އޮމަދޫ ރައްޔިތުންނަށް އައު އިންޖީނުގެއަކާއެކު ހިތްހަމަޖެހުމެއް

އޮމަދޫގައި މިހާރު ބޭނުންކުރަމުންދާ ބައު އިންޖީނުގޭ: ފޮޓޯ ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ތ. އޮމަދޫގައި އަޅަމުން ގެންދާ އިންޖީނުގޭގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެރަށު ކައުންސިލުން ވިދާޅުވީ އިންޖީނުގޭގެ މަސައްކަތުގެ ވަރަށް ބޮޑުބައެއް ނިމި މިހާރުވަނީ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. އެމަސައްކަތް ފަށައިފައިވަނީ އިއްޔެއެވެ.

އެރަށުގައި މިހާތަނަށް ބޭނުން ކުރަމުން އައިސްފައިވަނީ 28 އަހަރުވީ ބައު އިންޖީނުގެއެކެވެ. އަތަން އުވާލައި އައު އިންޖީނުގެއަކުން ކަރަންޓު ލިބޭތީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

"އެންމެ އެދެވޭ ގޮތުގައި ކަރަންޓު ބޭނުން ނުކުރެވޭތީ އެންމެ ކުޑަމިނުން ޓީވީ ބެލުމަކީ ވެސް ދަތިކަމަކަށް ވެފައިވަނީ. ކަރަންޓު އޮވެމެ އެންމެ ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ނުކުރެވި ތިއްބައި އައު އިންޖީނުގެއެއް ލިބި ކަރަންޓު ލިބެން ފެމުން ވަރަށް ބޮޑަށް ފަސޭހަވާނެ،" އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިހާރު ގެންދަނީ އޮމަދޫ އިންޖީނުގޭގެ ނެޓުވޯކް އަޕްގްރާޑު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރައްވަމުން ކަމަށެވެ. ވަރަށް އަވަހަށް އެމަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮމަދޫ ކައުންސިލުން ވިދާޅުވީ މަސައްކަތަށް ބަލާއިރު ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އެރަށަށް ކަރަންޓު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. "އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ އިންތިޚާބުގެ ކުރިން އައު އިންޖީނުގެއިން ކަރަންޓު ލިބޭނެ ކަމަށް،" ކައުންސިލުން ވިދާޅުވިއެވެ. އެރަށު ކައުންސިލުން ވިދާޅުވީ މިހާރު ބޭނުންކުރާ އިންޖީނުގޭގެ ކޭބަލްތައް ވަނީ ހަލާކުވެސް ވެފައި ކަމަށެވެ. އެކަށީގެންވާ ގޮތުގައި ކަރަންޓު ނުލިބުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.