އައްޒަގެ ދިރާސީ ބަސް: ސުވާދީބު ސަރުކާރުގެ ރަސްމީ ވުޖޫދުވުން

ޢަބްދުﷲ ޢަފީފުދީދީ: ސުވަދީބު ސަރުކާރުގެ ރައީސް ފޮޓޯ: http://www.maldivesroyalfamily.com/maldives_suvadive.shtml

ސުވާދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމުގައި މި ހުށަހަޅަނީ، ސުވާދީބު ސަރުކާރު ރަސްމީ ގޮތުން ވުޖޫދުވީ ކިހިނެއް ކަމެވެ. ކުރީ ހަފުތާގެ ކޮލަމުގައި ގެނެސްދެވިފައިވަނީ، މަރަދޫގައި ހުރި އަތޮޅުގޭގައި ހުޅު ޖެހުމަށް ފަހު، ދޯނި ފަހަރުގައި އެ ބައެއްގެ ރަށަށް އެ ބަޔަކު ދިޔަ ހިސާބުންނެވެ. އެހެންކަމުން، އޭރު އައްޑު އަތޮޅުގައި ދިވެހި ސަރުކާރުގެ އަތޮޅުގެއެއް ނެތެވެ. އަދި ދިވެހިސަރުކާރުގެ ފަތްކޮޅު އެރުވިފައިވާ އަތޮޅުވެރިޔަކު ވެސް ވަޑައިގެން ނުމެއުޅުއްވަތެވެ. ވީއިރު، މިހާރު ދެން އައްޑު އަތޮޅުގެ ރައްޔިތުން ތަބާވީ ކޮން ބައެއްގެ އަމުރަކަށް ބާވައެވެ؟ އަމުރު އަންނަނީ ކޮން ދިމާއަކުން ކިހިނެއް ބާއެވެ؟ އައްޑޫގައި ދިވެހި ސަރުކާރާ ދެކޮޅަށް ފެށުނު ދެކޮޅުވެރިކަމުގެ ހަރަކާތަށްވީ ކިހިނެއްބާއެވެ؟ މަރަދޫގައި ކުރަމުން އައި އަތޮޅުގެ އަތޮޅުވެރިކަން ހިތަދޫއަށް ބަދަލުވީ ވެސް ކޮން ގޮތަކަށްބާވައެވެ؟ މިއީ ހައްތާ ވެސް ކިޔުންތެރިން ޖަވާބު ބޭނުންވާނެ ސުވާލުތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ވީމާ، މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށް ވާ މާފައާއި ކަނބުލޮގެ ވާހަކައިން ފަށަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ ކުރީ ހަފުތާގައި ވާހަކަ ނިންމާލިއިރު، ރައްޔިތުން އަތޮޅުގޭގައި ހުޅުޖަހާފައި އެނބުރި އެ ބައެއްގެ ރަށަށް ދިޔައީ ދޯ؟ ދެން ކިހިނެއްތަވީ މާފާ؟

މާފަ: ދޮންކަނބުލޯ... މި ހުރިހާ ކަމެއް މި ހިނގީ ބުރާސްފަތި ދުވަހުތާދޯ. ދެން ޖެހިގެން އައީ ހުކުރު ދުވަސް، ހުކުރު ދުވަހު ހުކުރުން ފައިބައިގެން އަނެއްކާ ވެސް މި ހަރަކާތުގެ ކަންކަން ފެށުނީ؟

ދޮންކަނބުލޮ:  ކޮން ކަމެއް ދެން ކުރީ؟

މާފަ: (ކަނބުލޮއާ ދިމާއަށް ބަލައިލަމުން... ބޯޖަހާލަމުން)...ހޫމްމްމް! ދެނޭ ސަރުކާރު އުފެއްދުމުގެ އަސްލު މަސައްކަތް ފެށުނީ.... ހިތަދޫ ދޯނިފަހަރު ހުރިހާ ރަށަކަށް ގޮސް އެ ރަށްރަށުގެ ކަމުވޮށިވެގެންވާ ބޭކަލުން ހިތަދޫއަށް ގެނެވުނީ... ތާރީޚީ ލިޔުންތަކުން މާފައަށް ފެނިފައިވާ ގޮތުގައި... މި ކަމުގައި ދޯނިފަހަރުގައި ފޮނުވުނީ ވަރަށް ވަރުގަދަ މީހުން... ހިމަރޯނާއި ލަޓިބުރިއާއި މުގުރުބުރި ފަދަ ތަކެތި ދީފައި...

ދޮންކަނބުލޮ:  (ވަރަށް ހައިރާންވެފައި) މާފާ! ކީއްވެތަ މުގުރުބުރިއާ އެއްޗެހި ހިފައިގެން ދިޔައީ؟

ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި ޖެހިގެން އައި ހުކުރު ދުވަހު ހިތަދޫން ފުރި ދޯނިފަހަރުގައި ހިމަރޯނާއި ލަޓިބުރިއާއި މުގުރުބުރި ފަދަ ތަކެތި ދީފައި ވަރުގަދަ ޓީމުތައް އަތޮޅުގެ ރަށްރަށަށް ފޮނުވުނީ އެ ރަށްރަށުގައި ތިއްބެވި ކަމުވޮށިވެގެންވާ މީހުން ބަލައެވެ. އަދި އޭނާ އިތުރަށް ވިދާޅުވަނީ، މި ހަރަކާތާ ދެކޮޅުވެރި ވެއްޖެ ބައެއްގެ ގެދޮރު ތަޅާލައި އެބަޔަކު ހިފައި ހައްޔަރުކުރާނެ ވާހަކަ ވެސް އޮތީ އަޑުއަރުވާފައި ކަމަށެވެ.

