އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އިން ހޮވާ އެންމެ ކުޅަދާނަ ސީއީއޯގެ އިނާމު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ހޯއްދަވައިފިއެވެ. މިއީ ކުންފުނި ކުރިން އޮތް ޙާލަތަށް ބަލާ އެމްޑީ ސަޢީދު ކުންފުޏާއި ޙަވާލުވެވަޑައިގެން މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ޙާލަތު އިހުނަށްވުރެ ރަނގަޅު ކުރެއްވުމަށް، ދެވޭ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވިފައިވުމާއި، އަދި ދެވޭ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރައްވާ، ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާޞިލްކުރައްވާފައިވާތީ އެކަންކަން ފާހަގަކޮށް އަރުވާފައިވާ އިނާމެކެވެ. މި އިނާމު ސަޢީދަށް ލިބިވަޑައިގެންފައި ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވި ވާދަވެރި ހޮވުމަކުންނެވެ.
މި އިނާމުގެ އިތުރަށް ތިން އިނާމެއް ފެނަކައިން ވަނީ ހޯދައިފައެވެ. އެއް އިނާމަކީ ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔަރ (ރާއްޖެއިން) އެވެ. މި އިނާމު ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށެވެ.މި ގިންތިން އިނާމު ހާސިލުކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.
ތިންވަނަ އިނާމަކީ ޕަވަރ ޔުޓިލިޓީ އޮފް ދަ އިޔަރ (ރާއްޖެއިން) ގެ އިނާމެވެ. މިއީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އިނާމެކެވެ.
ހަތަރުވަނަ އިނާމަކީ ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދަ އިޔަރ (ރާއްޖެއިން) އެވެ. މި އިނާމު ލިބިފައިވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމު ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢަށެވެ.