ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވީ 1972ވަނަ އަހަރުއެވެ. 2020ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމަށް މިވީ 48 އަހަރެވެ. 2022ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރެވެ. އެއީ 50އަހަރުފުރޭ ރަން ޔޫބީލް އަހަރެވެ. މިކަން ކުލަގަދަކޮށް ފާހަގަކުރުމުގެގޮތުން ސަރުކާއުން އަންނަނީ ދުރާލައި ތައްޔާރުވަމުންނެވެ. އެގޮތުން މީލާދީ އައު އަހަރު ފެށުމާއެކު ޓޫރިޒަމް މިނިސްޓްރީންވަނީ ޚާއްސަ މެސެޖަކާއެކު މިކަމުގެ ކައުންޓްޑައުން ފަށާފައެވެ.
މިމެސެޖު ޚާއްސަ ވާ އެތައް ސަބައެއް ވެއެވެ. އެންމެ ޚާއްސަ އެއް ސަބަބަކީ ޓޫރިޒިމަމް މިނިސްޓްރީން މިސެޖާއެކު ކުރި ޓްވީޓުގައި ވީޑިއޯގެ ޒަރިއްޔާއިން މުޅި މުޚާޠަބުކުރި މީހާއެވެ. އެއީ އިޓަލީ ވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖު ކޯބިންއެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް ދިވެހިންގެބަޔަކު ދެކެމުންދިޔަ ހުވަފެން ހަޤީޤަތަށް ވެގެންދިޔައީ މިމީހާ ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި ކުރި ޒިޔާރަތުންނެވެ. އެއީ 1971 ވަނަ އަހަރެވެ. ޖޯޖު ކޯބިން ރާއްޖެއަށް ކުރި ޒިޔާރަތަކީ މިހާރުގެ ހެލްތު މިނިސްޓަރ ކެރަފާ އަހުމަދު ނަސީމްގެ ދައުވަތަކަށް ކަނޑުމަގުން ކުރި ދަތުރެކެވެ. ކޯބިން ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލައިލާ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެވިދާނެތޯ ބެލުމަށެވެ.
އެޒިޔާރަތް ވެގެންދިޔައީ ކޯބިންއަށް ދުވަހަކުވެސް ހިތުން ފިލުވައި ނުލެވުނު ކަމަކަށެވެ. އޭނާ އެނބުރި އަމިއްލަ ޤައުމަށްގޮސް ރާއްޖެއާބެހޭ ލިޔުންތައް ޝާއިޢުކުރިއެވެ. އަދި ރާއްޖޭގައި ކުރި ތަޖުރިބާއަށް ބިނާކޮށް ފޮތެއްވެސް ނެރުނެވެ. އެއަށްފަހުން 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީ ވިލާތުގެ ފަތުރުވެރިންގެ ގްރޫޕަކާއެކު ކޯބިން އަލުން ރާއްޖެއައެވެ. މިއީ މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރު ހުޅުވި ކުރުނބާ އައިލެންޑް ރިސޯޓާ އެކުއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ އުފާ ކޯބިންއަށް ދެނީ އާދަޔާ ޚިލާފު އުފަލެކެވެ. އޭނާ ބުނަނީ އެންމެ ރާއްޖެއާމެދު މިއަދުވެސް ބުނަން އޮތީ ހަމަ އެންމެ ލަފުޒެއްކަމަށެވެ. އެއީ ހަމަ "ސުވަރުގެ"އެވެ.
#364Days to #Golden2022
Golden Jubilee of Maldives Tourism #GeorgeCorbin - #Maldives Tourism Pioneer#2022GoldenYear #ރަންއަހަރު2022 #VisitMaldives pic.twitter.com/4huCEPcR8A— Ministry of Tourism (@MoTmv) December 31, 2020
ކޮންމެއަކަސް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރެން ދެން އޮތީ 364 ދުވަހެވެ. މިއީ މުޅި ދުނިޔެއަށް ގޮންޖަހާލައި ދިވެހިން ހިންދެމިލި އާދަޔާ ޚިލާފު ވާހައެއްގެ އުފާވެރިކަމެވެ.