މިދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މަޣުރިބު ނަމާދަށް ބަންގި ދިނުމުން ރިޔާސަަތުން ވަގުތުން ޖަލްސާ މެދު ކަނޑާނުލައި ފަސްކުރި ވާހަކަ މީސްމީޑިޔާގެ ފަލަ ސުރުޚީތަކުގައި އަރަމުން ދިޔައެވެ. ސަލަފީ ބަައެއް ޝައިޚުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ހުއްޓެވެ. އަދި ޢަދާލަތުގެ ބައެއް ޝައިޚުން ނުސީދާކޮށް ފާޑުވިދާޅުވިއެވެ. އަޅުގަނޑު ހިތަށް އެރީ މިއަށް އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް އަނގަބޭނުން ރަނގަޅުވާނެ ކަމަށެވެ. ހަމައެކަނި ޙަޤީޤަތް ބަޔާންކުރުމުގެ ބޭނުމުގައެވެ. މިގޮތަށް ނަމާދު ފަސްކުރުމާއި ނަމާދު ޖަމާ ކުރުމާމެދު ޞަޙީޙު މުސްލިމުގެ 5 ވަނަ ބައިގެ 1146 އާއި 1147 އާއި 1154 އާއި 1155 ވަނަ ޙަދީޘުތަކުގެ ދަށުގައި ވަރަށް ތަފްޞީލުކޮށް އަޅުގަނޑު ގެނެސްފައި ވާނެއެވެ. މައްސަލައިގެ އަޑިއަށް ވަޑައިގަންނަވަން ބޭނުންފުޅު ބޭފުޅަކަށް އެފޮތުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ދީން ސިޔާސީކުރުން:
ދީން ސިޔާސަތަށް ބޭނުންކޮށް ބައެއް ސިޔާސަ ޢިލްމުވެރިން ސިޔާސީ ވުމަކީ އިސްލާމީ ތާރީޚަށް ބަލާއިރު، އުމަވީ ދައުލަތުން ފެށިގެން އިސްލާމީ އުއްމަތުގައި ހިނގަމުން އައިސްފައި އޮތް ސަގާފަތެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިބީދައިން މިސަގާފަތް އަންނަނީ ބޯދާ ޒަމާނުއްސުރެން ހިނގަމުން، ދައުރުވަމުންނެވެ.
ދީނުގައި ނަމާދު ޖަމާ ކުރުމުގެ ދެވައްތަރެއް އޮވެއެވެ.
(1) ޢުޛުރުވެރިޔާ ޖަމާކުރުން:
އިސްލާމް ދީނުގައި އޮންނަނީ ދެނަމާދު އެއްކޮށް ޖަމާކުރުން ހުއްދަވާ ދެވައްތަރެކެވެ. އެއް ވައްތަރަކީ ޝަރީޢަތުން ސާބިތުވާ ޢުޛުރަކާ ލައިގެން ދެނަމާދު އެއް ވަގުތެއްގައި ޖަމާކުރުމެވެ. އަނެއް ވައްތަރަކީ ޢުޛުރެއް ނެތަސް ދެނަމާދުގެ ވަގުތު އެއްކޮށްލައިގެން އެނަމާދެއް އެނަމާދެއްގެ ވަގުތުގައި ކުރުމެވެ. މިއަށް ކިޔަނީ ޖަމަޢު ޞޫރީއެވެ. މިގޮތުން ޝަރުޢީ ޢުޛުރަކާއި ލައިގެން އެއް ވަގުތެއްގައި ދެނަމާދު ޖަމާ ކުރުމީ އުއްމަތުގެ އިޖްމާ އެއްބަސްވެފައިވާ ކަމެކެވެ. އިމާމު ޝާފިޢީއާއި އަޙްމަދާއި ޞައްޙަ ހަ ފޮތުގެ ހަ އިމާމުން މާތް ﷲ ރުއްސުލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا عَجِلَ عَلَيْهِ السَّفَرُ يُؤَخِّرُ الظُّهْرَ إِلَى أَوَّلِ وَقْتِ الْعَصْرِ فَيَجْمَعُ بَيْنَهُمَا وَيُؤَخِّرُ الْمَغْرِبَ حَتَّى يَجْمَعَ بَيْنَهَا وَبَيْنَ الْعِشَاءِ حِينَ يَغِيبُ الشَّفَقُ (މާނައީ: رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމާދާ ބެހޭގޮތުން، އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. އިތުރު އެކަލޭގެފާނު ދަތުރުފުޅު އަވަސްކުރަށްވަން ބޭނުންފުޅު ވާހިނދު، ޢަޞުރު ފެށޭ ވަގުތު ވަންނަންދެން، މެންދުރު ނަމާދު ލަސް ކުރަށްވަތެވެ. ދެން އެއަށްފަހު އެދެނަމާދު ޖަމާކުރަށްވަތެވެ. ހަމައެގޮތަށް އިރު އޮއްސި ރަތްވިލާ އޮއްސިއްޖެއުމާ ހަމައަށް މަޣުރިބު ނަމާދު ލަސް ކުރަށްވައި، މަޣުރިބު ނަމާދާއި ޢިޝާ ނަމާދު އެއްކޮށް ޖަމާކުރަށްވަތެވެ.)
