އެއީ 1898 ވަނަ އަހަރެވެ. މީގެ 123 އަހަރު ކުރިއެވެ. އެއީ ، އެމެރިކާގެ ތާރީޚުގައި ގެނެވުނު ހަމައެކަނި ބަޣާވާތުން މުޅި އެމެރިކާ ސިއްސުވާލި ޙާދިސާއެވެ. އެމެރިކާގެ ބަނދަރުމަތީ ސްޓޭޓެއްކަމަށްވާ އުތުރު ކެރޮލައިނާ ގެ ވިލްމިންގްޓަން އަށް ދޮން ނަސްލަށް ނިސްބަތްވާ ކަމުވޮށީވެގެންވާ އަދި ބާރުވެރި އެތައްބަޔަކު އެއްވިއެވެ. އެދުވަސްވަރު ، އެއީ އެމެރިކާގެ އެންމެ ބޮޑު ރަށެވެ. ނުވަތަ އެންމެ ބޮޑު ސިޓީއެވެ. ދޮންމީހުން އެއްވެ ، ކަޅުމީހުންގެ ވިޔަފާރިތައް ހަލާކުކޮށް ނައްތާލިއެވެ. ވިލްމިންގޓަން ގެ އަހހުލުވެރިންގެ ތެރޭގައި ހިމެނޭ ކަޅުމީހުންގެ އެތައް ބަޔަކު މަރާލިއެވެ. އަދި ސިޔާސީ ، ދޮންމީހުންނާއި ކަޅުމީހުން ހިމެނޭގޮތަށް އެތަނުގައި އުފެދިފައި އޮތް ކޯލިޝަން ސަރުކާރު އިސްތިޢުފާ ދިނުމަށް މަޖުބޫރު ކުރުވިއެވެ.
ތާރީޚީ މުފައްކިރުން ސިފަކުރައްވާ ގޮތުގައި ، އެއީ އެމެރިކާގެ ތާރީޚުގައި ލިޔެވުނު ހަމައެކަނި ބަޣާވާތެވެ. ބަޣާވާތަށް ފަހު ، ހަމައެދުވަހު ، ބަޣާވާތް ރޭވި އިސްމީހުން ވެރިކަމާ ޙަވާލުވިއެވެ. އަދި ލަސްނުކޮށް ޤާނޫނު ބަދަލުކޮށް ، ކަޅުމީހުންނަށް ލިބިގެންވާ ވޯޓުލުމުގެ ޙައްޤާއި އިޖްތިމާޢީ ޙައްޤުތައް ލިބުން ހުއްޓުވައި އެކަން މަނާކަމަކަށް ބަދަލުކުރިއެވެ. އެކަމާގުޅިގެން އެމީހުންނަށް ، ކަޅުމީހުންގެ ފަރާތުންވެސް އިތުރު އުނދަގުލެއް ކުރިމަތިވެފައެއް ނުވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހަކީ ، ވިލްމިންގްޓަންގެ އެ ބަޣާވާތް މީސްތަކުންނަށް ހަނދާންކޮށްދިން ދުވަހަކަށް ވެއްޖެއެވެ. އެއީ ، އެމެރިކާގެ ރައްޔިތުން ތަމްސީލުކުރާ ދަށުގެޔާއި މަތީގެ ޤާއިމްކުރެވިފައިވާ ޢީމާރާތަށް ، ދެކޮޅުވެރި ޖަމާޢަތަކުން ވަދެގަނެ އެމެރިކާގެ ތާރީޚުގެ ކަޅު ޞަފުޙާއެއް ލިޔެލި ދުވަހެކެވެ. ދެކޮޅުވެރި މުޒާހަރާގެ ބައިވެރިން ބޭނުންވީ ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ، އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުން ހުއްޓުވުމެވެ. 123 އަހަރަށްފަހު ، އެމެރިކާގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމުން މުޅި އެމެރިކާ ސިއްސުވާލިއެވެ. ޖެނުއަރީ 6 ގައި ބޭއްވުނު ދެކޮޅުވެރި އެމުޒާހަރާ ރޫޅާލުމުގައި އެތައްބަޔަކު މަރުވެ ގިނަބަޔަކަށް އަނިޔާވިއެވެ. އަދި މިއަދާ ހަމަޔަށްވެސް ، އެކަމުގެ ނުރައްކާ މުޅި އެމެރިކާގައި ބިރުވެރި ސިފައެއްގައި އެބަ އޮތެވެ.
