އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ފެށުމުން ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ: ބަންޑާރަނައިބް

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ޚިދުމަތް ފެށުމުން ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށް މިއަދު ބަންޑާރަނައިބް އިބްރާހީމް ރިފްޢަތު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

"ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ." ބަންޑާރަ ނާއިބުގެ ޓުވީޓްގައި ވިދާޅުވިއެވެ.

އާބިޓްރޭޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާއި ގުޅުންހުރި ޚިދުމަތްތައް ރަސްމީކޮށް ދޭން ފެށިކަން އެސެންޓަރުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ. ނޫސްބަޔާނުގައި ބުނެފައިވަނީ އެސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެކަމަށެވެ. މީގެ އިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށް ވެސް އެސެންޓްރުގެ ބަޔާނުގައި ވެއެވެ. ވަރޗުއަލް ޚިދުމަތްތައް ތަައާރަފުކުރުމާއި އެކު، އެ ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް ގިނަބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އާބިޓްރޭޝަން ސެންޓަރުގެ ނޫސް ބަޔާނުގައިވެއެވެ.

މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް https://miac.gov.mv/case-reg އިން މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އާބިޓްރޭޝަން ސެންޓަރުން ވިދާޅުވިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. ޢަމަލީ މަސައްކަތް ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ބޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމްކުރުމާއި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކުރުން ހިމެނޭ ކަމަށް އެސެންޓަރުން ފާހަގަ ކުރެއެވެ.

"މި ސެންޓަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ލިބޭނޭ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ޔަޤީންކަންދެމެވެ." އާބިޓްރޭޝަން ސެންޓަރުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.