މާފަ: (ވިސްނަން އިނދެފައި) ކަނބުލޯ! އެ ގޮތަށް ކަންތައް ކުރާނީ... އެ ހަރަކާތާ ދެކޮޅުވެރި ބަޔަކު ވެސް ތިބީމާ ކަމަށް މާފައަށް ބެލެވެނީ... ގަމުގައި ހިނގި ކަންކަމުގައި ވެސް ދެކޮޅަށް ވާހަކަދެއްކި މީހުން ވެސް ތިބިތާދޯ؟

ދޮންކަނބުލޮ: ދެން އެއްވެސް ބަޔަކު ދެކޮޅު ހެދިތަ؟

މާފަ: ނޫނޭ ކަނބުލޯ! އެކަކު ވެސް ފާޅުގައި ދެކޮޅު ހެދި ކަމެއް އެއްވެސް ލިޔުމަކުން ފާހަގަކުރެވިފައެއް ނެތް... އެހެން ނަމަވެސް ނުރުހޭ ބައެއް މީސްމީހުން ތިބި ވާހަކަ ލިޔުންތަކުގައި ލިޔެފައި އެބަހުރި... އެހެންވީމާ، ނުރުހޭ މީހުން ތިބިކަން އެނގޭތީދޯ އެ ގޮތަށް ބާރުގެ ބޭނުންކޮށްގެން ރަށްރަށުން މީހުން ބަލައިދާނީ...

ދޮންކަނބުލޮ: މާފާ ދެން އެހެންވީމާ ހުރިހާ ރަށަކުން ވެސް ކަމުވޮށިވެގެންވާ ބޭފުޅުން ވަޑައިގަތްދޯ؟ ދެން އެ ބޭފުޅުން ކީއްތަ ކުރެއްވީ؟

މާފަ: ބައެއް ރަށްރަށުން ދޯނިފަހަރު އައީ އިރުއޮއްސުނު ފަހުން، ބައެއް ދޯނި ދަންވަރު ވެސް އައި ކަމަށްވޭ... އެކަމަކު ހަމަ އެރޭ ހިތަދޫގައި ބައްދަލުވުން ބޭއްވީ... މި ބައްދަލުވުމުން ނިންމީ ދިވެހި ސަރުކާރުން ވަކިވެ އިނގިރޭސީންގެ ހިމާޔަތް ހޯދުމަށް... އެއީ ރައްޔިތުން ރުހޭ ކަމަށް ވަންޏާ...

ދޮންކަނބުލޮ: މާފާ ކިހިނެއް ރައްޔިތުން ރުހޭތޯ ބެލީ؟ ވޯޓުލީތަ؟

މާފަ: ނޫން.. އެއްވެސް ވޯޓެއް ނުލާ... ހެދި ގޮތަކީ ޖެހިގެން އައި ދުވަހު... ޖަނަވަރީ 3 ވަނަ ދުވަހު އަނެއްކާ ވެސް ގަމަށް ރައްޔިތުންގެ ގިނަ ބަޔަކު ޖަމާކުރީ... މި މީހުން ގަމުގެ މަރަނގަ ކުރިމަތީގައި ދިވެހި ސަރުކާރަށް ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަން ފެށީ... ސަރުކާރުގެ ސިޔާސަތުތަކުގެ ދޯދިޔާ ވާހަކައާ... ރައްޔިތުންނަށް އިތުރު ނިކަމެތިކަން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކުރާ ވާހަކަ... މިހެން ގޮސް ސަރުކާރާ މެދު ހުރި ހިތްހަމަނުޖެހުންތައް ފާޅުކޮށް އަޑުގަދަކުރަމުން ދިޔައީ...

ދޮންކަނބުލޮ: ކޮބައިތަ އޭރު ދިވެހިސަރުކާރުން އައްޑު އަތޮޅަށް ވަޑައިގެން ތިއްބެވި ބޭފުޅުން... ޒަކީއާއި ޢުމަރު ޒާހިރާއި އަތޮޅުވެރިން ދިގު ޒާހިރު... ދެންވެސް...

މާފަ: އާނ! އަދި ތި ވާހަކަ ނުބުނެވޭ ދޯ؟ (ދޮންކަނބުލޮއާ ދިމާއަށް ބަލައިލަމުން) ޖެހިގެން އައި ހުކުރު ދުވަހު ޖަނަވަރީ މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިނގިރޭސިންގެ މަތިންދާ ބޯޓެއްގައި އެ ބޭފުޅުން ފުރާވަޑައިގަތީ...

ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ޒަކީއާއި ގަމުގައި ތިއްބެވި އިސްވެރިން ވަރަށް ސިއްރުން ކަހަލަ ގޮތަކަށް އިނގިރޭސިންގެ މަތިންދާ ބޯޓެއްގައި މާލެއަށް ފުރުއްވާލައްވައިފިއެވެ. މި ކަން އެނގި، ހިތަދޫ ރައްޔިތުން ހިތްހަމަނުޖެހިގެން އުޅުނުކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. ވީމާ، މިއިން އެނގެނީ، ރައްޔިތުން ކޮންމެ ކަމެއް ކުރިޔަސް، އެކަން ހުއްޓުވައި، ރައްޔިތުން ހަމަޖައްސަން މަސައްކަތްކުރައްވާނެ އެއްވެސް ބޭފުޅަކު އޭރު ގަމުގައި ނުހުންނަވާނެކަމެވެ. ވީމާ، މިކަން ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު، މިކަން ރާވައި ހިންގާ ބަޔަކަށް ފުރިހަމައަށް ލިބޭނެކަމާ މެދަކު ޝައްކެއް ވެސް ނެތެވެ.