ނަމާދު ޖަމާކުރުން ހުއްދަވާ އުޛުރުތައް:
ނަމާދު ޖަމާކުރުން ހުއްދަވާ ޢުޛުރުތަކަށް ބަލާއިރު، އެކަމުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް ދަންނަބޭކަލުންގެ މެދުގައި އޮވެއެވެ. ބަަައެއް ބޭކަލުން ހަމައެކަނި ޙައްޖުގެ އަޅުކަމަށް ޚާއްޞަ ކުރަށްވާއިރު ޖުމްހޫރު ދަންނަބޭކަލުން ދިގު ހުއްދަ ދަތުރަށާއި ވިއްސާރައަށް ހުއްދަ ކުރަށްވާފައި ވެއެވެ. އަދި ބައެއް ބޭކަލުން މަގު ޗަކަސްވުމާއި ބަލިވުމަށް ވެސް ހުއްދަ ކުރަށްވާފައި ވެއެވެ. ޙަންބަލީ މަޛްހަބުގެ ފަހުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާގެ އަރިހުގައި ދިިރިއުޅުމުގެ ކޮންމެ ޢުޛުރަކަށްވެސް ޖަމާކުރުން ހުއްދަ ވާނެއެވެ. އެއީ މިސާލަކަށް ކިރުމައި މީހާ ދަރިފުޅު ރޯތީ ބުއްދިނުމަށް ޖަމާކުރުމާއި ދަރިފުޅު ނިންދަވާ ގަޑި ޖެހުމުން ޖަމާކުރުމާއި ދަރިފުޅުގެ ނަޖިސް ޖެހިގެން އަބަދު ހެދުން ދޮންނަން ޖެހޭތީ ޖަމާކުރުމާއި ކައްކަން ތެލި އުދައިގެން ހުންނަ މީހާ ތެލި އަނދާފާނެތީ ޖަމާކުރުމާއި ތިމާގެ ރަށުން ދަތުރަށް އަރަން ދާމީހާ ގޭގައި ޖަމާ ކުރުމާއި މިފަދަ ކަންކަމެވެ. މިއީ އިމާމު އިބްނި ތައިމިޔާގެ ޝާޛު ފަތުވާތަކެވެ. ދީނުގެ އެހެން ޢިލްމުވެރިންނެއް މިގޮތެއް ހުއްދަ ނުކުރަށްވައެވެ. އެހެނީ ނަމާދަކީ ކަނޑައެޅިގެން މާތް ﷲގެ ޙަޟުރަތުން ވަގުތު ކަނޑަައަޅުއްވައި އެކަން ފަރުޟު ކުރަށްވާފައި އޮތް ކަމަކަށް ވީހިނދު ސީދާ ޝަރުޢީ ދަލީލެއްނެތި މިގޮތަށް ނަމާދު ޖަމާކުރެވޭނަމަ ވަގުތުގެ ބޭނުމެއް ނޯންނާނެތީއާއި ނަމާދަކީ މީހާ ހިތުހުރި ގޮތަކަށް ކުޅޭކުޅޭ އެއްޗަކަށް ވެދާނެތީއެވެ.
ކޮންމެއަކަސް ޖުމްހޫރު ދަންނަ ބޭކަލުން އެވިދާޅުވާ ޢުޛުރުތަކުގެ ތެރެއިން ޢުޛުރެއް ދިމާވުމުން ކީރިތި ރަސޫލާ ނަމާދު ޖަމާ ކުރަށްވާނަމަ ޖަމާކުރަށްވާފައި ވަނީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާއި އެއްވަގުތެއްގައެވެ. އަދި މަޣުރިބު ނަމާދާއި ޢިޝާނަމާދު އެއް ވަގުތެއްގައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން އިމާމު މާލިކާއި ޝާފިޢީއާއި ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި ވެއެވެ. كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ يَجْمَعَ بَيْنَ الصَّلاَتَيْنِ فِي السَّفَرِ أَخَّرَ الظُّهْرَ حَتَّى يَدْخُلَ أَوَّلُ وَقْتِ الْعَصْرِ ثُمَّ يَجْمَعُ بَيْنَهُمَا (މާނައީ: އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. ދަތުރުމަތީ رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެނަމާދު ޖަމާކުރެއްވުމަށް ޤަޞްދު ކުރަށްވާހިނދު، (މިސާލަކަށް) ޢަޞުރު ނަމާދުގެ ފެށޭ ވަގުތު ވަނުމާ ހަމައަށް މެންދުރު ނަމާދު ފަސްކުރަށްވަތެވެ. ދެން އެއަށްފަހު ދެނަމާދު ޖަމާކުރަށްވަތެވެ.)
(2) ދެވަގުތު ގުޅުވައިގެން ޖަމާކުރުން:
ނަމާދު ޖަމާކުރުމުގެ ދެވަނަ ވައްތަރަކީ ދެނަމާދުގެ ވަގުތު އެއްކޮށްލައިގެން އެނަމާދެއް އެނަމާދެއްގެ ވަގުތުގައި ކުރުމެވެ. މިއަށް ކިޔަނީ ޖަމަޢު ޞޫރީއެވެ. އެބަހީ މިސާލަކަށް މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ޖަމާކުރާނަމަ ރަތްވިލާ އޮއްސެން ކައިރިވަންދެން މަޣުރިބު ނަމާދު ލަސް ކޮށްލާފައި އެންމެ ފަހު ވަގުތުގައި އެނަމާދު ކުރުމާއި ދެން ޢިޝާވަގުތު ވަނުމުން ވަގުތުން ޢިޝާ ނަމާދު ކުރުމެވެ. އޭރުން ކޮންމެ ނަމާދެއްވެސް ކުރެވޭނީ އެނަމާދެއްގެ ވަގުތުގައެވެ. އެކަމަކު ދެނަމާދު އެކުއެކީއެވެ.
މިގޮތަށް ޖަމަޢު ޞޫރީކޮށް ނަމާދު ކުރެއްވިކަން ކީރިތި ރަސޫލާގެ އަރިހުން ނުސީދާކޮށް ސާބިތުވާން އެބަހުއްޓެވެ. ހަމައެހެންމެ ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުންވެސް އެބޭކަލުން ސަބަބުތަކާހުރެ މިގޮތަށް ޢަމަލު ކުރަށްވާފައި އެބަހުއްޓެވެ. މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން އިމާމު މާލިކާއި ޝާފިޢީއާއި ހަ އިމާމުންގެ ތެރެއިން އެންމެ އިސް ފަސް އިމާމުން ރިވާކުރަށްވާފައި ވެއެވެ. صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الظُّهْرَ وَالْعَصْرَ جَمِيعًا وَالْمَغْرِبَ وَالْعِشَاءَ جَمِيعًا فِي غَيْرِ خَوْفٍ وَلاَ سَفَرٍ (މާނައީ: ޢަބްދު ﷲ އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަތުރުފުޅަކާ ނުލައި، އަދި ބިރުވެރިކަމެއްވެސް ނެތި، މެންދުރު ނަމާދާއި ޢަޞުރު ނަމާދާ އެއްކޮށް ޖަމާކުރެއްވިއެވެ. އަދި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު އެއްކޮށް ޖަމާ ކުރެއްވިއެވެ.) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން އިމާމު މާލިކާއި ޝާފިޢީއާއި ހަ އިމާމުން ރިވާކުރަށްވާފައި ވެއެވެ. جَمَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ فِي غَيْرِ خَوْفٍ وَلاَ مَطَرٍ - قَالَ قُلْتُ لِابْنِ عَبَّاسٍ لِمَ فَعَلَ ذَلِكَ قَالَ كَيْ لاَ يُحْرِجَ أُمَّتَهُ (މާނައީ: ޢަބްދު ﷲ އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މަދީނާގައި އެއްވެސް ބިރުވެރި ޙާލަތެއްނެތި، އަދި ވިއްސާރައެއްވެސް އޮތުމަކާ ނުލައި، މެންދުރު ނަމާދު ޢަޞުރު ނަމާދާއެކު، އަދި މަޣުރިބު ނަމާދު ޢިޝާ ނަމާދާއެކު ޖަމާކުރަށްވާފައެވެ. ރާވީ ވިދާޅުވެފައި ވެއެވެ. އެހިނދު އިބްނު ޢައްބާސަށް ތިމަން ދެންނެވީމެވެ. އިތުރު އެކަލޭގެފާނު އެގޮތަށް ނަމާދު ކުރެއްވީ ކޮން ސަބަބަކާހުރެ ތޯއެވެ؟ އިބްނު ޢައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނުންގެ ބޭނުންފުޅަކީ އުއްމަތަށް ދަތި އުނދަގުލެއް މެދުވެރިވިޔަ ނުދެއްވުމެވެ.)