1865 ގައި އެމެރިކާގައި ހިނގި ދާޚިލީ ހަނގުރާމަ ނިމުމުން ، ދެންހިނގައިދިޔަ ކަންކަމަކީވެސް އެމެރިކާގެ ތާރީޚުގައި ބޮޑު އަކުރުން ލިޔެވިގެންވާ ކަންތައްތަކެކެވެ. 1865 ގައި ހިނގި ދާޚިލީ ހަނގުރާމައިގާ ، އެމެރިކާގެ އުތުރުގެ އެއްބައިވަންތަ ސްޓޭޓް ތައް އެމެރިކާގެ ދެކުނުގައިވާ ގުޅިފައިވާ ސްޓޭޓްތަކާ ވަކިވެފައި އޮތްއޮތުން ނިމުމަކަށް އައެވެ. އައު ނިޒާމަކުން ތަރުތީބުވެގެންގޮސް މުޅި ޤައުމުން އަޅުވެތިކަން ނައްތައިލެވުނެވެ. އަޅުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ކަޅުމީހުންނަށް މިނިވަންކަން ލިބުނެވެ. ވޮޝިންގްޓަންގައި ޤާއިމްވެފައި އޮތް މައިސަރުކާރުގެ ސިޔާސީ ވެރިންގެ އިސްނެގުމުގެ މަތިން ، ކުރިން އަޅުންގެ ގޮތުގައި މަސައްކަތްކުރި އެންމެންނަށް މިނިވަންކަންދީ ޙައްޤުތައް ކަށަވަރު ކުރުމަށް ، ޤާނޫނަށް އެތައް ބަދަލުތަކެއް ގެނެސް ، އެބަދަލުތައް ހިންގުމަށްޓަކައި ހުރިހައި ސިޓީތަކަށް ސިފައިން ފޮނުވިއެވެ. އެހެން ނަމަވެސް ، ދެކުނުގެ ސްޓޭޓްތަކުގެ ރައްޔިތުންނަށް މިބަދަލުތައް ބަލައިގަތުމަށް އުނދަގޫ ވިއެވެ. އެތައް ދުވަހެއްވަންދެން ހިނގި ދާޚިލީ ހަގުރާމަޔަށްފަހު ، އަޅުންގެ ގޮތުގައި ތިބި ކަޅުމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އެތައް މަސައްކަތެއް ކުރެވިފައި ވެއެވެ.
1898ގައި އެމެރިކާގެ ވެލްމިންގްޓަނަކީ ، މެދުފަންތީގެ ކަޅުމީހުން އިތުރުވަމުންދިޔަ ، ކާމިޔާބު ބަނދަރެއް އޮތް ބޮޑު ސިޓީއެކެވެ. އެހެނެއްކަމަކު ، މިއަދާ ހަމަޔަށްވެސް ، އެމެރިކާގެ ކަޅުމީހުން ދަނީ ތަފާތުކުރުމާއި ނަސްލީ އިމްތިޔާޒުގެ އުނދަގޫތަކާ ދުވަހުން ދުވަހަށް ކުރިމަތިލަމުންނެވެ. މިސާލަކަށް ، ވިޔަފާރި ބޭންކުތަކުން ކަޅުމީހުންނަށް ލޯނުދޫކުރުމަށް ދެކޮޅުހަދައެވެ. ނުވަތަ އިންޓަރެސްޓް ރޭޓަށް ބަދަލުގެނެސް މާލީގޮތުން ދަތިތައް ކުރިމަތި ކުރުވައެވެ. އެމެރިކާގެ މެދުފަންތީގެ ގިނަމީހުންނަކީ ކްރެޑިޓްކާރޑަށް ދަރާ ތިބޭ ބަޔެކެވެ. މަސް ހުސްވާއިރު ، ކްރެޑިޓް ކާރޑަށް ދައްކާނެ ފައިސާއެއް ނުހުރެއެވެ. މިފަދަ ޙާލަތްތަކުގައި ، ބޭންކް ތަކުން ދޮންމީހުންނާ ތަފާތުކޮށް ކަޅުމީހުންނާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅައެވެ.
