ރާއްޖެ ކައި ވިއްކާ ބަންގާޅު ބޮންދުން

ފޮޓޯ: އާފަތިސް

މީގެ ސާޅީހަކަށް އަހަރު ކުރިން ، ބަންގާޅުމީހުންނަކީ ރާއްޖޭގައި އެހައި ގިނަބަޔެއްނޫނެވެ. ވަކިތާރީޚެއް ނަގާއިރު ، އަވަށްޓެރި ޤައުމުތަކުން ރާއްޖޭގައި މަސައްކަތްކުރަން އައިސްތިބި ، ބިދޭސީ މަސައްކަތު މީހުންގެ އާބާދީ ތިރީސް ހާހުގައި އޮތްއިރު ، އެންމެ ގިނައީ ލަންކާ މީހުންނެވެ. ދެން އިންޑިއާ މީހުންނެވެ. ބަންގާޅުމީހުން އޭރުއޮތީ ނިސްބަތުން ތިންވަނައިގައެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީއަކަށް ދެވުނު އެންމެ ފުރަތަމަ ހުއްދަ ދެވިފައިވަނީ ، މީގެ 32 އަހަރު ކުރިން ،  6 ޖެނުއަރީ 1989 ގައެވެ. ހުއްދަ ދެވިފައިވަނީ އިންޑިއާގެ ފިރިހެނަކަށެވެ. ކައްކާ މީހެއްގެ ވަޒީފާއަށެވެ. އޭގެ ކުރިންވެސް ރިސޯޓުތަކުގައި އެކި ޤައުމުތަކުން ، ޚާއްޞަކޮށް ޔޫރަޕްގެ ޤައުމުތަކުން ، ބިދޭސީން އައިސް ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދެއެވެ. އެހެން ނަމަވެސް ، ހުއްދައެއް ލިބިގެން ރާއްޖޭގައި ބިދޭސީންނަށް މަސައްކަތް ކުރެވޭގޮތަށް ސަރުކާރުން ހަމަޖެއްސެވުމާގުޅިގެން ، ފުރަތަމަ ވޯކްޕާމިޓް ، ނުވަތަ މަސައްކަތްކުރުމުގެ ހުއްދަ، ކުރިން ދެންނެވި ތާރީޚުގައި ދޫކުރެވުނީކަމަށް ވެދާނެއެވެ.

ދުވަސްތަކެއް ފާއިތުވެ ، ބަންގާޅު މަސައްކަތުމީހުންގެ އާބާދީ ރާއްޖޭގައި އިތުރުވެގެންދާން ފަށައިފިއެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ބަންގާޅު މަސައްކަތު މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވެގެންދާން ފެށުމުން ، ހަމަ އެދުވަސްވަރު ، އެކަމުގެ ސަބަބުން ރާއްޖޭގައި އުފެދި އަދި ނުކުމެދާނެ ނޭދެވޭ ނަތީޖާގެ އަސަރު ، އޭރު ނުކުތް ދުވަހު ނޫހެއްކަމުގައިވާ " ހަވީރު" ނޫހުގައި އިޖްތިމާޢީ މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށް ، ޚުދު އަޅުގަނޑުވެސް ލިޔަމުން ގެންދިޔައިމެވެ. އަދި ހަމައެފަދައިން ، 1990 ގެ މެދުތެރޭގައި ، ބިދޭސީމަސައްކަތު މީހުންގެ ކަންތައްތައް ސަރުކާރުން ބެލެހެއްޓުމުގައި ޙަވާލުވެހުރި އިސްމީހެއްގެ ހައިސިއްޔަތުން ، އެކަމަށް ސަމާލުކަންދީ ، ފިޔަވަޅުތަކެއް އަޅަމުން ގެންދިޔައިމެވެ. ލޭބަރގެ ދާއިރާއަށް 2020 ގެ ތަޞައްވުރެއްވެސް އެކުލަވައިލެވުނެވެ. ބަންގާޅުގެ ވަގު އެޖެންޓުން ލައިގެން ، އެމީހުން އިސްވެ ތިބެ ، ރާއްޖޭގައި ހިންގަމުން ގެންދިޔަ އެމްޕްލޯއިމަންޓް އެޖެންސީތައް ބަންދު ކުރެވުނެވެ. ބައެއް އެޖެންޓުން ޑީޕޯޓު ކުރެވުނެވެ. ބިދޭސީން ގެނެވޭނެ ކޯޓާއެއް ކަނޑައެޅުނެވެ. ޤަވާޢިދާޚިލާފުވާ ބިދޭސީން ފޮނުވާލުމުގެ މައްސަލަތައް އިތުރުވެ ބޮޑުވަމުންދާތީ ، އެމީހުން ގެންނަން ހުއްދަ ދޭނީ އެއްކޮޅު ޓިކެޓާ އެއްވަރުގެ ޑިޕޮޒިޓެއް ބަހައްޓައިގެން ކަމުގައި ހަމަޖެއްސުނެވެ. އެހެންނަމަވެސް ، އެދާއިރާއާ އަޅުގަނޑު ވަކިވުމުގެފަހުން ދެންހިނގައިދިޔަ ކަންކަމުގައި ، އެހުރިހައިކަމެއް ދިޔައީ އެކޮޅުކޮޅުން ޖެހިގެންނެވެ. ޤަވާޢިދާ ޚިލާފުވެގެން ބަންދު ކުރެވުނު އެޖެންސީތަކަށް އަލުން ހުއްދަދީ ޤަވާޢިދާޚިލާފަށް ބިދޭސީން ގެންނަން ފުރުޞަތު ހުޅުވާލަ ދިނެވެ. އެދާއިރާއާ ދުރުވާންޖެހުނީވެސް ، އެއްވެސްކަމެއް ރަނގަޅަށް ނުހިނގައި ، ރަނގަޅަށް ކަމެއްކުރުމަށް ފުރުޞަތު ނެތުމާ ގުޅިގެންނެވެ.

