ދި އެޑިޝަން"ގެ އެޑިޓަރު ރާޢިއާ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެކެވެ. މިމައްސަލައިގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް އޭރު ގޮވާލައްވާފައިވެއެވެ.
މިއީ 2019 ވަނަ އަހަރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ޚަބަރުލިބެއެވެ. އެހެންނަމަވެސް މިހާތަނަށް މިކަމުގައި އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.