މަޅުމަތި: ޚިދުމަތުގެ އަގު

މާޖިދަކީ މިހާރު ސިޔާސީ މަގާމެއް އަދާކުރާ މީހެކެވެ.
މުސާރައަކީ ހަތްދިހަ ފަސް ހާސް ރުފިޔާއެވެ.
ދުއްވާނޭ ކާރެއް ސަރުކާރުން ދީފައި އޮވެއެވެ.

މާޖިދާ ދިމާވެގެން އަހަރެން އަހައިލީމެވެ.
މަސައްކަތް ވަރަށް ބުރަ ހެއްޔެވެ؟

މާޖިދު ބުންޏެވެ.
ނޫނެކެވެ.
މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެއެވެ.
ހެނދުނު އޮފީހަށް ނުކުމެ ސޮއި ކޮށްލީމާ ފުރަތަމަ ވާޖިބު އަދާވީއެވެ.
ދެން އޮންނާނީ ސަޔަށް ނުކުތުމެވެ.
މީސްމީހުންނާ ބައްދަލުކޮށްލައި ހެދުމެވެ.

އަހަރެން އަހައިލީމެވެ.
ބައްދަލުކޮށްގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

މާޖިދު ބުންޏެވެ.
އެ މީސްމީހުންނަށް ނުކުރެވި ހުރި ކަންތައްތަކުގެ ވާހަކަ އަހަނީއެވެ.
ޕާޓީ މީހުންނަށް އެހީތެރިވެ ދިނުމަކީ އަހަރެމެންގެ ވާޖިބެކެވެ.
އެމީހުންގެ ކަންތައް ކޮށް ދެވުނީމާ ނޫނީ ކުރިމަގު އުޖާލާ ވާގޮތެއް ނުވާނެއެވެ.
އެމީހުން ކޮށްދިން ކަންތައްތަކުގެ އަގު އަދާކުރުމަކީ އަހަރެމެންނަށް އޮތް ވާޖިބެކެވެ.
އެމީހުންގެ ވާހަކަ އަހައިފައި ރޭގަނޑު ޓީވީއަށް އަރައި އިދިކޮޅަށް ބަވައިލީމާ މަސައްކަތް ނިމުނީއެވެ.

އަހަރެން އަހައިލީމެވެ.
މިއަދު ތިޔަ ދަނީ ކޮން ތަނަކަށް ހެއްޔެވެ؟

މާޖިދު ބުންޏެވެ.
މި ދަނީ މާރުކޭޓު ބަލައިލާން ވެގެންނެވެ.
ފޮޓޯކޮޅެއް ނަގަން ވާނެއެއް ނޫންހެއްޔެވެ؟
ފޭސްބުކް އަޕްޑޭޓް ކޮށްލަން ވާނެއެއް ނޫން ހެއްޔެވެ؟
އަހަންނާ އެކީ ހިނގާށެވެ.

އަހަރެން މާޖިދާ އެކީގައި މާރުކޭޓަށް ހިނގައްޖައީމެވެ.
ދެތިން ގޮޅިއަކާ ކައިރި ވެލުމަށް ފަހު މީހަކު ދައްކާފައި މާޖިދު ބުންޏެވެ.
މިއީ ކާކުކަން އެނގޭ ހެއްޔެވެ؟
މިއީ އަހަރެމެންގެ އިސްލާމް މުދައްރިސެވެ.
ވަރަށް މޮޅު، ވަރަށް ރަނގަޅު ބޭފުޅެކެވެ.
ވަރަށް ޚިދުމަތްތެރި އެދުރެކެވެ.
އަހަރެން އަބަދުވެސް މަސް ގަންނަނީ މި ގޮޅިންނެވެ.

އަހަރެންގެ ނަޒަރު މުދައްރިސުގެ ވީދި ހަސްނެތިފައި އޮތް ގަމީހުން ފެށިގެން އޭނާ ވިއްކާން ހުރި ވަޅޯމަހުން ލައިގެން ގޮސް ހުއްޓުނީ މާޖިދުގެ އޮފުއަރާ ބޫޓަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.