ދޮންކަނބުލޮ:  އެހެންތަ މާފާ! އެހެންވީމާ، ދިވެހިސަރުކާރާ ދެކޮޅުވެރި ހަރަކާތް ބޭނުން ގޮތަކަށް ހިންގާނެ ފުރުސަތު ލިބުނީދޯ؟

މާފަ: (ހީނލަމުން) މާފަގެ ކަނބުލޮ މިހާރު ސިޔާސީ ލީޑަރަކަށް ވެސް ވީތާ ދޯ؟ އާނ! ދޮންކަނބުލޯ.. އެހެންވެ މި ހަރަކާތް ކުރިއަށް ގެންދިޔަ މީހުން ހެދި ގޮތަކީ، ރަށްރަށުން ގެނެވުނު ކަމުވޮށިވެގެންވާ ބޭފުޅުން ހިމަނައިގެން ކުޑަ ކޮމިޓީއެއް އުފެއްދީ... މި ކޮމިޓީއަށް އިންގިލާބީ ކޮމިޓީއޭ ވެސް ކިޔާ... އަށް ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް... ދެން ލަފާއަރުވަން އެއް ބޭފުޅަކު ހުންނެވި... އެހެންވީމާ ޖުމުލަ ނުވަ ބޭފުޅުން...  ޖަނަވަރީ 3 ވަނަ ދުވަހު، ރައްޔިތުން މާރަނގަ ކުރިމަތީގައި މުޒާހަރާކުރަމުން ދިޔައިރު، މި ކޮމިޓީގެ މަސައްކަތް ވެސް ދިޔައީ ކުރިއަށް... އެއީ މާރަނގަ ތެރޭގައި ލިޔުމެއް ތައްޔާރުކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވާހަކަ ތާރީޚު ލިޔުންތެރިޔަކު ލިޔުއްވާފައިވޭ

ދޮންކަނބުލޮ:  ކޮންކަހަލަ ލިޔުމެއްތަ މާފާ!

މާފަ: އެ ލިޔުމުގައި އޮތީ، ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުންނާ މެދު އިހުމާލުވާ ވާހަކަ. އެއްވެސް އަސާސީ ހައްގެއް ފޯރުކޮށްނުދީ އެހާ ބޮޑު އަދަދުތަކުން ޓެކްސް ނަގާވާހަކަ... ގައުމީ ކުންފުންޏަށް ތަކެތި ނުއަގުގައި ވިއްކަން ޖެހޭވާހަކަ... އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނު ހަދައި ވިޔަފާރިވެރިންނަށް ގެއްލުންވާ ވާހަކަ... ކޮޅުނބު އޮޑިފަހަރުގެ ދަތުރުތައް ހުއްޓިފައިވާ ވާހަކަ... އަތޮޅުން ކާޑު ހުސްވެފައިވާ ވާހަކަ... މިހެން ގޮސް... އެތައް ވާހަކައެއް.

ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި އިންގިލާބީ ކޮމިޓީން ލިޔުނު ލިޔުމުގައި އޮތީ ދިވެހި ސަރުކާރުން އެތައް ގޮތަކުން ރައްޔިތުންނާ މެދު އިހުމާލުވެފައި ވާތީ، އޮޑިވެރިންނާއި ވިޔަފާރިވެރިން ވެސް އިއްތިފާގުވެފައިވަނީ، ރައްޔިތުން ރުހޭ ނަމަ، ދިވެހި ސަރުކާރާ ވަކިވުމަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވަނީ، މި ލިޔުން ރައްޔިތުންނަށް ކިޔައިދިނުމާ އެކު ރައްޔިތުން ކެކިއަރައިގަތް ކަމަށާއި އެންމެން އެއް އަޑަކުން "އާނއެކޭ ވަކިވާށޭ... ބޭނުމީ ވަކިވާށޭ..." މިހެން ކިޔައި އަޑުގަދަކުރި ކަމަށެވެ. ނަމަވެސް މި ދެންނެވި ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި ދިރާސާގެ ބައިވެރިޔަކު ވިދާޅުވީ މިއީ ހިތަދޫ މީހުން ލިޔެގެން ގެނައި ލިޔުމެއް ކަމަށެވެ. އަދި މި ލިޔުން ކޮމިޓީއަށް ކިޔައިދިނުމުން، އެ ލިޔުމަށް އޭނާ އިންކާރުކުރެއްވި ވާހަކަ ކިޔައިދެއްވަމުން ވިދާޅުވީ "މަ ބުނެފިން އަހަރުމެންނަކީ އެތައް ސަތޭކަ އަހަރުވަންދެން މުސްލިމު ޤައުމެއްގެ ގޮތުގައި މުސްލިމު ދިދައެއްގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ބައެކޭ. މިހެންތިބެފައި މިހާރު އަހަރުމެން ޣައިރު މުސްލިމު  ބައެއްގެ ދިދައެއްގެ ހިޔާވަހިކަމުގެ ދަށަށް ވަންނާކަށް މަށެއް ޤަބޫލެއް ނުކުރަމޭ. ދެން އެއްކަލަ ރުޅި އަތުވެއްޖެ. ދެން ހަޅޭއް ލަވަން ފަށައިފި..." މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކޮމިޓީގެ ތިންބައިކުޅަ ދެބައި ލިބިއްޖެއްޔާ އެ ފާސްވީ ނޫންހޭ ބުނީމާ އެންމެން ދެން މަތިރިވީ ކަމަށެވެ. އަދި އެހެން ބޭފުޅަކު ވެސް އެއްވެސް ވާހަކައެއް ނުދައްކަވާ ކޮމެޓީގައި އިންނެވިކަމަށް އޭނާ ވިދާޅުވިއެވެ. ވީމާ، މިއިން މި އެނގުނީ، އިންގިލާބީ ކޮމިޓީގައި ވެސް މި ކަންކަމާ ދެކޮޅު ބައެއް ބޭފުޅުން ވެސް ތިއްބެވިކަމެވެ.