އެހެން ނަމަވެސް ، ދާޚިލީ ހަނގުރާމައިގެ 30 އަހަރު ފަހުން ، އެފްރިކާ އަށް ނިސްބަތްވާ އެމެރިކާގެ ކަޅުމީހުން ، އުތުރުގެ ސްޓޭޓްތަކުގައި ވިޔަފާރިތައް ފަށަމުން ގެންދިޔައެވެ. ނޯތު ކެރޮލައިނާގައިވެސް ، މަޑުމަޑުން ، ވިޔަފާރިތައް ފުޅާވަމުންގޮސްފައި ވެއެވެ. އަދި ގެދޮރު ގަތުމާއި މިނިވަންކަން ، އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަން ފެއްޓިއެވެ. ކަޅުމީހުންގެ ދުވަހު ނޫސް " ވިލްމިންގްޓަން ޑެއިލީ ރިކޯޑް" އަކީ ، އެދުވަސްވަރު ، ކަޅުމީހުންނަށް ނިސްބަތްވާ ހަމައެކަނި ދުވަހު ނޫހެވެ. މިނޫސް ނެރެމުންގެންދިޔައީ ވިލްމިންގްޓަން ގައެވެ. އެފްރިކާގެ ކަޅުނަސްލަށް ނިސްބަތްވާ ޒުވާނުން ޔުނިވަރސިޓީ ތަޢުލީމު އުނގެނި ، ލިޔަންކިޔަން ދަންނަ ޢަދަދުވެސް މަތިވެގެން ދިޔައެވެ.
ފެންނަމުންދިޔަ މި ކާމިޔާބީގެ އަސަރު މުޅި ނޯތުކެރޮލައިނާ އަށް ފެތުރިގެންދިޔައެވެ. ހަމައެކަނި އިޖްތިމާޢީ ގޮތުން އެކަންޏެއްނޫނެވެ. ސިޔާސީގޮތުންވެސް މެއެވެ. ފިޔުޝަނިސްޓް ގެ ނަމުން މަޝްހޫރުވެގެންދިޔަ ، ކަޅާ ދޮނުގެ ސިޔާސީ ކޯލިޝަން ، 1890 ގެ އަހަރުތަކުގެ ތެރޭގައި އިތުރަށް ކުރިއަރައިގެން ދިޔައެވެ. މިޖަމާޢަތަކީ ، އެފްރިކާގެ އެމެރިކާ ކަޅުމީހުންނަށް ހިލޭ ތަޢުލީމާއި ދަރަނި ލުއިކުރުމާއި ހަމަހަމަ އިންސާނީ ޙައްޤު ކަށަވަރުކުރުމަށް މަސައްކަތްކުރި ބަޔެކެވެ. އަދި އެންމެފަހުން ، 1896 ގައި ، ގަވަރުނަރޝިޕް ހިމެނޭގޮތަށް ، މުޅި ސްޓޭޓްގެ ސަރުކާރުގެ އޮފީސްތަކުގެ އިސްސަފަށް ، ކަޅުމީހުން ޖެހިލިއެވެ. އަދި 1898 ގައި ކަޅާ ދޮނުގެ ސިޔާސީ މީހުން ހިމެނޭގޮތަށް ، ފިޔުޝަނިސްޓް އަށް ނިސްބަތްވާ ސިޔާސީ މީހުން ވިލްމިންގްޓަން ސިޓީގެ ސަރުކާރު ހިންގުމާ ޙަވާލުވިއެވެ. މިކަމާގުޅިގެން ، ޚާއްޞަކޮށް ޑިމޮކްރެޓިކް ޕާޓީގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި ސިޔާސީގޮތުން ހުޅުފަޅައިގެން ދިޔައެވެ. މިހާރާ އަޅާބަލާއިރު ، 1890 ގެ އަހަރުތަކުގައި ، ޑިމޮކްރެޓުންނާއި ރިޕަބްލިކުންނަކީ ވަރަށް ތަފާތު ބަޔެކެވެ.
