
މ.މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެއްޖެއެވެ.
މިޙާދިސާގައި ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިންވަނީ މިޙާދިސާ ހިނގި ސަރަޙައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގެ ރިޕޯޓު އެފަރާތަށް ލިބިފައިވަނީ ރޭ މެންދަމު 01:00 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބިކަމަށާ، މީގެ ތެރެއިން 2 މީހަކައަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެކްސިޑެންޓްވި އަނެއް ލޯންޗުގައި 2 މީހުން ތިބިކަމަށާ، އޭގެ ތެރެއިން އެ ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް އެފަރާތުން ވިދާޅުވެއެވެ.