މި ދެންނެވި ލިޔުމާ ގުޅޭ ގޮތުން "ބަޣާވާތުގެ މަންޒަރުތައް"، (1959) ގައި ހާމަކުރައްވާފައިވާ ގޮތުގައި "ޢަފީފާއި އަތޮޅުގައި ތިބި އަތޮޅުގެ ފައިސާވެރިންގެ އަމިއްލަ އެދުންތަކަށް ތަރުޙީބު ލިބޭ ފަދަ ދޮގު ލިޔުމެއް ރައްޔިތުންނަށް ކިޔައިދިނުމުގެ ސަބަބުން އެބައިމީހުންނަށް ވަރަށް ބޮޑަށް ޙަޤީޤަތް ވަނީ އޮޅިފައެވެ" (ޕެރެގްރާފް، 7). މަޢުމޫލު (ޓެކްސް) ނަގާ ގޮތުގެ ވާހަކަ ވެސް ރައްޔިތުންނަށް އަންގަމުން ދިޔައީ ދިވެހިސަރުކާރުން ދުވަހަކު ވެސް ފާސްވެފައި ނެތްފަދަ ބޮޑެތި ޢަދަދުތަކެއް ކަމުގައި ވެސް މި ލިޔުމުގައި ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް ދިރާސާގެ ހުރިހާ ބައިވެރިން އެއްބަސްވެފައިވާ އެއް ވާހަކައަކީ، ޓެކުހުގެ ގޮތުގައި ވަރަށް ބޮޑެތި ޢަދަދުތަކެއް ކަނޑައެޅުނުކަމެވެ. އަދި ކޮޅުނބުގެ ވިޔަފާރި ދަތުރުތަކުން ވެސް ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން ދިޔަކަން އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުން ހޯދުނު ގިނަ ބަސްދީގަތުންތަކުގައި ދިރާސާގެ ބައިވެރިން ބުނެފައިވެއެވެ. ވީމާ، އޭރު ސަރުކާރުން ނެރެމުން ދިޔަ "ވިޔަފާރި މިއަދު" ނޫހުގައި ސިލްސިލާކޮށް ޝާއިޢުކުރެވެމުން ދިޔަ ލިޔުންތަކުގައި ފާހަގަކުރައްވާފައިވާ ވާހަކަތަކާ މެދު ސުވާލު އުފެދޭނެ ޖާގަ އޮތްކަމަށް ދެންނެވިދާނެއެވެ. ނަމަވެސް މި ދަންނަވަނީ، އިންގިލާބީ ކޮމިޓީއިން ރައްޔިތުންނަށް ކިޔައިދިން ލިޔުމުގައި ހުރީ މުޅިން ޙަޤީޤީ ތެދު ވާހަކަތަކެކޭ ވެސް ނޫނެވެ. އެހެނީ، އެ ލިޔުމުގެ އަސްލު ސީދާ ފެނިފައި ނުވާތީ، ދިރާސާވެރިޔެއްގެ ހައިސިއްޔަތުން އެ ލިޔުމާ މެދު އެފަދަ  ނިންމުމެއް ނިންމަން ދައްޗެވެ. ނަމަވެސް ފާހަގަކުރެވުނު އެއް ކަމަކީ، އެ ލިޔުން އަޑުއެހި ބައެއް މީހުން  މި ދިރާސާއަށް މަޢުލޫމާތު ދީފައިވާއިރު، މިއިން އެއްވެސް މީހަކު، އެ ލިޔުމުގައި ދޮގު ވާހަކަތަކެއް ވާކަމަކަށް ބުނެފައެއް ނުވާކަމެވެ.

ދޮންކަނބުލޮ: ކިހިނެއްތަ ދެން ކަންތައްވީ؟ މާފާ ކީއްވެތަ އެންމެން ގަމަށް ގޮސް މާރަނގަ ކުރިމަތީގައި މުޒާހަރާކުރީ؟

މާފަ: ދޮންކަނބުލޯ މާފައަކަށް ވެސް ނޭނގެ އެއީ ކީއްވެގެން ކަމެއް؟ އެކަމަކު އިނގިރޭސިން ތިބޭނީ ގަމުގައިދޯ؟ ދެން ކޮންމެއަކަސް... އެއްކަލަ ކޮމިޓީގެ މީހުން ރައްޔިތުންގެ ނިންމުމުގެ ވާހަކަ އިނގިރޭސިންނަށް ދަންނަވަން ވެއްޖެ. އޭރު އިގިރޭސި ދަންނަ މީހަކަށް ހުންނެވީ ޢަފީފުދީދީ... ޢަފީފުދީދީ މިއިން އެއްވެސް ކަމަކަށް ވަޑައެއް ނުގަންނަވާ... ދެން ޢަފީފުދީދީ ބަލައި ފޮނުއްވީ... ފުރަތަމަ ޢަފީފުދީދީ ވަޑައެއް ވެސް ނުގަތްކަމަށް ވަނީ... ދެން އަނެއްކާ މޭޖަރ ފިލިޕް ޢަފީފުދީދީ ގެންނެވީ... ދެން މި ދެމެދުގެ ވާހަކަތައް ކުރިއަށް ގެންދެވުނީ..

ދިރާސީ ނޯޓު: އިންގިލާބީ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި ދިރާސާގެ ބައިވެރިއެއްގެ ގޮތުގައި މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ "މަ މިހުންނަނީ މީގެ ތެރެއިން އެންމެ ބަހެއް ވެސް އެނގޭތީ ވަރަށް ވިސްނުންތެރިކަމާއެކު އަޑުއަހަން ކޮޅަށް. އެހެން އެންމެން އިށީނދެގެން. ދެން މި ދެބަސް މަށަށް އެބަ އެނގޭ މިހާރު. އެއީ "ދޭ ސޭ" އާއި "އެގްރިމެންޓް" ގެ ވާހަކަ. އޭނާ (މޭޖަރ ފިލިޕް) އެގްރިމެންޓްގެ ވާހަކަ އެ ދައްކަނީ، އެގްރިމެންޓެއް އޮތްކަމާއި، އެހެންވީމާ އެމީހުންނަށް މީގެ ކުރިމަތީގައި ނުތިބެވޭނެކަން. އެހެންވީމާ ޢަފީފު ކޮންމެ ވާހަކައެއް މި ދައްކަނީ އަހަރުމެން އެއްވެސް މީހެއްގެ ބަހެއް އެއްވެސް މީހަކު ކުރެން  ނާހާ. ޢަފީފު ހިތަށް އެރި ވާހަކައެއް މިދައްކަނީ. ދެން މިހިސާބަކަށް ވާހަކަ ދައްކާފައި މިތިބީ. ދެން އެހެންވީމާ އަފީފަށްތާ ދެއްކުނު ވާހަކައެއް ވެސް އެނގޭނީ. އެހެންނު. ދެން މިހާރު އަހަރުމެންނަކީ ވަކި ޤައުމެއް." މިހެންނެވެ. ވީމާ، އެ ހިސާބުން ދިވެހި ސަރުކާރުން ވަކިވީ ކަމަށް ވެސް ބެލެވިދާނެއެވެ.