އެބްރެހަމް ލިންކަންގެ ރިޕަބްލިކަން ޕާޓީން ތާއީދު ކުރަނީ ، ދާޚިލީ ހަނގުރާމަޔަށްފަހު ، ނަސްލީ އިމްތިޔާޒު ނައްތާލައި ،ހުރިހާ ނަސްލެއް މަސްހުނިކޮށް ، ވޮޝިންގޓަންގެ ބާރުގަދަ ސަރުކާރުން މަސައްކަތްކޮށްގެން ، ހުރިހާ ސްޓޭޓްތަކެއްގެ މެދުގައި އެއްބައެއްވަންތަކަން އުފެއްދުމަށެވެ. އެހެން ނަމަވެސް ، އެމެރިކާއަށް ގެނެވޭ މިފަދަ ގިނަބަދަލުތަކަށް ޑިމޮކްރެޓިކުން ދެކޮޅު ހަދައެވެ. ޑިމޮކްރެޓުން ބޭނުންވީ ، ނަސްލުތައް ބައިބައިވާ ގޮތަށް ، ވަކިވަކި ސްޓޭޓްތަކަށް ފުރިހަމަ ބާރުތަކެއް ދިނުމަށެވެ. ޑިމޮކްރެޓުންގެ ދޮން ، ސިޔާސީ އިސްމީހުން އޭރުވެސް ބެލީ އެއީ ދޮންމީހުންގެ ޕާޓީއެއްގެ ގޮތުގައެވެ. ޑިމޮކްރެޓުން ފިޔުޝަނިސްޓުން ދެކެ ބިރުގަނެއެވެ. ފިޔުޝަނިސްޓުންގެ ތެރޭގައި ކަޅުނަސްލަށް ނިސްބަތްވާ ރިޕަބްލިކަނުންނާއި ދޮންމީހުންނަށް ނިސްބަތްވާ ފަޤީރު ދަނޑުވެރިން ހިމެނެއެވެ. އެމީހުންގެ ބިރަކަށްވެފައި އޮތީ ، 1898 ގެ އިންތިޚާބުގައި ފިޔުނަޝިސްޓުންނަށް ބާރު ލިބިދާނެތީއެވެ. އެހެންކަމުން ، ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ އިސްވެރިން ނިންމީ ، ދޮންމީހުންނަށް އަމާޒުކޮށް 1898 ގެ އިންތިޚާބަށް ކެމްޕޭން ކުރުމަށެވެ. އަދި ފިޔުޝަނިސްޓުން ބަލިކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ނިންމިއެވެ. އަދި ނޫސްތައް ބޭނުންކޮށް ، ތަޤްރީރުތައް ރާވައި ރައްޔިތުން ހެއްލޭނެ ހުރިހައި އުކުޅެއް ބޭނުން ކުރުމަށްޓަކައި ރޭވުންތައް އިންތިޒާމް ކުރެވިގެން ދިޔައެވެ. ރެޑްޝާރޓްސް ގެ ނަމުން ނަން ދެވިގެންވާ ބަޔަކު ހިމެނޭގޮތަށް ، ދޮންމީހުންގެ ދެކޮޅުވެރި ޖަމާޢަތްތަކުން ، ޙަރަކާތްތެރިވާން ފެށިއެވެ. ރެޑްޝާރޓްސް އަކީ އެމީހުން އަޅައިގެންތިބޭ ޔުނިފޯމަށް ނިސްބަތްވާ ބަޔެކެވެ. އެމީހުންގެ ނުރައްކަލަކީ ، އަހުގައި ޗާބޫކު ހިފައިގެން އައިސް ، ވޯޓުލާނެކަމަށް ބެލެވޭ ކަޅު މީހުންގެ ގައިގާ ތަޅައި އަނިޔާ ކުރުމެވެ.
