އާ އަހަރުގެ ސީޒަންގައި ގިނަ އަދަދެއްގެ ޔޮޓުފަހަރު އުލިގަމަށް ބަނދަރު ކުރާނެކަމަށް ބެލެވޭކަމަށް އެރަށު ކައުސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލް ރައީސް އަޙުމަދު މުއާޒު ވިދާޅުވީ އެންމެ ގިނަ ޔޮޓު އުލިގަމަށް ބަނދަރު ކުރާނީ އިރުވައި މޫސުން ފެށިގެން ގޮސް ފެބުރުއަރީ މާޗް ހިސާބުގައި ކަމަށެވެ. ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންއަށް ދިޔައިރު ގިނަ އަދަދެއްގެ ޔޮޓު އުލިގަމުގެ ބަނދަރުގައި އޮތެވެ. ކޯވިޑާ ގުޅިގެން ރާއްޖެ ލޮކްޑައުންއަކަށް ދިޔައީ މާޗް މަސްތެރޭގައެވެ. އަލުން ބޯޑަރު ހުޅުވާލުމުން ޔޮޓުތައް ވަނީ ބަނދަރުކުރަން ފަށައިފައެވެ. ނަމަވެސް މިވަގުތު އޮތީ އެންމެ ޔޮޓެއް ކަން ފާހަގަ ކުރެއްވިއެވެ.
މުއާޒު ވިދާޅުވީ މިއަހަރުގެ ސީޒަންގައި ގިނަ އަދަދަކަށް ޔޮޓުފަހަރު އުލިގަމު ބަނދަރަށް އައިސްފައި ވަނީ ޔޮޓުފަހަރުން ނަގާ ފީތަކުގެ ތެރެއިން ބޮޑު ބައެއް ކަނޑާލައިފައި ވާތީކަމަށް ބެލެވޭކަމަށެވެ. ކުރިން އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުން ނަގާ ތަފާތު ފީތައް ގާތްގަނޑަކަށް އެއްހާސް ޑޮލަރަށް އަރައެވެ. ނަމަވެސް މިދިޔައަހަރު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބޭއްވި އުލިގަމު މަހާ ސިންތާއަށް ފަހު އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުން ތަފާތު ނަންނަމުގައި ނަގަމުން ދިޔަ ފީ ތައް ވަނީ 500 ޑޮލަރަށް ދަށް ކޮށްފައެވެ. އެ މަހާ ސިންތާ ބާއްވައިފައި ވަނީ އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުން ނަގާ ފީ ބޮޑުވުމުން ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާކޮށް އެ ޔޮޓު އައުން މަދު ވުމާ ގުޅިގެންނެވެ. މީގެ އިތުރުން އުލިގަމާ ބެހޭ މައުލޫމާތު ހިމެނޭ ވެބްސައިޓެއްވެސް އެމްއައިޓީޑީސީން ވަނީ ތައްޔާރުކޮށްދީފައެވެ.