ދޮންކަނބުލޮ: ދެން މޭޖަރ ފިލިޕްއާ ޢަފީފުދީދީ ވާހަކަދެއްކެވީ ދޯ؟

މާފަ: އާނ! ކަނބުލޯ... ދެން ވީ ގޮތަކީ، ކުޑަ ކޮމިޓީއިން ނިންމީ ސުވާދީބު ސަރުކާރު އުފައްދާ ރައީސަކަށް ޢަފީފުދީދީ ހަމަޖައްސަން... އެކަމަކު ޢަފީފުދީދީ ރައީސްކަމެއް ގަބޫލުފުޅެއް ނުކުރެއްވި..

ދޮންކަނބުލޮ: މާފާ! ކީކޭ؟ ޢަފީފުދީދީ ނޫންތަ ސުވާދީބު ސަރުކާރުގެ ރައީސަކީ؟

މާފަ: ކަނބުލޮ! ޢަފީފުދީދީ ރައީސަކީ... އެކަމަކު އެކަން ގަބޫލުކުރެއްވީ ޝަރުތަކާ ވެސް އެކު... އެއީ ޢަފީފުދީދީއަކީ ކުރިން ވެސް ދިވެހި ސަރުކާރުން ނުހައްޤު އަނިޔާތަކެއް ލިބިފައިވާ މީހަކަށް ވާތީ ކަމަށް ވިދާޅުވެ، އޭނާ އެކަން ގަބޫލުފުޅުނުކުރެއްވީ... ކުރީ ދުވަހެއްގައި މި ވާހަކަ ވެސް އޮންނާނީ ކަނބުލޮއަށް ކިޔައިދެވިފައި... ސިހުރުހެދިކަމުގެ ކުށާއި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ހުކުމްކޮށް، އެއްތެލުން ތަޅައި، ބަނޑު ބިންމަތީގައި ޖެއްސިވާހަކަ...

ދޮންކަނބުލޮ:  އާނ! މާފާ.. ހަނދާން އެބަ ހުއްޓޭ...

މާފަ: ކަނބުލޮއަށް އެނގޭތަ؟ އެ އަދަބަކީ ނުހައްގު އަދަބެއް ކަމަށް، ބައެއް ފޮތްފޮތުގައި ލިޔެފައި ވިޔަސް، އޭރު ސަރުކާރުން ނެރޭ ނޫސް "ވިޔަފާރި މިއަދު" ގައި ވަނީ ޢަފީފުދީދީއަށް ދެވުނީ ޙައްޤު އަދަބުކަމަށް... އަދި ލިޔެފައިވޭ އެ ހަނދާންތައް ނައްތާލާފައި ދެވަނަ ފަހަރަށް ވެސް ބަޣާވަތްކުރީކަމަށް... އެކަމަކު މިކަން ހިނގާފައިވާ ގޮތަކީ، ޢަބްދުﷲ ޢަފީފުދީދީ، އޭނާގެ ހިމާޔަތް ހޯއްދަވަން އިނގިރޭސިންނަށް ޝަރުތެއް ހުށަހެޅުއްވި...

ދިރާސީ ނޯޓު: އެދުވަސްވަރު ނުކުތް ނޫހެއް ކަމަށްވާ "ވިޔަފާރި މިއަދު" މި ނޫހުގައި ޢަބްދުﷲ ޢަފީފު ސިފަކުރައްވާފައިވާ ގޮތުގައި އެއީ "އުންމަތުގެ ބަޣާވަތްތެރިޔާ" އެވެ (ދެކުނުގެ ބަޣާވަތުގެ ފެށުން، 1959). އެހެނީ، ޤައުމަށް ޚިޔާނާތްތެރިވާ މީހުންނަށް ލިބެންވާ އެންމެ ބޮޑު އަދަބު ޢަބްދުﷲ ޢަފީފަށް ލިބިފައިވީ ނަމަވެސް އެ ހަނދާންތައް އޭނާގެ ހިތުން ފިލައިގެން ދިޔަކަމީ ހިތާމައެއް ކަމަށް ވެސް މި ނޫހުގައި ބަޔާންކުރައްވާފައިވެއެވެ.

ނަމަވެސް ޢަބްދުﷲ ޢަފީފުގެ ހިތުން އެ ހަނދާންތައް ފިލައިގެން ނުދާކަން ހާމަކުރައްވައި ދިރާސާގެ ބައިވެރިންގެ ތެރެއިން (އިބްރާހީމްބެ (އަސްލު ނަމެއް ނޫން)، އައްޑޫ) ބުނަނީ، ޢަބްދުﷲ ޢަފީފު ސުވާދީބުގެ ރައީސްކަން ގަބޫލުފުޅުނުކުރެއްވީ، އޭނާއަކީ ދިވެހި ސަރުކާރުން ނުހައްގު އެތައް އަދަބެއް ލިބިފައިވާ މީހަކަށްވީތީ، ދެން ވެސް އެފަދަ އަދަބެއް ލިބުމަށް ނޭދޭތީކަމުގައެވެ. ހަމަ މި ބީދައިން އައްޑޫ އެޅެ ބެއްޔާ (އަސްލު ނަމެއް ނޫން) ބުނީ ރައްޔިތުން ޢަފީފު އަރިހުގައި ވެރިކަން ކޮށްދޭން އެދުމުން އެކަމަށް "ޢަފީފު އެއްބަހެއް ނުވި... ދެން ގަމަށް ގެންގޮސްފައި އަހަނީ ކީއްވެހޭ މިކަން ގަބޫލުނުކުރަނީ؟ ޢަފީފު ބުނީ ތިމަންނައަކީ ތުހުމަތަކަށް އަދަބު ދީފައި ހުރި މީހެކޭ... މިހާރު ތިމަންނަ ގައިގައި އަޅާ ތުރުތުރު ކަލޭމެން ބަލާށޭ.. ތިމަންނައަކީ އެއްތެލުން ތަޅައި ބިންމަތީ ބަނޑުޖައްސާފައި ހުރި މީހެކޭ... ތިކަމެއް ނުވާނޭ....އެހެންނޫނީ ތިމަންނައަށް ދޭށޭ މިކަން ނިމޭ ދުވަހުން ތިމަންނަގެ ޢާއިލާއާއި ތިމަންނަ ހިމާޔަތްކޮށްދޭނެ ކަމުގެ ލިޔުން... އިނގިރޭސިން އެ ލިޔުން ދެން ދެން މި ތަނުގައި އެ ވެރިކަމެއް އިޢުލާނެއް ނުކުރޭ.. ކީއްކުރަންތޯ އެ ވެރިކަމެއް ކުރަން ޢަފީފަށް އިނގިރޭސިން ޙިމާޔަތްދޭންވީ؟" އޭރުގެ ދިވެހި ސަރުކާރުގެ އިސްވެރިޔެއް ކަމަށް ވާ އާދަމް (އަސްލު ނަމެއް ނޫން) ވެސް ސާފުކޮށް ވިދާޅުވެފައި ވަނީ ސުވާދީބު ސަރުކާރަކީ، އިނގިރޭސިން ކުރުވި ކަމެއްކަމަށެވެ.