އިންޑިއާ މީހެއްގެ ވާކްޕާމިޓު: މިއީ އެންމެ ފުރަތަމަ ހެދި، "ދިވެހިރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމުގެ ހުއްދަ"

ރާއްޖެޔަށް އަންނަމުންދިޔަ ބިދޭސީ މަސައްކަތު މީހުންނަށް ބަލާއިރު ، އިންޑިއާ މީހުންނަށްވުރެ އަދި ލަންކާ މީހުންނަށްވުރެ ، ބަންގާޅު މީހުންގެ ތަންދޮރު ފިލުން ކުޑައެވެ. ނުކިޔަވާ މީހުން ގިނައެވެ. އިންޑިއާއިން އަންނަ މީހުންނަށްވުރެ ލަންކާއިން އަންނަ މީހުންގެ ތަންދޮރުފިލުން ބޮޑެވެ. އަޅުގަނޑު މިދަންނަވަނީ ހަމައެކަނި މަސައްކަތު މީހުންގެ ވާހަކައެވެ. ޕްރޮފެޝަނަލް ގިންތީގެ މީހުންގެ ވާހަކައެއް ނޫނެވެ. މިތިން ޤައުމުގެ މަސައްކަތު އާބާދީއަށް ބަލާއިރު ، ބަންގާޅުމީހުންގެންގުޅެން އޭރުފަސޭހައެވެ. އެއީ ތަންދޮރު ނޭނގޭތީ ކަމަށް ވެދާނެއެވެ. ވަޒީފާދޭފަރާތުން  މުސާރަނުދީ މަގުމަތިކޮށްލާ ބަންގާޅުމީހުން ގިނައެވެ. ބަންގާޅުމީހުން ލައްވާ މަސައްކަތްކުރުވާ ދިވެހިންގެ ސިކުނޑިއާ ބަންގާޅުމީހުންނަކަށް ، އޭރަކު ކުޅެއެއް ނުލެވެއެވެ. ބަންގާޅުން ރާއްޖެއަށް އަންނަން ނަގަންޖެހޭ ޓިކެޓް އަނެއް ދެޤައުމާ އަޅާބަލާއިރު ، ތިންހަތަރު ގުނަ ބޮޑެވެ. އެހެންނަމަވެސް ، މަސައްކަތު މީހުންގެ އާބާދީއަށް ، އަނެއް ދެޤައުމުގެ ބަދަލުގައި އިތުރުވެގެންދިޔައީ ބަންގާޅު މީހުންނެވެ. އޭގެ ސަބަބަކީ ކޮބައިތޯއެވެ ؟

ފުރަތަމަ ސަބަބަކީ ބަންގާޅުމީހުން ރާއްޖެ އަންނަން ހޭދަކުރާ ފައިސާއެވެ. ބަންގާޅު މީހަކު ރާއްޖޭގައި މަސައްކަތްކުރަން އަންނަނީ އެތައް ޚަރަދެއް ކޮށްފައެވެ. އަނބިދަރިންގެ ގަހަނާޔާއި ދަނޑުބިމެއް އޮތިއްޔާ އެބިމެއްވެސް ވިއްކާލާފައި ، އެތައް ހާސް ޑޮލަރެއް ޚަރަދު ކޮށްގެންނެވެ. ބޮޑުއަގުގައި ޓިކެޓް ނަގާފައި ، ބަންގާޅު އެޖެންޓާއި ދިވެހި އެޖެންޓަށް އެތައްހާސް ޑޮލަރެއް ޚަރަދު ކުރެއެވެ. ބަންގާޅުން ރާއްޖެޔަށް އަންނަ ކޮންމެ މީހަކު ، ދިވެހިއެޖެންޓަށް މަދުވެގެން އެއްހާސް ޑޮލަރު ގެނެސް ދެއެވެ. މިފައިސާއިން އޭރަކު އެއްވެސް އިތުރު ޚަރަދެއް ނުކުރާނެއެވެ. މިހާރުނަމަ ، އެމްޕްލޯއިމަންޓް އެޖެންސީތަކުގެ މެދުގައި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެ ، އިދާރީ އެހީތެރިކަމާއި ބައެއް ކުދިކުދި ޚަރަދުތައް އެޖެންސީން ނުވަތަ ދިވެހި އެޖެންޓް ކޮށްދެއެވެ. ގިނަ އެޖެންސީތަކުގައި ، ބަންގާޅުން މީހުން ގެނައުމުގެ މެދުވެރިޔަކަށް ނުވަތަ ވަގު އެޖެންޓެއްގެ ގޮތުގައި އެމަސައްކަތްކުރަނީވެސް ބަންގާޅު މީހެކެވެ. މިބާވަތުގެ ކަންކަމާގުޅިގެން ވަރަށް ގިނަ ބަންގާޅީން އެދުވަސްވަރު ޑީޕޯޓް ކުރެވިފައި ވާނެއެވެ.