މިދެޙަދީޘުގެ ބޭރުފުށުގެ މާނައަށް ބަލާއިރު މިއިން ދޭހަވަނީ އެއްވެސް ޢުޛުރަކާ ނުލައި ކީރިތި ރަސޫލާ ދެނަމާދު އެއްވަގުތަކު ޖަމާކުރެއްވި ކަމަށެވެ. އެހެންކަމަށް ވާނަމަ އިބްނި ތައިމިޔާއަށް ތަބާވެ ވަޑައިގަންނަވާ ޝައިޚުން ބަޔަކު ޖަލްސާއަކާހުރެ ނަމާދު ފަސްކޮށްލުމަކުން އިޢުތިރާޟު ކުރާކަށް ޖާގައެއް ނެތެވެ. މިގޮތަށް ލަސް ކުރުމަކީ އެބޭފުޅުންގެ މަޛްހަބެވެ. އެހެންނަމަވެސް ޙަދީޘުގެ މާނަ މިގޮތަށް ނެގުމަކީ ކަނޑައެޅިގެން ޤުރުއާނުގެ ނައްޞާ ޚިލާފުވާ މާނައެކެވެ. މާތް ﷲ ވަނީ މުއުމިންތަނުންނަށް ވަގުތު ކަނޑައަޅުއްވައި ނަމާދު ފަރުޟު ކުރެއްވިކަން އަންގަވާފައެވެ. އަދި ޚުދް ކީރިތި ރަސޫލާވެސް ޙަދީޘު ކުރަށްވާފައިވަނީ އެއްވެސް ޝަރުޢީ ޢުޛުރަކާ ނުލައި ދެނަމާދު އެއްވަގުތެއްގައި ޖަމާކޮށްފި މީހާ ބޮޑު ފާފައަކަށް އަރައިގެންފި ކަމަށާއި އޭނާ އެދިޔައީ ނަރަކައިގެ ދޮރާއްޓެއްގެ ކުރިމައްޗަށް ކަމަށެވެ.
އިމާމު ނަވަވީއާއި އިބްނު ޙަޖަރު ވިދާޅުވެފައިވަނީ ސަލަފުއްޞާލިޙުންގެ ތެރެއިން މަދު ބޭކަލަކު ފިޔަވައި އެންމެހައި ޢިލްމުވެރިން ޝަރީޢަތުން ސީދާ ސާބިތުވާ ޢުޛުރަކާ ނުލައި (އެބަހީ ދަތުރާއި ވިއްސާރައާއި ބަލިވުމާއި އަނދިރިއާއި ކިސަޑު އުފެދުމާއި މިކަންކަން ފިޔަވައި) އެހެން ސަބަބަކާހުރެ ދެނަމާދު އެއްވަގުތެއްގައި ޖަމާކުރުން ހުއްދަ ކުރަށްވާފައި ނުވާކަމަށެވެ.
މިއަދުގެ ޙަންބަލީ މަޛްހަބުގައި އޮންނަނީ މާބޮޑު ލުއިފަސޭހަ ގޮތެކެވެ.
ޙަންބަލީ މަޛްހަބުގެ ފަހުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާއާއި މިހާރުގެ ބައެއް ޙަންބަލީ ޝައިޚުން ވިދާޅުވަނީ ކިތަންމެ ކުޑަ ޢުޛުރެއް ދިމާވިޔަސް ދެނަމާދު އެއްވަގުތަކު ޖަމާކުރެވޭނެ ކަމަށެވެ. މިބޭފުޅުންގެ ދަލީލަކީ ދެންމެ ބަޔާންކުރެވުނު ދެޙަދީޘެވެ. ވަކިން ޚާއްޞަކޮށް ކިރުމައިމީހާ އަބަދަށް ބުއް ދޭންޖެހޭތީއާއި ތުއްތު ދަރިފުޅުގެ ހެދުމާއި މައިމީހާގެ ހެދުން ދޮންނަންޖެހޭތީ އެފަދަ ޙާލަތްތަކުގައި ދެނަމާދު އެއް ވަގުތަކު ޖަމާކުރުން ހުއްދަވާނެ ކަމަށެވެ. ހަމައެހެންމެ ކައްކަން އުދާފައިހުރި ތެލި އަނދާފާނެކަމުގެ ބިރު ހީވަންޏާވެސް ނަމާދު ޖަމާކުރެވިދާނެ ކަމަށެވެ. އަދި މިހާރުގެ ޙަންބަލީ ބައެއް ޝައިޚުން ފަތުވާ ދެއްވަނީ ކުޅިވަރު މެޗެއްފަދަ މެޗެއްގައި ބައިވެރިވާން އުޅޭ މީހާ ނުވަތަ ކުޅިބަލަން ދާމީހާ ޢަޞުރު ނަމާދު ނުލިބިދާނެ ކަމަށްޓަކައި ގޭގައި މެންދުރާއެކު ޢަޞުރު ކުރެވިދާނެ ކަމަށެވެ. މެންދުރުވަގުތު ދަތުރަކު ދާންއުޅޭމީހާއަށް އަޞްރު ނަމާދު އިސްކޮށް ޖަމާކުރެވިދާނެ ކަމަށެވެ. އެހެންނާ މިއީ މުޅީން ވެސް ދީނުގެ ޖުމްހޫރު ދަންނަ ބޭކަލުންގެ ފަތުވާ އިދިކޮޅު ޝާޛު ފަތުވާތަކެވެ. ނަމާދުގެ އަހްމިއްޔަތު ގެއްލި އޭގެ ޙުރުމަތް ކެނޑިގެންދާ ގޮތްތަކެވެ. އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން މިފަދައިން ނަމާދުގެ ވަގުތަށް އިހުމާލުވެ ވަޑައިގެންފައި ނުވެއެވެ.