މި ދެންނެވުނު ވާހަކަތަކަށް ވިސްނާއިރު، ޢަފީފުދީދީއަށް ވެސް މި ވެރިކަމަކީ، ދެމި އޮންނާނެ އެއްޗެއް ނޫންކަން އެނގިވަޑައިގަނެޔޭ ވެސް ދެންނެވިދާނެއެވެ. މި ބީދައިން ވާހަކަދައްކަމުން، އައްޑޫ ރަހާބެއްޔާ (އަސްލު ނަމެއް ނޫން) ފާހަގަކޮށްފައި ވަނީ، ފުރަތަމަ ވެސް މިއީ ދެމިއޮންނާނެ ވެރިކަމެއް ނޫންކަން އިނގިރޭސިންނާއި ޢަފީފަށް ވެސް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވަނީ މިއީ އިނގިރޭސިން "ޖެއްސި ސްޓަންޓެއް" ކަމަށެވެ. މާނައަކީ ކުރިން ނިންމާފައި އޮތް ގޮތަށް ޑްރާމާއެއް ކުޅުނީ ކަމަށެވެ. ކުދުބެއްޔާ (އަސްލުނަމެއް ނޫން) ވެސް ރަހާބެއްޔާގެ ވާހަކަތަކަށް ތާއީދުކުރާ ބީދައިން ވާހަކަދައްކަވާފައިވެއެވެ. ކޮންމެއަކަސް މި އެންމެންގެ ވާހަކަތަކުންނާއި ތާރީޚީ ލިޔުންތަކުން ވެސް ހެކި ލިބެނީ، ސުވާދީބު ސަރުކާރު އުފެއްދުމަކީ، އިނގިރޭސިން އަޑީގައި ތިބެގެން ކުރުވި ކަމެއް ކަމަށެވެ.

ދޮންކަނބުލޮ: މާފާ! ކޮބައިތަ ޢަފީފުދީދީ ހުށަހެޅުއްވި ޝަރުޠުތަކަކީ؟

މާފަ: އެއީ، ވެރިކަން ނިމޭ ދުވަހަކުން އޭނާއަށާއި އޭނާގެ ޢާއިލާއަށް އިނގިރޭސި ސަރުކާރުގެ ހިމާޔަތް ލިބިވަޑައިގަތުން

ދޮންކަނބުލޮ: ދެން އެ ހިމާޔަތް އޭނާއަށް ލިބިވަޑައިގަތްތަ މާފާ!

މާފަ: އާނ! ސީދާ ރާނީގެ ސިއްކަފުޅު ޖައްސަވާފައިވާ ލިޔުމެއް ލިބިވަޑައިގަތުމުން އޭނާ ސުވާދީބު ސަރުކާރުގެ ރައީސްކަން ޤަބޫލުފުޅުކުރެއްވީ.

ދިރާސީ ނޯޓު: "ޢަފީފު ވިދާޅުވީ، އަޅުގަނޑުމެން ހިންގަންފަށާ ވެރިކަން ނިމޭ ދުވަހަކުން އަޅުގަނޑުގެ ޢާއިލާއަށް އިނގިރޭސި ސަރުކާރުގެ ފުރިހަމަ ހިމާޔަތް ދެއްވާނެ ކަމުގެ ރަސްމީ ލިޔުމެއް ދެއްވުމުން ނޫނީ އެކަން ގަބޫލުނުކުރެވޭނެ ކަމަށެވެ" (ޢަބްދުﷲ ޞާދިޤު، 2016، ޞ. 51). ތާރީޚީ ފަތްފުށްތަކުންނާއި ދިރާސާގެ ހުރިހާ ބައިވެރިންގެ ދުލުން ވެސް ހާމަވި ގޮތުގައި، ޢަބުދުﷲ ޢަފީފުދީދީއަށް އިނގިރޭސި ރާނީ ސޮއިކުރައްވައި ސިއްކަފުޅު ޖައްސަވާފައިވާ ލިޔުމެއް ނުވަތަ ފަތްކޮޅެއް ލިބިވަޑައިގަންނަވަންދެން އެ މަނިކުފާނު ސުވާދީބު ސަރުކާރުގެ ރައީސްކަން ގަބޫލުފުޅެއް ނުކުރައްވައެވެ. މި ދެންނެވި ފަތްކޮޅުގެ ކުރިން އެކި ފެންވަރުގެ ބޭފުޅުން ސޮއިކުރައްވާ އެކި ލިޔުން އިނގިރޭސި ސަރުކާރުން ހުށަހެޅުއްވި ކަމަށް ވެސް ޢަބްދުﷲ ޞާދިޤު (2016) ބަޔާންކުރައްވައެވެ. ނަމަވެސް ޢަފީފުދީދީ ގަބޫލުފުޅުނުކުރެއްވީއެވެ. މިކަން އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ލިޔުންތެރިން މާނަކުރައްވާފައި ވަނީ ޢަބްދުﷲ ޢަފީފު ވެރިކަމެއް ބޭނުންނޫން ކަމުގެ ހެއްކެއްގެ ގޮތުގައެވެ. ނަމަވެސް، އޭރުގެ ދިވެހި ސަރުކާރުން ނެރުއްވި "ވިޔަފާރި މިއަދު" ނޫހުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައިވަނީ ޢަފީފުދީދީއަކީ ވެރިކަމަށް ދަހިވެހިވެތިވެފައިވާ ބާޣީއެއްކަމަށެވެ.