ދެވަނަ ސަބަބަކީ ، ކުރިންވެސް ދެންނެވިފަދައިން ، ބަންގާޅުން އަންނަ މީހުންގެ އަތުން ، ދިވެހި އެޖެންޓުންނަށް ލިބޭ ޑޮލަރު ގިނަވުމެވެ. އިންޑިއާއާއި ލަންކާ މީހުން އަތުން ލިބެނީ ފަސްސަތޭކަ ޑޮލަރެވެ. އެހެންނަމަވެސް ބަންގާޅުން އަންނަ މީހުންގެ އަތުން އެއްހާސް ޑޮލަރު ލިބެއެވެ. އެޖެންސީގައި ހުރިހާ މަސައްކަތެއް ކޮށްދެނީ ބަންގާޅުން ނުވަތަ އެހެން ޤައުމުތަކުން ރާއްޖެއައިސް ހަރުހަދައިގެނ ތިބޭ އެޖެންޓުންނެވެ. ވަގަށް އެޖެންޓްކަން ކުރާމީހުންނެވެ. އެހެންކަމުން ޤާނޫނީ ގޮތުން އެޖެންސީތަކުން އުފުއްލަންޖެހޭ ޒިންމާގެ މައްސަލަތައް ގިނަވެ ، އެޖެންސީތައް ޤަވާޢިދާޚިލާފުވުން ގިނަވަމުން ދިޔައެވެ. ބިދޭސީން މެދުވެރިކޮށް ، މީހުންގެނައުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ، ޚަރަދު ކުޑަކުރުމަށާއި ، އަވަސްކުރުމަށާ އަދި މުޢާމަލާތު ކުރުމަށް ފަސޭހައަކަށް ، އަދި ފަސޭހައިން ގިނަލާރި ހޯދުމަށްޓަކައި ދިވެހިއެޖެންޓުން ބަންގާޅުގެ ނުވަތަ އެހެން ޤައުމެއްގެ ވަގު އެޖެންޓުންނާ ގުޅިގެން މަސައްކަތް ކުރުން އިތުރުވެގެން ދިޔައެވެ. ދިވެއްސަކު ނަމަކަށް ހުރެގެން ބަންގާޅުގެ ވަގު އެޖެންޓުން ރާއްޖޭގައި ހިންގާ އެމްޕްލޯއިމަންޓް އެޖެންސީތައް ގިނަވަމުން ދިޔައެވެ. ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ، ހުއްދަ ބާތިލުކޮށް ބަންދުކުރަންޖެހުނު އެޖްނސީތައްވެސް މަދެއްނޫނެވެ.

ލަންކާއާއި އިންޑިއާ އާ ޚިލާފަށް ، ބަންގާޅުމީހުން ރާއްޖެއައިސް އެމީހުންގެ އަމިއްލަ ސަގާފަތެއް އުފެއްދިއެވެ. އެއީ ރާއްޖެއަންނަ މީހާގެ ދަރިންނާއި ގާތްތިމާގެމީހުން ، އަދި ރައްޓެހިން ރާއްޖެގެނައުމުގެ ސަގާފަތެކެވެ. މިއީ ބަންގާޅުމީހުން ރާއްޖޭގައި ގިނަވެގެން ދިއުމަށް ފަހިވެގެންދިޔަ މަގެކެވެ. ހަމައެއާއެކު ، ރިސޯޓުތަކަށާއި އެހެންތަންތަނަށް ބޮޑެތިކޯޓާ ނަގައި ، ކޯޓާގެ ދަށުން ގިނަބަޔަކު ބަންގާޅުން އެތެރެކުރަމުން ގެންދިޔައެވެ. މިކަމާގުޅިގެން ރިސޯޓުތަކާއި ކޯޓާ ގިނައިންލިބޭ ތަންތަނުގެ އެޗް އާރ ގެ އިސް ފަރާތްތަކަށް ފައިސާގެ އެހީ ލިބެމުންދިޔައެވެ. ގިނަޢަދަދަކަށް މީހުން ގެނެސް ، މަހެއްހާ ދުވަހުގެ ތެރޭގައި އެއެންމެން ފޮނުވާލައި އަލުން އާ ބެޗެއް ގެނެސް އެކަމުންލިބޭ ފައިސާއިން އެމީސްމީހުންގެ ޖީބު ފުރެމުންދިޔައެވެ. މިގޮތަށް ޢަމަލުކުރަމުންގެންދިޔަ ބައެއް ތަންތަނުގެ ކޯޓާ ކެންސަލް ކުރެވެމުންވެސް ދިޔައެވެ. އަދި ގެއްލި މަގުމަތިވަމުންދިޔަ ބަންގާޅުމީހުންގެ ޢަދަދުވެސް ގިނަވަމުން ދިޔައެވެ.