ބަޔާންވެދިޔަ ދެޙަދީޘާމެދު މިބޭފުޅުންގެ ރައުޔު މިހެން އޮތްކަމުގައި ވިއަސް އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި އިމާމުވެރި ބޭކަލުންގެ ތެރެއިން ދީނުގެ ބޮޑެތި އެންމެހައި ޢިލްމުވެރިން ވަނީ އެދެޙަދީޘުގެ ތައުވީލު ކުރަށްވާފައެވެ. އެބޭކަލުން ވިދާޅުވަނީ އޭގެ މާނައަކީ އެއްެވެސް ޢުޛުރަކާ ނުލައި އެއް ވަގުތަކު ދެ ނަމާދު ޖަމާކުރެވޭ ވާހަކައެއް ނޫނެވެ. އޭގެ މުރާދަކީ ދެވަގުތުގައި ދެނަމާދު އަދާއަށް ކުރުމެވެ. ޢާއްމު ޙަދީޘުތަކާއި މިޙަދީޘުގެ ބޭރުފުށާ ފުށުއަރާތީވެ އިމާމު ތިރްމިޛީ ވިދާޅުވަނީ އެއީ މަންސޫޚު ޙަދީޘެއް ކަމަށެވެ. އިމާމު އިބްނު ޙަޖަރު ވިދާޅުވެފައި ވަނީ، ޢިލްމުވެރިން މިދެ ޙަދީޘާއި އެހެން ޢާއްމު ޙަދީޘުތަކާ ދެމެދު މާނަ އަރައިރުން ނުވާގޮތަށް ޖަމާކުރަށްވަން މަސައްކަތް ކުރަށްވާފައިވާ ކަމަށެވެ. މިގޮތުން ބައެއް ބޭކަލުން މިޙަދީޘުގެ މާނަކުރަށްވަނީ އެއީ ޖަމަޢު ޞޫރީ ކަމުގައެވެ. މިސާލަކަށް މެންދުރު ނަމާދު ފަސްކޮށްފައި ވަގުތުގެ އެންމެ ފަހުކޮޅުގައި ކުރުމާއެކު ޢަޞުރު ނަމާދު އަވަސްކޮށްފަައި ވަގުތުގެ އެންމެ ކުރީކޮޅުގައި އެނަމާދު ކުރުމެވެ. އޭރުން ދެނަމާދު ކުރެވޭނީ ޖެހިޖެހިގެން ދެވަގުތުގައެވެ. ނަމަވެސް ކޮންމެ ނަމާދެއްވެސް ކުރެވުނީ އެނަމާދެއްގެ ވަގުތުގައެވެ. އެއަށްފަހު އިބްނު ޙަޖަރު ވިދާޅުވަނީ މިތައުވީލަކީ އިމާމު ޤުރްޠުބީ ބުރަވެ ވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި އިމާމުލް ޙަރަމައިނިވެސް ބުރަވެ ވަޑައިގެންފައިވަނީ އެރައުޔު ރަނގަޅު ކަމަށެވެ. އިހުގެ ޢިލްމުވެރިންގެ ތެރެއިން މިރައުޔަށް ބުރަ ވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި އިމާމު އިބްނުލް މާޖިޝޫންއާއި އިމާމު ޠަޙާވީ ހިމެނި ވަޑައިގަންނަވައެވެ.
އިމާމު އިބްނު ސައްޔިދުއްނާސި ދަލީލުގެ ގޮތުން ގަދަ ކަމަށް ވިދާޅުވަނީ މިރައުޔެވެ. އެކަލޭގެފާނު ވިދާޅުވަނީ އިބްނު ޢައްބާސްގެ ކިބައިން މިރިވާޔަތް ރިވާކުރެއްވި ރާވީ، އިބްނު ޢައްބާސްގެ ދަރިވަރު ވަރަށް ސާފުކޮށް ޙަދީޘުގެ މާނަ ބަޔާން ކުރަށްވާފައި ހަމަ އެޙަދީޘުގައި އެބަ އޮތް ކަމަށާއި ޙަދީޘުގެ ޞައްޙަ މާނަ، ޙަދީޘު ރިވާ ކުރެއްވި ރާވީއަށް ވުރެން ބޮޑަށް އެހެން މީހަކަށް ނޭގޭނޭ ކަަމަށެވެ. ރާވީ ވިދާޅުވެފައި ވެއެވެ. قُلْتُ يَا أَبَا الشَّعْثَاءِ أَظُنُّهُ أَخَّرَ الظُّهْرَ وَعَجَّلَ الْعَصْرَ وَأَخَّرَ الْمَغْرِبَ وَعَجَّلَ الْعِشَاءَ قَالَ وَأَنَا أَظُنُّ ذَاكَ މާނައީ: ރާވީ ޢަމްރު އިބްނު ދީނާރު ވިދާޅުވެފައި ވެއެވެ. ތިމަން އިބްނު ޢައްބާސްގެ ދަރިވަރު ޖާބިރު އިބްނު ޒައިދުގެ އަރިހު ދެންނެވީމެވެ. ތިމަންނާއަށް ހީވާގޮތުން ތިޔަ ބަސްފުޅުގެ މުރާދަކީ ޢަޞުރުގެ ވަގުތުގެ ކުރީކޮޅަށް ޢަޞުރު ނަމާދު އަވަސް ކުރަށްވައިގެން މެންދުރުގެ ފަހު ވަގުތުގައި މެންދުރު ނަމާދު ލަސްކޮށްލައްވައިގެން ކުރެއްވީ ކަމަށެވެ. ހަމަ އެގޮތަށް މަޣުރިބު ނަމާދު ލަސްކުރެއްވުމާއެކު ޢިޝާ ނަމާދު އަވަސްކޮށްލައްވައިގެން ކުރެއްވީ ކަމަށެވެ. ޖާބިރު އިބްނު ޒައިދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށްވެސް ތިޔަ ޙަދީޘުން ވިސްނި ވަޑައިގަންނަވަނީ ހަމަ ތިޔަ މާނައެވެ. މިއެވެ. މިއޮތީ ވަރަށް ސާފު ބަސްފުޅެކެވެ. ކީރިތި ރަސޫލާ އަޞްޙާބު ބޭކަލުންނާއިގެން ދެނަމާދު ޖަމާ ކުރެއްވި ގޮތާއި ނަމާދު ކުރެއްވީ ކޮންވަގުތަކުކަން ސާފުކޮށް އެނގޭށެވެ.
