
ހޮނިހިރު ދުވަހު އިންޑޮނީޝިއާގެ ޖަކާޓާއިން ފުރައިގެން ދަތުރުކުރަނިކޮށް މަތިންބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީހަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ 9 ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސް.ޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ.
އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރގެ މެސެޖްގައި ވެއެވެ.
އަދި ދިވެހިންގެ ތައުޒިޔާ، މި ޙާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
ޚަބަރު: ފޮރިން މިނިސްޓްރީ