ބަންގާޅު މީހުން ރާއްޖެ އަންނަނީ އަންހެނުންގެ ގަހަނާއަށް ދަންދެން ވިއްކާފައި ދެކޮޅުގެ އެޖެންޓުންނަށް ދައްކަންޖެހޭ ފައިސާ އެއްކޮށްގެންނެވެ. އަދި ، އެދަރަނި އޮތްގޮތަށް އޮއްވާ ، ހުސް އަތާ ، އަނބުރާ ޤައުމަށް ދިއުމަކީ އެމީހުންނަށް ދުނިޔޭގަ ހުރެވޭވަރަށްވުރެ ބޮޑު ކަމަކަށް ވާނެއެވެ. އެމީހުންގެ މަޤްޞަދަކަށްވީ ، އަތުޖެހުނު ގޮތަކަށް ، ލިބުނު ކޮންމެ މަސައްކަތެއް ކޮށްގެންވެސް ފައިސާ ހޯދާ އެއްކުރުމެވެ. ގޭގެއިން ކުނި އުކާލުމާއި ފެންގެނެސް ދިނުމާއި ސައިކަލާއި ކާރު ފުހެދިނުންފަދަ މަސައްކަތްތައްވެސް ކުރަން ފަށައިފިއެވެ. ވަޒީފާދޭ ފަރާތުން ބުނާކޮންމެ ކަމެއް ކޮށް ،  ކުޑަކަކޫ ޖަހައިގެން އޮންނަންވެސް ތައްޔާރެވެ. މިހިސާބުން ، ދިވެހިންގެ ވަޒީފާއަށް އޭގެ އަސަރު ކުރަން ފަށައިފިއެވެ.

ރާއްޖޭގެ އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ވިޔަފާރި މެކުހަށް ޖަހައިފިއެވެ. އެންމެ  އާދައިގެ އެޖެންސީއަކީވެސް މަހެއްގެ މައްޗަށް ، ލައްކައެއްހާ ޑޮލަރު އެއްކުރެވޭ ތަންތަނެވެ. އެޕާރޓްމަންޓް ތައް ގަނެ ، ކާރުހޯދައި ، އިނގިރޭސި ވިލާތަށް ދަރިން ކިޔަވަން ފޮނުވަނީއެވެ. ފިހާރަތައް ހުޅުވަނީއެވެ. ބޮޑެތި ޢަދަދުތަކުން ކޯޓާ އޮންނަ ތަންތަނުގެ އެޗް އާރ ވަޒީފާތަކުގައި ތިބޭ މުއައްޒަފުންގެ ޖީބުވެސް ފުރެމުން ދިޔައެވެ. ކުއްލި މުއްސަނދިކަމުން ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.

ދެން އޮތީ މިކަމުގައި ސަރުކާރުން ނުވަތަ ސަރުކާރުން ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ އިހުމާލެވެ. ހަމައެއް ލަމައެއް ނުބަލާ ވިއްކަމުން ގެންދިޔަ ކޯޓާތަކެވެ. ޚާއްޞަކޮށް ބަންގާޅު މީހުން ގެންނާށެވެ. އެއްދުވަސް ވަރެކެވެ. ބަންގާޅުން 5 އެޖެންޓުން އިޚުތިޔާރުކޮށް ، އެ 5 އެޖެންޓުން ނޫން ބަޔަކު މެދުވެރިކޮށް ބަންގާޅުން މީހުން ނުގެނެވޭގޮތަށް ހަމަޖެއްސިއެވެ. އެދުވަސްވަރު ، އަހަރެއްގެ މައްޗަށް ލައްކައިން ގުނާލެވޭ ވަރަށް ، ރާއްޖެ އަންނަ ބަންގާޅު މީހުންގެ ޢަދަދު ، ބަންގާޅުގެ މި 5 އެޖެންޓުންނަށް ހާމަކޮށްދެވުނެވެ. އަދި އެޑްވާންސްކޮށް ބޮޑު ޢަދަދެއް މި 5 އެޖެންޓުންގެ އަތުން ނެގިއެވެ. މި 5 އެޖެންޓުން އަތުން  ފައިސާ ހޯދުމަށްޓަކައި ބަންގާޅުގައި މީހަކު ގޮސް ހުރިކަމަށް ވެއެވެ. ބަންގާޅުން މީހުން ގެނައުމަކީ އެދުވަސްވަރު ވަރަށް ބޮޑު ކަމެކެވެ. ކުރިން ރާއްޖެ އަންނަން ބަންގާޅު މީހުން ދައްކާ ޢަދަދަށްވުރެ ބަންގާޅު އެޖެންޓުގެ ފީ ބޮޑުކޮށްލިއެވެ. މި 5 އެޖެންޓުންގެ އަތްމަތީ ކޮންޓްރޯލް އޮތީމައެވެ. މިކަމާގުޅިގެން ، ބަންގާޅުން އަންނަންތިބި މީހުން ތާށިވިއެވެ. އެހާ ބޮޑު ޢަދަދެއް އެޖެންޓުންނަށް ނުދެވިގެންނެވެ. މިހިސާބުން ބަންގާޅުން ނެގި 5 އެޖެންޓުންނާއި ސަރުކާރާ ދެމެދު މައްސަލަ ޖެހިއްޖެއެވެ. އެމީހުންގެ އަތުން އެޑްވާންސްކޮށް ނެގި ފައިސާ ހަމަވާ ވަރަށް ރާއްޖެއަށް ދާނެ މީހުންނެއް ނުވިއެވެ.