ގެދޮރާއި މުދަލާ އަދި އަމިއްލަ ނަފްސު ސަލާމަތް ކުރުމަށްޓަކައި ބަޑިގަންނަން ، ކަޅުމީހުން ދުއްވައިގަތެވެ. އެހެންނަމަވެސް ، ބަޑިވިއްކާ ފިހާރަތަކުގައި ތިބި ދޮންމީހުން ، ކަޅުމީހުންނަށް ބަޑިވިއްކަން ދެކޮޅު ހެދިއެވެ. އަދި ބަޑިގަންނަން އަންނަ ކަޅުމީހުން ފާހަގަކޮށް ، އެމީހުންގެ ލިސްޓެއް ދޮންމީހުންނަށް ފޯރުކޮށްދޭން ފެށިއެވެ. އަދި ދުވަހުނޫސްތަކުންވެސް ކަޅުމީހުންނާ ދެކޮޅު ލިޔުންތައް ލިޔަން ފެށިއެވެ. އެފްރިކާގެ ކަޅު މީހުން ބޭނުންވަނީ ، ސިޔާސީ ބާރުވެރިކަން ހޯދައިގެން ދޮން އަންހެނުންނާއެކު ނިދުން ފަދަ ކަޅުމީހުންނަށް ނިސްބަތްވާ މެސެޖްތައް ނޫސްތަކުން ދޭން ފެށިއެވެ. އަދި ރޭޕްކުރުންފަދަ ޖިންސީ ގޯނާގެ ވާހަކަތައް ކަޅުމީހުންނަށް އަމާޒުކޮށް ލިޔަން ފެށިއެވެ. " ވިލްމިންގޓަން ޑެއިލީ " ގެ މަސްއޫލުވެރިޔާ އަދި އެޑިޓަރު ، އެލެގްޒެންޑަރ މޭންލީ ލިޔުނު އެޑިޓޯރިއަލެއްގައި ، ކަޅުމީހުން ހިންގާކަމަށް ބުނާ ޖިންސީ ގޯނާ އާ ބެހޭގޮތުން ސުއާލުކޮށް ، ދޮން އަންހެނުން ކަޅުފިރިހެނުންނާއެކީ ނިދާނަމަ ނިދަނީ ، ދޮން އަންހެނާގެ އަމިއްލަ އިޚުތިޔާރުގައި ކަމަށް ލިޔުމުން ، އޭނާއަކީ ، ޑިމޮކްރެޓުންގެ ކެމްޕޭނާ އިދިކޮޅުމީހަކަށް ހަދައި ، ނައްތާލުން އަމާޒު ކުރެވިފައިވާ މީހަކަށް ބަދަލުކޮށްލިއެވެ.
1898 ގެ އިންތިޚާބު މުޅި ސްޓޭޓްގައި ބޭއްވުމުގެ އެއްދުވަސްކުރިން ، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާހަކަ ދެއްކި ، އަލްފްރެޑް މޯރ ވަޑެލް ދޮންމީހުންނަށް އަމާޒުކޮށް " ތިޔަބައިމީހުންގެ ޑިއުޓީ އަދާކުރޭ " އޭބުނެ މެސެޖެއްދިނެވެ. " މާދަމާ ވޯޓުލާން ދާށެވެ. ވޯޓުލާންގޮސް ކަޅުމީހަކު ހުއްޓާ ފެނިއްޖެނަމަ ، އެތަނުން އެނބުރިދާން އަންގާށެވެ. ނުގޮއްސިނަމަ ، ބަޑިޖަހައި މަރާލައި ހުރިތަނަށް ވައްޓާ ލާށެވެ. ބަޑީގެ ބޭނުންކޮށްގެން ނަމަވެސް ، މާދަމާގެ އިންތިޚާބު ، އަހަރެމެން ކާމިޔާބުކުރަން ޖެހޭނެއެވެ " މިއީ ވަޑެލް ދިން މެސެޖެވެ.
