ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 25 އިންސައްތައާ އެއްވަރުގެ ޢަދަދަކަށް ބިދޭސީން އެތެރެ ވެފައިވޭ: އެސެޓް ރިކަވަރީ ކޮމިޝަން 

ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 25 އިންސައްތައާ އެއްވަރު ޢަދަދަކަށް ބިދޭސީން އެތެރެ ވެފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވެއްޖެއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ 2014 އާއ 2019 ދޭތެރެގައި 110،000  ބިދޭސީން އިތުރުވެގެން ދިޔަ ކަމަށެވެ. ރާއްޖޭގެ އާބާދީއަކީ ހަތަރު ލައްކައަށް ބެލިކަމުގައި ވިއަސް 25 އިންސަތަ އިތުރުވެގެން ގޮސްފައިވާކަމަށް ފާހަގަ ކުރެއްވިއެވެ . އެމުއްދަތުގައި އިޤްތިޞާދު އިތުރުވި ވަރާއި މީހުން އިތުރުވި ވަރު ކިހާވަރެއްތޯ އަޅާބަލަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަހަރު ޖެނުއަރީއާ ހަމައަށް ބެލި ނަމަވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު 65 ހާހަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.  ބިދޭސީންގެ މައްސަލައިގައި ވަކި ފަރާތެއް ބަދުނާމު ކުރުމުގެ މުޅި މުޖުތަމައަށްވާ ގެއްލުމަށް ވިސްނައިގެން ގޮތްތަކެއް ނިންމަންޖެހޭ ކަމަށް އަސްޢަދު ފާހަގަ ކުރެއްވިއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙަމްދު އަސްޢަދު ވިދާޅުވީ އެ އެކޮމިޝަނުން ބެލި ބިދޭސީންނާ ގުޅޭ ކަންކަމުގައި ފާހަގަ ކުރެވުނު ކަންކަން ވޭތުވެ ދިޔަ ފަސްމަހެއްގެ ތެރޭގައި ޙަޤީޤަތަކަށް ވެފައިކަމަށެވެ. އާއްމު ޞިއްޙަތާ ގުޅުންހުރި ބިދޭސީންގެ  މައްސަލަތަކާއި މުސާރައާއި އުޖޫރު ނުދެވޭ މައްސަލަތައް ހުރިކަން ފާހަގަ ކުރެއްވިއެވެ. 

"ހަމައެކަނި ކޮރަޕްޝަން އޭންގަލުން އިމިގްރޭޝަންގައި ތިބި މީހުން އެކަނި ގޯސްކޮށްގެން ވާވަރަށް ވުރެ ބޮޑު މައްސަލައެއްމީ. ކުށުގެ ވެށްޓަށް ބަލައިފިކަމަށް ވާނަމަ އޭގެތެރެގައި ބަދު އަޚްލާޤީ މައްސަލަ އާއި ޑްރަގް މައްސަލަ ވަރަށް ގިނަ." އަސްޢަދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.