އޭގެފަހުން އައީ ބަންގާޅުން މީހުން ގެންނަން ، އެއްދުވަހުން ލިބޭ ކޯޓާއެއް ގަނެވޭ ދުވަސްވަރެކެވެ. އަދި ދިހަހާސް ރުފިޔާ ދިނީމަ ކޯޓާ ވިއްކުމުގެ ސަގާފަތެއް އަށަގަތެވެ. ދިހަހާސް ރުފިޔާ އަށް ވިއްކާ ކޯޓާއެއް ނެގުމަށް ހޭދަވަނީ ހަމަ އެންމެ ދުވަހެކެވެ. އެފައިސާ ނުދެންޏާ މަސް ދެމަސްވެސް ވެދާނެއެވެ. ދިހަހާސް ރުފިޔާއަށް ވިއްކާ ކޯޓާއަށް ލާރި ދައްކަންޖެހެނީ ، ރާއްޖޭގައި އުޅޭ ބަންގާޅު މީހަކަށެވެ. މި ދިހަހާސް ރުފިޔާ ބެހިގެންދާގޮތްވެސް ޢާންމުކޮށް ، އެކަމުގައި އުޅޭ އެންމެންނަށް ސާފުކޮށް އެނގެއެވެ.

ބަންގާޅު 5 އެޖެންޓުން އަތުން އެޑްވާންސްކޮށް ނެގި ފައިސާއާއި ، މާލޭގައި ކޯޓާ ވިއްކައިގެން ލިބުނު މުއްސަނދިކަމުގައި ، މަސްއޫލު ބައެއް މީސްމީހުންގެ ގޭގެ ބުރިބުރިއަށް އަރަން ފަށައިފިއެވެ. ރެސްޓޯރެންޓްތަކާއި ވިޔަފާރިތައް ހުޅުވިގެން ދިޔައެވެ. އެޕާރޓްމަންޓްތައް ގަނެވިގެން ދިޔައެވެ. ދަރިން އިނގިރޭސިވިލާތަށް ކިޔަވަން ފޮނުވުނެވެ. ރާއްޖޭގެ އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ވެރިންނަށް މިހުރިހާކަމެއް ވަރަށް ސާފުކޮށް އެނގޭނެއެވެ.

ޖީބަށް ، ޑޮލަރުން ފައިސާ ލިބޭތީ މިއިން އެއްވެސް ކަމަކީ އެއްވެސް މީހަކަށް ބޮޑުކަމަކަށް ނުވިއެވެ. ބަންގާޅުމީހުންގެ ކަންތައް ބޮޑުކަމަކަށް ވެގެން މިހާރު މިއުޅެނީ ވަރަށްގިނަ ބައެއްގެ އިހުމާލުންނެވެ. ސަރުކާރުގެ މަސްއޫލުވެރިންނާއި އެމީހުންގެ ޢަމަލުތައް އެނގިތިބެ އެކަމަށް ސަޕޯޓު ކުރި މީހުންނެވެ. ބޮޑެތި ޢަދަދުން ކޯޓާ ލިބިފައި އެކޯޓާ ނާޖާއިޒް ގޮތުގައި ބޭނުންކުރި ފަރާތްތަކެވެ. އެމްޕްލޯއިމަންޓް އެޖެންސީތަކެވެ. ވަގު ޑޮކިއުމަންޓް ހަދައިގެން ބަންގާޅުން މީހުން އެތެރެކުރި ފަރާތްތަކެވެ. މިހުރިހާ ފަރާތްތަކަކީވެސް ، އިންސާނީ މި ، ވަގުފާރީގައި ޤައުމަށް ޚިޔާނާތްތެރިވެ ، އަމިއްލަ އެދުން އިސްކޮށް ، ދުނިޔެ އާރާސްތު ކުރަމުންދާ މީހުންނެވެ. އެއިން މީހަކަށް ލިބުނު އަދަބެއް އަދިވެސް ނެތެވެ. މުޅި ޤައުމު މިއޮތީ ބަންގާޅުމީހުންގެ ހާއްޔަކަށް ވެފައެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއްވެސް އަދި އުއްމީދެއްވެސް ނެތެވެ.