ޖަލްސާތައް ދިގު ދެންމުމަށާއި ދަރުސު ދިނުން ފަދަ ކަންކަމަށް ނަމާދު ލަސް ކުރުން:
ޝަރީޢަތް ހުއްދަ ކުރާ ޟަރޫރީ ބޭނުމަކަށްޓަކައި އެއް ނަމާދު، އެނަމާދުގެ ވަގުތުގެ ފަހުކޮޅަށް ލަސްކޮށްލުމަކީ މައްސަލައެއް ނޫނެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވެއެވެ. إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا عَنْ الصَّلاَةِ މާނައީ: ހޫނު ގަދަވާހިނދު ތިޔަބައިމީހުން ފިލިކޮށްލައިގެން ލަސްކޮށްފައި ނަމާދު ކުުރާށެވެ! މިއެވެ. ނުވަތަ އަފަދަ ނަމާދެއް ވަގުތުގެ ފަހުކޮޅަށް ލަސްކޮށްލައިގެން ދެންޖެހޭ ނަމާދާއެކު އެނަމާދުގެ ވަގުތުގެ ކުރީކޮޅުގައި ކުރެވޭ ގޮތަށް ދެނަމާދު ޖަމާކުރުމީ ކުރީގައި ބަޔާންވެދިޔަ ޙަދީޘުތަކުން ކީރިތި ރަސޫލާ މިއުއްމަތަށް އުނގަންނަވައި ދެއްވާފައިވާ އަގުހުރި ފިލާވަޅެކެވެ. މިގޮތުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ޢަމަލު ފުޅުންވެސް ވަރަށް ސާފުކަންބޮޑު ގޮތެއްގައި މިކަން ދޭހަވެއެވެ.
އެއްފަހަރަކު ބަޞަރާގެ މިސްކިތެއްގައި ޢަޞުރު ނަމާދުގެ ފަހުން އިބްނި ޢައްބާސް މީސްތަކުންނަށް ޢިލްމު އުނގަންނަވައި ދެއްވަން އިންނެވި ވާހަކަ ރިވާވެގެން ވެއެވެ. އިމާމު މާލިކާއި ޝާފިޢީީއާއި އަޙްމަދާއި ހަ އިމާމުންގެ ކިބައިންނެވެ. عَنْ عَبْدِ اللَّهِ بْنِ شَقِيقٍ قَالَ خَطَبَنَا ابْنُ عَبَّاسٍ يَوْمًا بَعْدَ الْعَصْرِ حَتَّى غَرَبَتِ الشَّمْسُ وَبَدَتِ النُّجُومُ وَجَعَلَ النَّاسُ يَقُولُونَ الصَّلاَةَ الصَّلاَةَ قَالَ فَجَاءَهُ رَجُلٌ مِنْ بَنِي تَمِيمٍ لاَ يَفْتُرُ وَلاَ يَنْثَنِي الصَّلاَةَ الصَّلاَةَ فَقَالَ ابْنُ عَبَّاسٍ أَتُعَلِّمُنِي بِالسُّنَّةِ لاَ أُمَّ لَكَ ثُمَّ قَالَ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ. قَالَ عَبْدُ اللَّهِ بْنُ شَقِيقٍ فَحَاكَ فِي صَدْرِي مِنْ ذَلِكَ شَيْءٌ فَأَتَيْتُ أَبَا هُرَيْرَةَ فَسَأَلْتُهُ فَصَدَّقَ مَقَالَتَهُ މާނައީ: މާތް ﷲ ރަޙްމަތްލެއްވި ޢަބްދު ﷲ އިބްނު ޝަޤީޤުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު ޢަޞުރު ނަމާދުގެ ފަހުން، މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢައްބާސް ތިމަންމެންނަށް ފިލާވަޅު ދެއްވާން އިންނެވިއެވެ. މިހެން އިންނަވަނިކޮށް އިރު އޮއްސި، ރަތްވިލާ ދަޅައަށް އަޅައި، ދުނިޔެމަތި އަނދިރިވާން ފެށިއެވެ. އަދި އުޑުމަތިން ތަރިތައްވެސް ފެންނާންފަށައިފިއެވެ. އަދި މީސްތަކުން ދޫދޫމަތިން ނަމާދޭ، ނަމާދޭ ކިޔަންފަށައިފިއެވެ. އެވަގުތު ބަނޫ ތަމީމު ވަންހައިގެ މީހަކު އެތަނަށް އައިސް އިނދެލާފައި ހަރުއަޑުން ބުންޏެވެ. ނަމާދު ލަސްވެ، އެއަށް އުނިކަމެއް އައިސްގެން ނުވާނެ ނޫންތޯއެވެ؟ ނަމާދު ކުރަމާތޯއެވެ؟ ނަމާދު ކުރަމާތޯއެވެ؟ މިއަޑު އައްސަވާފައި އިބްނު ޢައްބާސް ވިދާޅުވިއެވެ. ކަލޭގެ މަންމަ ކަލޭ ބަނޑުއަޅައި ވިހައިފިތާއެވެ! (އެބަހީ އޭނާއަށް ރަޙްމަތް ލައްވާނދޭވެ.) ބަލަ އަހުރެންނަށް ސުއްނަތްގޮތް އުނގަންނައި ދެނީހެއްޔެވެ؟ رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެނަމާދު އެކުއެކީ ޖަމާކުރެއްވިތަން އަހުރެން ދުށީމެވެ. އެއީ މެންދުރު ނަމާދާއި ޢަޞުރު ނަމާދެވެ. އަދި މަޣުރިބު ނަމާދާއި ޢިޝާ ނަމާދެވެ. މިހިސާބަށް ރިވާކުރެއްވުމަށްފަހު ރާވީ ޢަބްދު ﷲ އިބްނު ޝަޤީޤު ވިދާޅުވެފައި ވެއެވެ. މިވާހަކަފުޅު އަޑު އަހާފައި ތިމަންގެ ހިތުގައި ކިލަނބުކަމެއް އުފެދުނެވެ. ދެން ތިމަން މިވާހަކަ މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުގައި ދެންނެވުމުން ޢަބްދު ﷲގެފާނު ވިދާޅުވި ބަސްފުޅަށް އެކަލޭގެފާނު ތާއީދު ކުރެއްވިއެވެ. މިއެވެ.