ދޮންކަނބުލޮ: އެހެންވީމާ، ސުވާދީބު ސަރުކާރު މި އުފެދުނީ ކޮން ތާރީޚެއްގައިތަ މާފާ؟

މާފަ: (ހީނލަމުން...) ރަނގަޅު ސުވާލެއް ތިޔައީ ކަނބުލޯ... އެކި ލިޔުންތަކުގައި އެކި ގޮތަށް ތިޔަ ތާރީޚު ލިޔެފައިވޭ... އެއީ ރަސްމީ ގޮތުން ޢަފީފު ރައީސްކަމާ ހަވާލުވެވަޑައިގަތުން ލަސްވީމާ... ސަރުކާރު އުފެދުނީ ކަމަށް ބައެއް މީހުން ބެލީ އެ ތާރީޚު... އަދި ބައެއް މީހުން ސަރުކާރު އުފެދުނީ ކަމަށް މި ބަލަނީ 13 މާރިޗު 1959... އެއީ ބީބީސީއިން ސުވާދީބު ސަރުކާރުގެ ވާހަކަ އިޢުލާނުކުރި ދުވަސް...

ދޮންކަނބުލޮ: އެހެންވީމާ މާފަ ބުނަނީ ކީކޭ... އަސްލު ސުވާދީބު ސަރުކާރު އުފެދުނީ ކޮން ތާރީޚެއްގައި...؟

މާފަ: (ހީނލަމުން) ކަނބުލޮ ހާދަ މޮޅު ސުވާލުތަކެކޭ ތިޔަ ކޮށްލަނީ؟ މާފައަށް ގަބޫލުކުރެވެނީ 1959 ވަނަ އަހަރު ޖަނަވަރީ މަހު އެއްވަނަ ދުވަހު ގަމު މާރަނގައިގައި (އޭރު އެތަނުގައި ހިންގި ދިވެހި ސަރުކާރުގެ ލިއެޒަން އޮފީހުގައި) ނަގާފައި ހުރި ދިވެހި ދިދަ ވައްޓާލައި، މަރަދޫގައި ހުރި އަތޮޅުގެއާއި އަތޮޅު އޮފީސް ރޯކޮށްލި ހިސާބުން އެ އޮތީ ސުވާދީބު ސަރުކާރު އުފެދިފައޭ... އެކަމަކު ސަރުކާރު ނަން ފާސްކުރެވުނީ ވެސް އެއްކަލަ މާފަ ބުނި އިންގިލާބީ ކޮމިޓީއިން... ޖަނވަރީ މަހުގެ ތިންވަނަ ދުވަހު...

ދޮންކަނބުލޮ: (ހީނލަމުން...) އެހެންދޯ މާފާ

ދިރާސީ ނޯޓު: ސުވާދީބު އުފެއްދުމުގައި ހިނގަމުން ދިޔަ ކަންކަމާ މެދު، އަލީ ފަހުމީ އަހުމަދު (2012) ވިދާވެފައިވަނީ އެއީ ކުޅެފައިވާ ފިލްމެއް ފަދައިން އެއް މަންޒަރަށް ފަހު އަނެއް މަންޒަރު ހާމަވަމުން ދިޔަ އެޕިސޯޑުތަކެއް ކަމަށެވެ. ވީމާ، ކަމަކަށް ފަހު ކަމެއް ނިއުޅެމުން ހާމަވަމުން ދިޔައީއޭ ވެސް ދެންނެވިދާނެއެވެ. ދިރާސާގެ ބައިވެރިއެއް ކަމަށް ވާ އައްޑޫ އެޅެބެއްޔާ ބުނީ އިނގިރޭސި ޚާރިޖިއްޔާގެ ވަކީލު މޭޖަރ ފިލިޕް އައްޑޫގައި ކުރެއްވީ ހަމައެކަނި ސުވާދީބު ސަރުކާރު އުފެއްދުމުގެ މަސައްކަތްކަމުގައެވެ. މިބީދައިން މޭޖަރ ފިލިޕްގެ މަސައްކަތާމެދު ދިރާސާގެ އެހެނިހެން ބައިވެރިން ވެސް ބުނެފައި އެބަވެއެވެ. އަދި އައްޑޫ ކުދުބެއްޔާ (އަސްލު ނަމެއް ނޫން) ވަރަށް ފާޅުގައި ބުނެފައިވަނީ، ސުވާދީބު ސަރުކާރު އުފެއްދީ މޭޖާ ފިލިޕްއާއި ޢަބްދުﷲ ޢަފީފުގެ ރޭވުމުގެ މަތިން ކަމުގައެވެ.

ދޮންކަނބުލޮ: މާފަ ތިޔަ ކިޔައިދިނީ ފޮތްފޮތުގައި ހުރި ވާހަކަތައް... ދެން މާފަ ބުނެބަލަ... މާފަ ގަބޫލުކުރަނީ ކިހިނެއްތަ؟ ސުވާދީބު ސަރުކާރު އުފެއްދީ ޢަބްދުﷲ ޢަފީފު ވެރިކަން ބޭނުންފުޅުވެގެންތަ؟

މާފަ: ކަނބުލޯ....! (ކުޑަކޮށް ދަމާލަމުން ކަނބުލޮގެ ނަން ކިޔަމުން މާފަ ހީލާފައި)... ހުރިހާ ފޮތެއްގައި ހުރި ވާހަކަތައް ކިޔައިދިނީމާ، ދެން ކަނބުލޮ ގޮތެއް ނިންމަ ބަލަ...