ރަށްރަށުގައި ދަނޑު ހައްދަނީ ބަންގާޅު މީހުންނެވެ. ޤަވާޢިދާޚިލާފަށް ވަގަށް އުޅޭ މީހުންނެވެ. ހެސްކިޔާފަ ބޭސް ޖަހައިގެން ރަށުގެ ބިން ހަލާކުކޮށް ހައްދާތަކެތި ، ވިއްކާފަ ލިބޭ ފައިސާ ދުވަހުން ދުވަހަށް ބަންގާޅަށް ފޮނުވައެވެ. މިފައިސާ ފޮނުވައިދެނީ ބަންގާޅު އެޖެންޓުންނެވެ. ރަށަށްވެސް އަދި ރަށުގެ މީހަކަށްވެސް  ލިބޭ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ލިބުނިއްޔާ ލިބެނީ ރަށުން ދަނޑުބިން ނަގައި ، ބަންގާޅުމީހުންނަށް ކުޑަލާރިކޮޅަކަށް ދަނޑުވިއްކާ ދިވެހި މީހާއަށެވެ. މިކަން ޙައްލު ކުރުމަށްޓަކައި ، އަތޮޅު ކައުންސިލާއި ރަށުކައުންސިލަށް ކުރެވޭ ކަމެއް ޙަރާމެވެ. އެކަން ވާނީވެސް އެގޮތަށެވެ. ބަންގާޅުމީހުންނަށް ދަނޑު ވިއްކުމުގައި ބައެއް ކައުންސިލަރުންވެސް އެބަ އުޅެއެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ ، ހާހެއްހާ ރުފިޔާއަށް ރަށުގެ ދަނޑު ، ބަންގާޅުމީހާއަށް ވިއްކާލީމަ އެލިބޭ ގެއްލުމެވެ. ބަންގާޅު މީހުންނަށް ދަނޑު ވިއްކައިގެން ލާރިނަގާ ދިވެހިން އުޅޭކަން އެނގޭއިރުވެސް ކައުންސިލަށް ކުރެވޭ ކަމެއް ނޯވެއެވެ. ކައުންސިލަރުންގެ މަސްއޫލިއްޔަތާއި ޒިންމާ ޤާނޫނަކުން ވަކިކޮށްދީ ، ބާރުތަކެއްދީ ، ޢަމަލުކުރާނެ ގޮތްތަކެއް ހޯދައިދެވިފައި އޮތަސް ، ކަމެއް ނުކޮށް އެލިބޭ ލާރިކޮޅުގެ ދަހިވެތިކަމުގައި ކައުންސިލްތައް ވަނީ ފިޔަވަޅެއް އަޅަން ނުކުޅެދިފައެވެ.

އެހެންކަމާއެކު ، ބަންގާޅުމީހުން ކުށްވެރި ނުކޮށް ، ދިވެހިން ، ދިވެހިންގެ ފަސްގަނޑު ޙިމާޔަތްކުރަންޖެހޭކަން ހަނދާންކޮށް ، ޤާނޫނީ ޒިންމާ އާއި ފަރުދީ ޒިންމާ މާލީގޮތުންނާއި ، އިޖްތިމާޢީގޮތުން ލިބޭ ގެއްލުމަށް ވިސްނާލާނެ ވަގުތެއް އައިސްގެން ނޫނީ މިކަމަށް ކުޑަނަމަވެސް ބަދަލެއް ނާންނާނެއެވެ. އަޞްލު މައްސަލަޔަކީ ބަންގާޅު މީހުންނެއް ނޫނެވެ. ސަރުކާރުގެ މަސްއޫލު ވެރިންނާއި ދިވެހިންގެ މައްސަލައެކެވެ. ހަމައެއް ލަމައެއްނެތި ، އަމިއްލަ އެދުން އިސްކޮށް ، ޤައުމީ މަޞްލަޙަތަށް ނުވިސްނައި އެޅި ފިޔަވަޅުތަކަކާއި ޤައުމަށްވީ ޚިޔާނާތެއްގެ ނަތީޖާއެވެ. މިހާރު އެމީހުންގެ މައްސަލަ މިއޮތީ އަތްނުފޯރާ ހިސާބަށް ގޮއްސައެވެ. ފިޔަވަޅެއް އަޅަން ލަސްވެގެންގޮސް މާބޮޑަށް ލަސްވެފައެވެ.