އަދިވެސް އިބްނި ޢައްބާސްގެ އަރިހުން އިމާމު މާލިކާއި ޝާފިޢީއާއި ދާރިމީއާއި އަޙްމަދާއި ފަސް އިމާމުން ރިވާކުރަށްވާފައި ވެއެވެ. عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ قَالَ قَالَ رَجُلٌ لِابْنِ عَبَّاسٍ الصَّلاَةَ فَسَكَتَ ثُمَّ قَالَ الصَّلاَةَ فَسَكَتَ ثُمَّ قَالَ الصَّلاَةَ فَسَكَتَ ثُمَّ قَالَ لاَ أُمَّ لَكَ أَتُعَلِّمُنَا بِالصَّلاَةِ وَكُنَّا نَجْمَعُ بَيْنَ الصَّلاَتَيْنِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (މާނައީ: މާތް ﷲ ރަޙްމަތްލެއްވި ޢަބްދު ﷲ އިބްނު ޝަޤީޤުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. (އެއްދުވަހަކު ޢަޞުރު ނަމާދުން ފެށިގެން މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢައްބާސް ތިމަންމެންނަށް ނަޞީޙަތް ދެއްވާން އިންނަވަނިކޮށް އިރު އޮއްސި ލަސްވުމުން) އެތަނަށް އައިމީހުން ނަމާދޭ، ނަމާދޭ ގޮވަންފެށިއެވެ. ދެން އިބްނި ޢައްބާސް ހަނު ހުންނަވާފައި ވިދާޅުވިއެވެ. ކަލޭގެ މަންމަ ކަލޭ ބަނޑުއަޅައި ވިހައިފިތާއެވެ! ބަލަ ތިމަންމެންނަށް ނަމާދުކުރާނެގޮތް އުނގަންނައި ދެނީހެއްޔެވެ؟ ތިމަންމެން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދުވަސްވަރު ދެނަމާދު އެކުއެކީ ޖަމާކޮށް ހަދަމެވެ.
ދަތުރުފުޅެއް ނުވަތަ ވިއްސާރަވުމެއްނެތި ލޮބުވެތިރަސޫލާ ޖަމާކުރެއްވީ ޖަމަޢު ޞޫރީއެވެ.
ކުރީގައި ބަޔާންވެދިޔަ ދެޙަދީޘުގެ މާނަ އިބްނި ޢައްބާސްގެ ކިބައިން އިމާމު ނަސާއީ ރިވާކުރެއްވި މިޙަދީޘުން ސާފުވެގެން ދެއެވެ. ލޮބުވެތި އަޞްޙާބު ބޭކަލުން ޖަމާކުރަށްވަމުން ގެންދެވީ ހަމައެގޮތަށް ކަން އެނގެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. صَلَّيْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الظُّهْرَ وَالْعَصْرَ جَمِيعًا وَالْمَغْرِبَ وَالْعِشَاءَ جَمِيعًا أَخَّرَ الظُّهْرَ وَعَجَّلَ الْعَصْرَ وَأَخَّرَ الْمَغْرِبَ وَعَجَّلَ الْعِشَاءَ މާނައީ: رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހު ތިމަން މެންދުރު ނަމާދާއި ޢަޞުރު ނަމާދު ޖަމާކޮށް ކުރީމެވެ. އަދި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ޖަމާކޮށް ކުރީމެވެ. އެކަލޭގެފާނު މެންދުރު ލަސް ކުރަށްވާފައި ޢަޞުރު އަވަސް ކުރެއްވިއެވެ. ހަމަ އެހެންމެ މަޣުރިބު ލަސް ކުރަށްވާފައި ޢިޝާ އަވަސް ކުރެއްވިއެވެ. މިއެވެ.
ޢައްލާމާ ޝައުކާނީ ނައިލުން އައުޠާރުގައި މިޙަދީޘާއި މިފަދަ އެހެން ޙަދީޘުތައް ނެރުއްވުމަށްފަހު ވިދާޅުވެފައި ވެއެވެ. މިބާބުގެ ޙަދީޘުތަކަށް ވިސްނާލުމުން ބޮޑަށް ބުރަވެވެނީ މިޙަދީޘުތަކުން ބަޔާންވެގެން ވަނީ ޖަމަޢު ޞޫރީ ކަމުގައެވެ. ސަބަބަކީ މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ޚުދް އެކަލޭގެފާނު ޢަޞުރުފަހުން ދަރުސު ދެއްވުމުގައި އިންނެވި ކަމާއި މަޣުރިބު ނުކުރަށްވައި އިޝާއާ ކައިރިވަންދެން އިންނަވާފައި ދެން މަޣުރިބު ކުރެއްވި ކަމާއި އޭގެ ފަހުން ޢިޝާގެ ވަގުތު ވަނުމުން ޢިޝާ ނަމާދު ކުރެއްވިކަން އެނގޭތީއެވެ. އާދެ، ޖަމަޢު ޞޫރީއަކީ މިއީއެވެ. އަދި ކުރީގައި ބަޔާންވެދިޔަ ރިވާޔަތުގައިވެސް އިބްނި ޢައްބާސްގެ ދަރިވަރު ޖާބިރު އިބްނު ޒައިދާއި އެކަލޭގެފާނުންގެ ދަރިވަރު އަބުއް ޝަޢުޘާ ވިދާޅުވެފައި އެވަނީ ޙަދީޘުގައި ދޭހަވާގޮތުން ކީރިތި ރަސޫލާގެ ޢަމަލުފުޅުގެ މާނައަކީވެސް އެއީ ކަމަށެވެ.
އިމާމު ތިރްމިޛީ އެކަލޭގެފާނުންގެ ޖާމިޢުގައި ގެންނެވި 172 ވަނަ ޙަދީޘުގެ ޝަރަޙަ ކުރަށްވަމުން ތުޙްފަތުލް އަޙްވަޛީގައި ޢައްލާމާ މުބާރަކްޕޫރީ ވިދާޅުވެފައި ވެއެވެ. "އަލްޙާފިޒު އިބްނު ޙަޖަރު އަލްފަތުޙުގައި ވިދާޅުވެފައި ވެއެވެ. އެޙަދީޘުގެ މާނަކޮށް ތައުވީލު ކުރުމުގައި ބޮޑަށް ބުރަވެވޭ މާނައަކީ އެއީ ޖަމަޢު ޞޫރީކަމުގައެވެ." އަދިވެސް ވިދާޅުވެފައި ވެއެވެ. "މިމައްސަލައާމެދު ޚުދު ޙަދީޘުގެ ރާވީ، މިޙަދީޘުގައި އިތުރު އެކަލޭގެފާނު މަދީނާގައި އަޞްޙާބު ބޭކަލުންނާއިގެން ނަމާދު ކުރެއްވީ ކިހިނަކުންކަން ޞަރީޙަ ބަސްފުޅުން ބަޔާން ކުރަށްވާފައި އެވަނީއެވެ. ޝައްކެއްނެތި އެކަލޭގެފާނު އެވިދާޅުވަނީ ޖަމަޢު ޞޫރީކަމަށެވެ."