ޑިމޮކްރެޓިކް ޕާޓީން ވޯޓު އަނބުރާލިއެވެ. ކަޅުނަސްލަށް ނިސްބަތްވާ މީހުން ބަޑިހިފައިގެން މީހުންތިބޭ ވަކި ހިސާބެއްގައި ހިފަހައްޓައި ، ބޮލުގައި ބަޑިޖައްސައި ، ވޯޓުލާ މަރުކަޒުން އެނބުރި ދިއުމަށް މަޖުބޫރު ކުރުވިއެވެ. އުފެދިދާނެ ހަމަނުޖެހުމަކަށްޓަކައި ކަޅުނަސްލަށް ނިސްބަތްވާ ގިނަމީހުން ވޯޓުލާ މަރުކަޒާ ގާތްވެސް ނުވެއެވެ. އަދި ބައެއް މީހުން ވޯޓުލާ މަރުކަޒަށް ވަނަނުދީ ހިފެހެއްޓިއެވެ. އެހެންނަމަވެސް ، ފިޔުޝަނިސްޓުން ވިލްމިންގގެ ސިޔާސީ ބާރުވެރިކަމުގައި ދެމިތިއްބެވެ. އެއީ ޖެހިގެން އޮތްއަހަރަށް މުނިސިޕަލް އިންތިޚާބު ބާއްވާތީއެވެ. އިންތިޚާބު ބޭއްވިތާ ދެދުވަސްފަހުން ، ޑިމޮކްރެޓިކް ޕާޓީގެ ވަޑެލް ހަތިޔާރުއެޅި ޖަމާޢަތެއްގޮވައިގެންގޮސް ، ވިލްމިމްގްޓަން ޑެއިލީ ރިކޯޑް ގެ އޮފީހުގައި ހުޅުޖަހައި އަންދާލިއެވެ. އަދި ކަޅުމީހުން މަރައި އެމީހުންގެ ވިޔަފާރިތައް އަންދައި ހަލާކުކޮށްލިއެވެ. އަދި މަގުމަތިން ދިމާވަމުންދިޔަ ދޮންމީހުން އެމީހުންގެ ބަޔަށް ވައްދައި ގިނަކުރަމުން ގެންދިޔައެވެ. އަދި ކަޅުނަސްލަށް ނިސްބަތްވާ މީހުން ފިލަން ވަލަށް ވަދެ ، އެމީހުންގެ ސަލާމަތް ހޯދަމުން ގެންދިޔައެވެ.
ވަޑެލް އާއި ހަތިޔާރުއެޅި ދެކޮޅުވެރިން ، ސިޓީހޯލަށްގޮސް ވަދެގަތެވެ. އަދި ބަޑިން ބިރުދައްކައި ، ލޯކަލް ސަރުކާރު އިސްތިޢުފާދިނުމަށް މަޖުބޫރު ކުރުވިއެވެ. އަދި ހަމަ އެދުވަހުގެ ހަވީރު ، ވަޑެލް އަކީ ވިލްމިންގްޓަންގެ މޭޔަރ ކަމަށް އިޢުލާންކުރިއެވެ. އެއީ މައިސަރުކާރާ އަދި ލޯކަލް ސަރުކާރާ ދެކޮޅަށް ، ގެނެވުނު ބަޣާވާތެކެވެ. އިސްވެ ތިބީ ޑިމޮކްރެޓުންނެވެ.
ދެއަހަރުގެ ތެރޭ ، ނޯތު ކެރޮލައިނާގެ ދޮންމީހުންގެ ވެރިކަމުން ، ޤާނޫނަށް ބަދަލުގެނެސް ، ޝަރުތުތަކަކާއެކީ ، ކަޅުމީހުންނަށް ވޯޓުލެވޭނެގޮތް ހަމަޖެއްސިއެވެ. އޭގެ ތެރޭގައި ލިޔަންކިޔަން ދަންނަކަން އެނގޭ ޓެސްޓެއް ކުރުމާއި ، ޓެކްސް އެއް ދައްކައިގެން ވޯޓުލެވޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އެފްރިކާގެ ކަޅު އެމެރިކާމީހުންގެ ވޯޓާރސް ރަޖިސްޓަރީއަށް މިކަމާގުޅިގެން ވަރަށްބޮޑު ބަދަލެއް އައެވެ. 1896 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައި އޮތީ 125،000 މީހުންނަށެވެ. އެހެންނަމަވެސް ، މިޢަދަދު 1902 ގައި ވަނީ ޙައިރާންވާ މިންވަރަކަށް ، 6 ހާހަށް ދަށަށް ގޮއްސައެވެ. ވިލްމިންގޓަންގައި ދިރިއުޅޭ ކަޅުމީހުންނަށް ދުވަހަކުވެސް މިފަދަ ދުވަހެއް ފެންނާނެކަމަށް ޚިޔާލުވެސް ކޮށްލެވިފައެއް ނުވެއެވެ.