ޤަވާޢިދާ ޚިލާފަށް ބަންގާޅު މީހަކު ނޫޅޭ ރަށެއް މިދިވެހިރާއްޖެއަކު ނެތެވެ. ދަނޑުތަކުގައި ބަންގާޅީންނެވެ. ދަނޑުން ހައްދާ ތަކެތި މާލެ ފޮނުވަނީ ބަންގާޅީންނެވެ. ބޯޓުން މާލެގެންނަން އެތަކެއްޗާ ޙަވާލުވަނީ ބަންގާޅީންނެވެ. މާލެއިން ތޮށީގަނޑުމަތިން އެތަކެއްޗާ ޙަވާލުވަނީ ބަންގާޅީންނެވެ. ބޯޓުން ބާލަނީ ބަންގާޅީންނެވެ. މާރުކޭޓަށް އެތަކެތި ވިއްކަނީ ބަންގާޅީންނެވެ. މާރުކޭޓުން އެތަކެތި ވިއްކަނީ ބަންގާޅީންނެވެ. މާރުކޭޓުން ގަނެގެން އެތަކެތި ގޭގެޔަށް އަދި މާލޭގެ ފިހާރަތަކަށް ގެންގޮސްދެނީ ބަންގާޅީންނެވެ. ކަނޑުމަތިން ދޯންޏަކަށް ނުވަތަ ބޯޓަކަށް އަރައިފިއްޔާ ދޯނީގައި އެތިބެނީ ބަންގާޅީންނެވެ. ފިހާރަޔަކަށް ނުވަތަ ރެސްޓޯރަންޓަކަށް ވަދެއްޖިއްޔާ ކައްކަން އަދި ކާންދޭން އެތިބެނީ ބަންގާޅީންނެވެ. ފިހާރަތަކުގައި ހުންނަ މުދަލުގެ އަގު އެނގެނީ ބަންގާޅީންނަށެވެ. ގެދޮރު ޢިމާރާތްކުރުމުގައި ރިސޯޓުތައް ހެދުމުގައިވެސް ބަންގާޅީންނެވެ.

ހުކުރު ދުވަހު ހުކުރު ނަމާދަށް ދާއިރު މިސްކިތް ފުރިފައި ބަންގާޅީންނެވެ. މަގުމަތިން ދިމާވާ ކޮންމެ ތިންމީހެއްގެ ތެރެއިން ދެމީހުންނަކީ ބަންގާޅީންނެވެ. އަދި ކޮބައިތޯއެވެ ؟ ތިމާ އިނދެވަރިކުރި އަންހެނާގެ ދަރިންގެ ބަފަޔަކީވެސް ބަންގާޅީއެކެވެ.

ބިދޭސީން ލައްވައި ނުވަތަ ބަންގާޅީން ލައްވައި މަސައްކަތްކުރުވަން އެބަޖެހެއެވެ. އެއީ އިޤްތިޞާދީގޮތުން ގެއްލުމެއް އޮތްކަމެއްނޫނެވެ. އެހެން ނަމަވެސް ، ވަކި ހަމަޔަކުންނެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ، ރަށްރަށުގެ ދަނޑުބިން ހަލާކުކޮށް ، ދަނޑުހައްދާ ބަންގާޅީން ،  ހައްދާހާ އެއްޗެއް ވިއްކާފަ އެލާރި ބަންގާޅަށް ފޮނުވާނަމަ އެއީ މައްސަލައެކެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބަންގާޅީން ދަނޑުހައްދަން ކުޑަކުއްޔަކަށް އެބިންދޫކުރާ ދިވެހިން އެއީ މައްސަލައެކެވެ. ހައްދުންމައްޗަކީ ، ޚާއްޞަކޮށް ފޮނަދުއަކީ މިކަން އިންތިހާއަށް ބޮޑު ތަނެކެވެ. ފޮނަދޫގެ ގިނަ ދަނޑުތައް މަދު ލާރިކޮޅަކަށް ގަނެގެން ދަނޑުވެރިކަން ކުރަނީ ބަންގާޅީންނެވެ. ހައްދާ ތަކެތީގެ އަގާއި މާރކެޓް ކޮންޓްރޯލް ކުރަނީ ބަންގާޅީންނެވެ.

ދިވެހިންގެ މެދުގައި ވަރި ގިނަވެ ، ބަންގާޅުމީހުން ދިވެހި އަންހެނުންނާ ކައިވެނިކުރުން ގިނަވުމަކީ މައްސަލައެކެވެ. ޤައުމަށް ޚިޔާނާތްތެރިވެ ، މިއޮއްބޮޑު ޖަރީމާ ނުވަތަ އިންސާނީ ވަގުފާރި ހިންގި މީހުން އެއްކުރި ފައިސާއިން ދުނިޔެ އާބާދު ކުރަން ދޫކޮށްލައި އަދަބެއް ނުލިބި ތިބުމަކީ މައްސަލައެކެވެ. ބަންގާޅު ބޮންދުން ހިތުހުރިގޮތަކަށް ފެންފޮދަކާ ނުލައި ރާއްޖެ ކައި ހުސްކުރަމުންދާއިރު ، އެކަން މައްސަލަޔަކަށް ނުވުމަކީ ، ޤައުމީ މައްސަލައެކެވެ. މިކަން މިހިސާބަށް ދިޔައީ ، ގައިމު ، ބަޔަކުމީހުން ، ޒިންމާއާއި މަސްއޫލިއްޔަތު ނުއުފުއްލައިގެންނެވެ. މިއީކީ ކުއްލިޔަކަށް ވީކަމެއްނޫނެވެ. އަމިއްލަ އެދުންބޮޑު ބައެއްގެ އިހުމާލުން ވަރަށް ގިނަ ދުވަހުން ޤައުމަށް ލިބުނު ގެއްލުމެކެވެ. މިއީ ރާއްޖޭގެ އިޖްތިމާޢީ މައްސަލަތަކެއް އުފެދިގެން ގޮސްފައިވާ ، އަދި ކުރިޔަށް އޮތްތާނގައި ހީވެސް ނުކުރާފަދަ ބޮޑެތި ، އިތުރު މައްސަލަތައް އުގެދިގެންދާނެ ކަމެކެވެ.