މިގޮތަށް ދީނުގައި ޖަމާކުރުން އައިސްފައިވަނީ ކީއްވެގެންބާ!
ދެން ސުވާލަކީ ނަމާދުގެ ވަގުތު އަންގަވާފައި ވާއިރުގައިމެ މިގޮތަށް ދީނުގައި ދެނަމާދު އެއްކޮށް ޖަމާކުރުން އައިސްފައިވަނީ ކީއްވެގެންބާއެވެ! ޝައްކެއްނެތި އެއީ މީސްތަކުންނަށް ލުއި ފަސޭހަކޮށް ދިނުމެވެ. ދިރިއުޅުމުގެ ކަންކަމުގައި ނަމާދާހެދި ދިރިއުޅުމަށް ދަތިވިޔަ ނުދިނުމެވެ. އެހެންކަމުން ކުރީގައި ބަޔާންވެދިޔަ ޙަދީޘުގައި އޮތް ފަދައިން އެކަމުގެ ސަބަބަކީ ކޮބައިތޯ ދަރިވަރުން އިބްނި ޢައްބާސަށް ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. قُلْتُ لِابْنِ عَبَّاسٍ لِمَ فَعَلَ ذَلِكَ قَالَ كَيْ لاَ يُحْرِجَ أُمَّتَهُ (މާނައީ: އެހިނދު އިބްނު ޢައްބާސަށް ތިމަން ދެންނެވީމެވެ. އިތުރު އެކަލޭގެފާނު އެގޮތަށް ނަމާދު ކުރެއްވީ ކޮން ސަބަބަކާހުރެ ތޯއެވެ؟ އިބްނު ޢައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނުންގެ ބޭނުންފުޅަކީ އުއްމަތަށް ދަތި އުނދަގުލެއް މެދުވެރިވިޔަ ނުދެއްވުމެވެ.)
ޢަދާލަތާއި ސަލަފީ ޝައިޚުންގެ ބަސްމަގު ފުށުއެރުން:
އަޅުގަނޑުމެންގެ ސަލަފީ ޝައިޚުންގެ މަޛްހަބަކީ އިބްނި ތައިމިޔާގެ މަޛްހަބެވެ. އެބޭފުޅުން ފުޓްބޯޅަ ކުޅުންތެރިންނަށް މެންދުރު ވަގުތުގައި ޢަޞުރު ނަމާދު ޖަމާކުރުމަށް ފަތުވާ ދެއްވައެވެ. ދަތުރަކު މީހަކު ދަންޏާވެސް މެންދުރާ ޢަޞުރު ގޭގައި ޖަމާކުރުމަށްވެސް ހުއްދަ ދެއްވައެވެ. އެހެންކަމަށްވާއިރު ނަމާދެއް އެނަމާދުގެ ފަހު ވަގުތާ ހަމައަށް ލަސްކުރުމުގެ މައްސަލައަކީ ކޮބައިބާއެވެ! އެހެންނާ ޖަލްސާ ނިންމާލާފައި ނަމާދު ކުރެވޭނެ ވަގުތު އަތުގައި އެބައޮވެއެވެ. ނުވަތަ އެބޭފުޅުންގެ މަޛްހަބާ އެއްގޮތަށް މަޣުރިބު ނަމާދު އިޝާނަމާދާ އެކު ފަސްކޮށް ޖަމާކުރުމަށް އެބޭފުޅުން ހުއްދަ ކުރަށްވާއިރު މިކަމަކީ ހަމައެކަނި އެބޭފުޅުން ރުހިވަޑައިގަންނަވާ ބަޔަކަށް ދެއްވާ ހުއްދައަކީ ބާއެވެ!
ކޮންމެއަކަސް އެބޭފުޅުންގެ ފަތުވާ އޮތްގޮތަށް ބާއްވާފައި ކީރިތި ރަސޫލާ އެއްނަމާދު ލަސްކުރަށްވާފައި ދެން ޖެހޭ ނަމާދާއެކު އެނަމާދު ކުރަށްވާފައެވެ. ހަމައެހެންމެ އިބްނި ޢައްބާސްވެސް މަޣުރިބު ނަމާދު ލަސްކުރަށްވާފައި ދެނަމާދު ދެވަގުތުގައި ކުރެއްވީއެވެ. މިއީ އަކީ ދީނުގެ އެއްވެސް ޢިލްމުވެރިއަކު އެކަމާ ދެކޮޅު ހައްދަވާ ކަމެއް ނޫނެވެ. އަދި ދީނުގެ އެއްވެސް އުޞޫލަކާ ފުށުއަރާ ކަމެއްވެސް ނޫނެވެ. އެހެނަސް މީހުން އޮޅުވާލުމުގެ ގޮތުން އަޅުގަނޑުމެންގެ ސަަލަފީ ޝައިޚުން ފަތުވާދެއްވަނީ ނަމާދު ލަސް ނުކުރެވޭނެ ކަމަށެވެ. ޢަދާލަތުގެ ޝައިޚުން ވިދާޅުވަނީ ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ ފަރުޟެއް ކަމަށެވެ. ނަމާދަކީ ވަގުތު ކަނޑައަޅުއްވާފައިވާ ފަރުޟެއްކަމާމެދު އިންކާރު ކުރަނީ ކާކުތޯއެވެ؟ ތިޔަ ބޭފުޅުން ރުހިވަޑައިގަންނަވާ ބަޔަކަށް ރުހުން ދެއްވާފައި ރުހިވަޑައި ނުގަންނަވާ ބަޔަަކަށް ނުރުހުން ދެއްވަނީނޫންތޯއެވެ؟ ތިޔަ ފަތުވާ ދެއްވުމުގެ ކުރިން ދީނުގައި މިފަދަ ކަންކަން އޮންނަ ގޮތަކީ ކޮބައިކަމާއި އަދި އެންމެ ކުޑަމިނުން މަޖިލީހުން ބުނިމީހަކު ބުނި ޢިބާރާތްވެސް އަޑުއަހާލިނަމަ އަމިއްލައަށް ބަރަހަނާވުން ކުޑަވީހެވެ.