ދޮންކަނބުލޮ: (ވަރަށް ވިސްނާފައި) ހޫމްމް! މާފާ... ތި ހުރިހާ ވާހަކައަކަށް ވިސްނާ އިރު... (އަނެއްކާ ވެސް ބޯކަހާލަމުން ވިސްނާލާފައި) އިނގިރޭސިންގެ އަތުގައި ފައިސާ ވެސް ހުރީ... ހަތިޔާރު ވެސް ހުރީ.... އެހެންވީމާ އެ މީހުން ބޭނުންކަމެއް ކުރާނެ ދޯ؟

މާފަ: އާނ! ކަނބުލޮ ހާދަ ބުއްދިވެރިއޭ... ތިޔަ ބުނީ ހަމަ ރަނގަޅަށް... މިކަމުގައި އައްޑޫ ރައްޔިތުން ވެސް އަދި ޢަބްދުﷲ ޢަފީފު ވެސް ކުށްވެރިކުރެވޭކަށް ނެތް... މި ކަމެއް ހިނގިއިރު، ދިވެހި ސަރުކާރުގެ އެއްވެސް އާރެއްބާރެއް އައްޑު އަތޮޅުގައި ނެތް... ސަރުކާރުގެ ފަރާތުން އެއްޗެއް ވިދާޅުވެ ކަމެއް ކުރައްވާނެ ބޭފުޅަކު ވެސް ނެތް... އައްޑު އަތޮޅުގައި ހުރަހާ ދިގަށް ހިނގަމުން ދިޔައީ އިނގިރޭސިންގެ ބާރު...

ދިރާސީ ނޯޓު: މި ހިނގައިދިޔަ ކަންކަމާ މެދު އައްޑޫ އެޅެބެއްޔާ ބުނަނީ "އެއް ބޮޑުވަޒީރަކު ހުއްދަ ދެއްވައިގެން އިނގިރޭސިން ގަމަށް އައީ... އަނެއް ބޮޑުވަޒީރަކު މި އަންގަނީ ގަވާއިދާ ޚިލާފަށޭ އިނގިރޭސިން މަސައްކަތްކުރަނީ" މި ފަދައިންނެވެ. ކޮންމެއަކަސް "އިނގިރޭސިން ބޭނުންވީ ހުރިހާ ހުރަހެއް ގިރާކޮށް އެމީހުން އައްޑޫގައި ކުރަން ބޭނުންވި ކަމެއް ކުރާށެވެ (ޢ، 1997، ޞ220). މީގެ ނަތީޖާއަކަށް ވީ އިނގިރޭސިންގެ ފުރިހަމަ އެހީތެރިކަމާއި ވާގިވެރިވުމާ އެކު، އައްޑު އަތޮޅުގައި "ޔުނައިޓެޑު ސުވާދީވް އައިލެންޑްސް" (ޢަބްދުﷲ ޢަފީފު، 2016، ޞ.52). ގެ ނަމުގައި ސަރުކާރެއް އުފެދުމެވެ.

ދޮންކަބުލޮ:  މާފާ! ... ދެން މިއަދު މާ ބޮޑަށް ވާހަކަ ދިގު ވެސް ވެއްޖެދޯ؟ އެކަމަކު ވެސް ފޫއްސެއް ނުވޭ... އަދިވެސް އަޑުއަހާ ހިތްވޭ... ދެން ސުވާދީބު ސަރުކާރު އުފެދުނީމާ ވީ ގޮތް އަންނަ ހަފުތާގައި ކިޔައިދޭނަންދޯ؟

މިއަދު މި ގެނެސްދެވުނީ ޔުނައިޓެޑު ސުވާދީވް އައިލެންޑްސް ނުވަތަ ދިވެހިން އާންމުކޮށް ކިޔާ ގޮތުންނަމަ، ސުވާދީބު ސަރުކާރު ވުޖޫދުވި ގޮތެވެ. މި ކަން ހިނގަމުން ދިޔަކަން ދިވެހި ސަރުކާރަށް އެނގިވަޑައިގަތީ ކަން ހިނގައި ނިމުނު ފަހުން ކަމަށް ތާރީޚީ ފަތްފުށްތަކުން އެނގެއެވެ. ވީމާ، ދިވެހި ސަރުކާރަށް މިކަން އެނގިވަޑައިގަތް ގޮތާއި އޭގެ ފަހުން ދެން ކަން ހިނގި ގޮތުގެ ތަފުސީލު ވިދާޅުވުމަށް އަންނަ ހަފުތާއަށް އިންތިޒާރުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ.


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް

"ބަޣާވާތުގެ މަންޒަރުތައް". (11 ޖުލައި 1959). ބަޣާވާތުގެ މަންޒަރުތައް: އައްޑޫ ރައްޔިތުންނަށް އޮތީ ޙަޤީޤަތް އޮޅުވާލާފައި. ވިޔަފާރި މިއަދު 3(295). (ނެގީ: އިއްޔެ މަޖައްލާގެ ޖަދުވަލުން)

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

ޢ. (1997). ދެކުނުގެ ބަޣާވަތް. ޢަބްދުލް ޙަކީމް ޙުސައިން މަނިކު (އެޑިޓަރ) އިއްޔެ. ޞ220-236. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑް.

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

މުޙައްމަދު އަޙުމަދު މަނިކު. (2009). ދެކުނު ތިން އަތޮޅުގެ ސިޔާސީ ގަޑުބަޑުގެ ބައެއް ވާހަކަ 1. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

"ދެކުނުގެ ބަޣާވަތުގެ ފެށުން". (10 ޖުލައި، 1959). ދެކުނުގެ ބަޣާވާތުގެ ފެށުން: އިސްލާމީ ފަޚުރުވެރި ދިދަ، އެއްވެސް ރަޙުމެއް ނެތި ކާފިރުންގެ އަތްމައްޗަށް. ވިޔަފާރި މިއަދު 3(294). (ނެގީ: އިއްޔެ މަޖައްލާގެ ޖަދުވަލުން)

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.