ބަރުމާގައި އުފެދިފައިވާ ރޮހިންޖާގެ މައްސަލަޔަކީ ، ދިވެހިން ، ޢިބްރަތް ޙާޞިލްކުރަންޖެހޭ މައްސަލައެކެވެ. ބަރުމާމީހުން ބަލާގޮތުގައި ، ރޮހިންޖާގެ މުސްލިމުންނަކީ ، އިނގިރޭސީން ބަރުމާގައި ވެރިކަންކުރި ދުވަސްވަރު ކަމަށްވާ ، 1824 އިން ފެށިގެން 1948 އާ ހަމަޔަށް ، ބަންގާޅުގެ ޗިޓަގޮންގ އިން ބަރުމާއަށް އައި ބަޔެކެވެ. އަދި ބަންގާޅުން ޕާކިސްތާނާ ވަކިވާން ، 1971 ގައި ކުރި ހަނގުރާމައިގާ ، ސަލާމަތްވާންވެގެން ބަންގާޅުން ފިލައިގެން އައިމީހުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި އުޅޭ ބަންގާޅުމީހުންގެ މައްސަލަޔަކީ ، މިހާރުވެސް އަތްނުފޯރާ ހިސާބުގައި އޮތް މައްސަލައެކެވެ. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ބޮންދުންގެ ފަރާތުން ރާއްޖެޔަށް ލިބެމުން އެބަދެއެވެ. މިކަން އެއީ  ބޮޑުސިއްރެއްގެގޮތަށް އެންމެންނަށްވެސް އެނގޭ ކަމެކެވެ.

ފަތުރުވެރިކަން ފުޅާވެ ، ރާއްޖޭގެ ރީތިކަން މުޅިދުނިޔެއަށް ތަޢާރުފްވެ ، ރިސޯޓުތައް ފުރިބަންޑުންވާ އިރުވެސް ، ދިވެއްސެއްގެ އަތުން ޑޮލަރެއް ގަންނާކަށް ނުލިބެއެވެ. އަގުބޮޑުކޮށް ، ޑޮލަރެއް ގަނެލަންވެސް މިހާރު ދިވެހިން ދާން މިޖެހެނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބަންގާޅު ބޮންދެއްގެ ގާތަށެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅު ބޮންދު ، ޤާނޫނާ ޤަވާޢިދާ ޚިލާފަށް ވިއްކާ ޑޮލަރު ، މަގުމަތިން ގަންނަން ގޮސް ގޮސް ދިވެހިންތިބެ ، މިޤައުމު އަނދަވަޅަކަށް ވައްޓާލަންވީ ތޯއެވެ ؟ ފެންފޮދަކާ ނުލައި ރާއްޖެ ކައި ، ވިއްކަމުންދާ ބަންގާޅު ބޮންދުންގެ އަތްދަށުން މިޤައުމު ސަލާމަތްކުރަން  އަޅާނެ ފިޔަވަޅެއް ހަމަ ނެތީތޯއެވެ ؟ ދިވެހިން ދިވެހިންގެ ގޮތުގައި ތިބެ ، އެނގި އެނގިހުރެ ، އަމިއްލައަތުން ކުދިކޮށް ކޮށަމުން ތިޔަގެންދަނީ މިދިވެހި ޤައުމިއްޔަތެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ކޮންމެ ސަރުކާރަކުންވެސް ބެލީ ބިދޭސިން އެތެރެ ކޮށްގެން ކޮރަޕްޝަން ހިންގޭތޯ. ކިރިޔާވެސް ހައްލެއް ހޯދޭތޯ މި ބަލަނީ ފައްޔާޒު މިނިސްޓަރު.

  2. ވަރަށް ރަގަޅު ލިޔުމެއް. މި ލިޔުމުގައި މިހިރީ މުޅިން ތެދު ވާހަކަ. ބިދޭސިންގެ ކަންތައް ހައްދުން ނެއްޓުނީ ޔާމީނޭ ކިޔާ މީހަކުގެ ދަށުން އެކަންތައް ކުރި ދުވަސްވަރު. އެއީ ރިޝްވަތު ނެގުމާއި ވަގު ހުއްދަ ވިއްކުމުގެ ކަންތައް ހައްދުން ނެއްޓުނު ދުވަސްވަރަކީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.