އުލިގަމުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ތަރައްޤީކުރަން ފަށައިފައިވާ ސިޓީ ހޮޓާ ސަރަހައްދުގެ މޫދުގެ ބޮޑު މިންބެލުމަށް ޓޫރިޒަމް މިނިސްޓްރީން އެދިފައިވާ ކަ މަަށް އެރަށު ކައުސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ސިޓީ ހޮޓާ ހެދުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ފަޅުގެ ބޮޑުމިން ބެލުމަށް ޕްލޭން މިނިސްޓްރީގައި އެދިފައިވާކަމަށެވެ.
ހއ. އުލިގަމުގައި ޔޮޓް ބަނދަރަކާއެކު ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އުލިގަމުގައި ޔޮޓު ބަނދަރަކާ އެކު ހޮޓަލެއް ތަރައްގީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް އެ މިނިސްޓްރީއިން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކުން މައުލޫމާތު ސާފުކޮށް، ދެ ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސްބީލަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަންހުށަހަޅާފައި ނުވެއެވެ. އެހެންކަމުން އުލިގަމުގައި ޔޮޓު ބަނދަރާ އެކު ހޮޓަލެއް ތަރައްގީކުރުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އުލިގަމުގެ ސިޓީ ހޮޓާ މަޝްރޫއަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދީގެން ތަރައްޤީކުރުމަށް މަސައްކަތް ކުރި ތަނެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަސައްކަތުގެ ބޮޑު ބައި ނިމުމަށްފަހު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ކުންފުނިން ވަނީ ސްޓާފް އޭރިއާގެ މަސައްކަތް ގާތްގަޑކަށް ނިންމާ ގެސްޓް އޭރިއާގެ މަސައްކަތުގެ ވެސް ބޮޑު ބައެއް ނިންމައިފައެވެ.
އުލިގަމު ކައުންސިލުން ބުނީ ސިޓީ ހޮޓާ ތަރައްޤީ ކުރުމުގެ ޝަޢުޤުވެރިކަން އެމްއައިޓީޑީސީންވެސްފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ އެތަން ޔޮޓް މެރީނާއަކާއެކު ތަރައްޤީކުރުމަށް އަލުން ބީލަމަށް ހުޅުވާލުމަށްކަމަށެވެ.
އުލިގަމު ސިޓީ ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގެ ފަހު އަހަރުގައެވެ. އޭގެ ފަހުން ހަތަރު ވަނަ ސަރުކާރު އައިއިރުވެސް އުލިގަމު ސިޓީ ހޮޓާ ޙަޤީޤަތަކަށް ނުވެއެވެ. އެތަނުގައި ޢިމާރާތް ކޮށްފައިވާ ތަންތަން އެލުން މަރާމާތުކޮށް ގެން ނޫނީ މިހާރު ބޭނުމެއް ނުކުރެވޭނެކަމަށް ރަށުގެ ކައުންސިލުން ފާހަގަ ކުރައްވައިފައެވެ.
ތަނުގެ މަސައްކަތް ހުއްޓުނު ސަބަބުތަކުގެ ތެރޭގައި ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެން ބިމުން ކުލި ނަގަން ފެށުން ހިމެނޭކަމަށް އެޓީޑީސީ އިން ކުރިން ފާހަގަކޮށްފައިވާ ކަމަށް އުލިގަމު ކައުން ސިލުން ވިދާޅު ވިއެވެ.