
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބި ފިރިންނާއި ދަރިންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން މަޖިލީހުގައި އެދިއްޖެއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން ރިޔާސަތުން ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައަމަދު ނަޝީދެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ އެމައްސަލަ މަޖިލީހުގެ އާންމު ކޮމެޓިއަށް ފޮނުއްވައިފައިވާކަމަށެވެ. އަދި މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން އެމަޢުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތަށް މަޢުލޫމާތު ދެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެމަޢުލޫމާތަކީ އެކަމަށް އެދުނު ފަރާތުން މަސައްކަތް ކޮށްލައިގެންވެސް އަމިއްލައަށް ހޯދޭނެ މަޢުލޫމާތުކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ކަންކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަންކަމަށް ވާތީ އެކަމުގައި މަލިހުންވެސް އެއްބާރުލުން ދެއްވާނެކަމަށެވެ.
"މިބާވަތުގެ ކަންތައްތަކަކީ އެބޭފުޅުންނަށް އެއްބާރުލުންދީ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަންތައްތަކަށް ވާތީވެ، އާއްމު ކޮމެޓީގައި ދަންނަވައިފިން މަޢުލޫމާތު ބޭނުންވާ ފަރާތަށް މަޢުލޫމާތު އަރުވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.