ސިޔާސީ ބަތަށް ދީނުގެ ރިިހަ އަޅާ މޮޑެލާފައި ދިނުން:
އަޅުގަނޑު ޙައިރާންވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢިޝާނަމާދު ގަޑިޖެހޭ ވަގުތުވެސް އެންގެވުމަށްފަހު މަޖްލީހުގެ މަސައްކަތް ނިންމާފައި މަޣުރިބު ނަމާދަށް ފޮނުވާނަމޭ ބުނުމުން މިބޭފުޅުންނަށް އެގޮތް ގޯސްވީއެވެ. މިބޭފުޅުން ރުހިވަޑައިގަންނަވާ ބޭފުޅުން މަޣުރިބު ނަމާދަށް ބަންގި ދެމުން ދިޔައިރުވެސް އެއަޑަށް އިޙްތިރާމު ކުރުމެއްނެތި ހަވާއަރުވަމުން ދިޔައިރު އެފަދަ ނޭދެވޭ ޢަމަލަކަށް ޗުކުޗުކު އަޅުވާލާނެ މީހަކުވެސް މިބޭފުޅުންގެ ތެރެއަކު ނެތެވެ. މިބޭފުޅުން އަމިއްލަފުޅަށާއި ރުހިވަޑައިގަންނާ މީހުންނަށް ދިރިއުޅުމުގެ ކުދިކުދި ކަންކަމުގައިވެސް އެއްވަގުތަކު ދެނަމާދު ޖަމާކުރުން ހުއްދަ ކުރަށްވާއިރު، ވަކި ބަޔަކު ނަމާދު ލަސްކުރަން އުޅުމުން ޤައުމީ ބޮޑު ގޯހަކަށް އެކަން ބަދަލުވަނީއެވެ. ތިމާމެންނަށް ތިމާމެންގެ އެތެރެއާއި ބޭރު އެއްގޮތް ކުރަން ނޭގެނީތާއެވެ! ނުވަތަ ސިޔާސީ މައިދާނަށް ގޮސް ހުސްވީވަރުން ޙަސަދަވެރި ކަމާހުރެ ސިޔާސީ މީހުން އެޅިހާ ބަތަކަށް ދީނުގެ ކުލަޖައްސައިގެން ރިހަ އަޅައިދެނީކަންވެސް ނޭގެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްވައި ތާއަބަދަށް ހެއުމަގުގައި ފައިތިލަ ސާބިތު ކޮށްގެން އުޅުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!
މިޞުރުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރެވުނުގެ މެންދުރު ނަމާދު:
މިދޭތެރޭގައި މިސުރުގެ ޤާނޫނު ހަދާ މަޖިލީސް ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމުން ސަލަފީ ޚިޔާލުގެ މެންބަރަކު މެންދުރު ނަމާދުގެ ޖަމާޢަތަށް މަޖިލިސް މެދުކަނޑާލަން އެދުނެވެ. ނަމަވެސް ރިޔާސަތުން އެންގީ މަސައްކަތް ނިންމާލާފައި ނަމާދަށް ދެވޭނެ ކަމަށެވެ. އެވަގުތު އިޚުވާނީންނާއި ސަލަފީންނާއި އަޒްހަރީންނާއި ސެކިއުލަރ ފިކުރުގެ މީހުންގެ އަރާރުމަކަށް މައްސަލަ ވެގެން ދިޔައެވެ. ނަޞާރާއިންނާއި މުލްޙިދުން އަތްޖަހާލަ ޖަހާލާ ތިއްބެވެ. އެންމެ ފަހުން މިދެންނެވި މެންބަރު މަޖިލީހުގެ ތަޅުމުގައި ނަމާދުކުރަން ފެށީއެވެ. އެހެން މެންބަރުންތައް މިކަމާ އަޑުގަދަކޮށް ހަޅޭފަޅޭ ލަވަމުން ދިޔައެވެ. ސުވާލަކީ މިމެންބަރަށް އިސް ވަގުތުގައި ނަމާދު ކުރަން ބޭނުންނަމަ މަޑުމަޑުން ނިކުމެގެން ގޮސް އޭނާގެ ކޮޓަރީގައި ނަމާދު ނުކުރެވޭނެތޯއެވެ؟ ނަމަވެސް އޭނާ ބޭނުންވީ ދީނުގެ ނަމުގައި ފަސާދައެއް އުފެއްދޭތޯ ބެލުމަށެވެ. އޭނާއަށް އެކަން ކާމިޔާބުވިއެވެ. އޭނާއަކަށް އަޞްލު ނަމާދެއް ނުކުރެވުނެވެ. ބަދުނާމުވީ އިސްލާމް ދީނެވެ.
އިސްލާމް ދީނުގެ ލުއި ފަސޭހަކަން:
ނިންމާލަމުން އަދިވެސް އެއްވާހަކައެއް ދަންނަވާލާނަމެވެ. ކުރިއަށްދާ ޖަލްސާއެއް ނިންމާލާފައި ވަގުތު އޮތްވައި ނަމާދު ކުރުމަކީ އިސްލާމީ ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އަލަށް ކުރެވޭ ކަމެއް ނޫނެވެ. ހޫނު މޫސުމުގައި މެންދުރު ނަމާދާއި ޢަޞުރު ނަމާދާއި ހުކުރު ނަމާދު ފަސްކޮށްލައްވާ ހައްދަވަތެވެ. އަދި އެކަން އެގޮތަށް ކުރުމަށް އަމުރު ކުރަށްވަތެވެ. މުސްލިމު ޖަމާޢަތްތަކުގައި ބޭއްވޭ ވަރަށް ގިނަ ޖަލްސާތަކުގައި މިގޮތަށް ވަގުތުގައި ނަމާދު ކުރެވޭގޮތަށް ނަމާދު ފަސްކޮށްލެވެއެވެ. ރާއްޖޭގައިވެސް ކުރީގެ ސަރުކާރުތަކުގައި މަދުނޫންގޮތަށް މިގޮތަށް ޖަލްސާތައް ބާއްވާފައި އެބަހުއްޓެވެ. މިހުރިހާ ވާހަކައެއް ދޫކޮށްލާފައި ކަނޑައެޅިގެން އިބްނި ޢައްބާސްގެ ޢަމަލުފުޅު ސީދާސާދާގޮތަށް ފެންނާން އެއޮތީއެވެ. އެކަލޭގެފާނު ޢަޞުރުފަހުން ފެއްޓެވި ޢިލްމީ ކްލާސް ހުއްޓާލެއްވުމެއްނެތި މަޣުރިބު ނަމާދު ފަސްކުރެއްވުމާއެކު މަސައްކަތްޕުޅު ޢިޝާ ވަގުތާ ހަަމައަށް ދިގުދަންމަވާލެއްވީއެވެ. ދެން މަޣުރިބު ނަމާދު ކުރަށްވައިގެން ޢިޝާނަމާދު ކުރެއްވީއެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ދީނޭ ބުނެވެނީ މިފަދަ ސަބަބުތަކާ ހުރެއެވެ.