ވިލްމިންގްޓަންގައި ހިނގައިދިޔަ އެޙާދިސާއަކީ ، އެތާނގެ އަހުލުވެރިންގެ ހިތްތަކުގައި ބާއްވަން ބޭނުން އެއްޗަކަށް ނުވިއެވެ. އެކަން ހިނގިކަން އަދި ހިނގީ ކިހިނެއްކަންވެސް ، އެންމެންނަށްވެސް އެނގެއެވެ. ދިވެހިރާއްޖޭގައި 7 ފެބްރުއަރީ 2012 ގައި ހިނގި ޙާދިސާއަކީވެސް ބަޣާވާތެއްކަމަށް ގިނަބަޔަކު އަދިވެސް ޤަބޫލު ކުރެއެވެ. އެކަމަކު އެވާހަކައެއް މިހާރަކު އެއްވެސް މީހަކު ނުދައްކައެވެ. ހަމައެގޮތަށް ވިލިންގްޓަންގައި 1898 ގައި ގެނެވުނު ބަޣާވާތަކީވެސް އެތާނގެ އަހުލުވެރިން ނުދައްކާ ވާހަކައެކެވެ. އެކަހަލަ ކަމެއް ހިނގިކަން އެނގޭކަށްވެސް އެއްވެސް މީހަކު ބޭނުމެއްނުވެއެވެ. ސްކޫލްތަކުގެ ކަރިކިއުލަމްގައިވެސް އޮންނަންވީ ގޮތަށް އެވާހަކަ ގެނެސްދެވިފައެއް ނުވެއެވެ.
އެހެނަމަވެސް ، 1990 ގެ އަހަރުތަކުގެ ތެރޭގައި ވިލްމިންގްޓަންގައި ، މާޒީވެފައިވާ އެވާހަކަތައް ދައްކަން ފެށިއެވެ. ލޯކަލް އޮތޯރިޓީގެ ފަރާތުން އިންތިޒާމްކޮށް، 1998 ގައި އެ ޙާދިސާއަށް 100 އަހަރުފުރުން މުޅިސްޓޭޓްގައި ފާހަގަކުރިއެވެ. އޭގެ ދެއަހަރުފަހުން ، ޚާއްޞަ ސަރަޙައްދުތަކާއި ޕޮއިންޓްތަކުގައި ހަނދާނީ ބިނާތައް ބަހައްޓައި ، ޕާރކްތައް ހަދައި އެދުވަސް ފާހަގަކުރުމުގެ ރޫޙު އުފެދިގެންދިޔައެވެ. 6 ޖެނުއަރީ 2021 ގައި އެމެރިކާގެ ކެޕިޓޮލް އަށް ވަދެގަނެ ބަޔަކު ހިންގި ހަމަނުޖުޖެހުމާއި 1898 ގައި މިލްވިންގްޓަންގައި އެހިނގި ޙާދިސާ އެއްވަރުކުރާ ތާރީޚީ މުފައްކިރުންނާއި ސިޔާސީ މީހުން އެމެރިކާގައި އެބަތިއްބެވެ. 1898 ގައި އެހިނގި ހަމަނުޖެހުމަށްވުރެ 2021 ގެ ޙަދިސާއިން އެމެރިކާވަނީ މުޅިދުނިޔެއަށް ފަޟީޙަތް ވެފައެވެ. ކުރިއަރާފައިވާ މިޒަމާނުގައި ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމަށްވެ އޮވެ ، އެމެރިކާގެ ރިޔާސަތުގައި ހުރި އިދިކީލި ވެރިއެއްގެ ފަރާތުން ފެނިގެންނުވާނެ އެތައްކަމަކުން އެމެރިކާ މިއަދުވަނީ ލަދުގަންނުވާލާފައެވެ. 45 ރައީސުން އައިއިރު ، ޓްރަމްޕް ގެ ޢަމަލުތަކުން ލަދުގަންނުވާލި ފަދަ ކަމެއް އެމެރިކާ ތަޖުރިބާ ކޮށްފައެއް ނުވެއެވެ. ނިކްސަންގެ ވޯޓަރގޭޓާއި ކްލިންޓަންގެ ޖިންސީގޯނާގެ މައްސަލަޔަށްވުރެވެސް ، ޓްރަމްޕްގެ ޢަމަލުތަކުން މުޅިދުނިޔެއަށް އެމެރިކާ ފަޟީޙަތްވަމުން އެބަދެއެވެ.