ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން މަގުމަތިވެ ބިކަވެގެންދާ ބޮޑިއެއްގައި ބޮޑު އިންސާނީ ކާރިސާއަކަށްވެގެން ހިނގައިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުޤައްރިރު، މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމެޓީ ރިޕޯރޓް ހުށަހެޅުއްވަމުން މުޤައްރިރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާޙިމް ޝަރީފް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން މަގުމަތިވެ ބިކަވެގެންދާ ބޮޑިއެއްގައި ބޮޑު އިންސާނީ ކާރިސާއަކަށްވެ، ޤައުމުގެ އިޤްތިޞާދަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބުރަ ބޮޑުވާނެކަމަށެވެ.
އެކޮމެޓީގެ ރިޕޯރޓް ތައްޔާރު ކުރުމުގައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ތަކަށާއި ރާއްޖެއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމުގެ ކަންކަން ކަމަށް އަލިއަޅުވާ ލައްވައިފައިވާނެކަމަށް މުޤައްރިރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަކީ މިދިޔަ އަހަރުން ފެށިގެން ކޮމެޓީން ބަލަމުން ދިރާސާކޮށް ގިނަ މަޢުލޫމާތު ތަކެއް ހޯއްދަވައިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރިޕޯރޓްގައި އެމައްސަލަތަށް ވެސް ފާހަގަކުރައްވައިފައިވާނެކަމަށް ވިދާޅުވިއެވެ. މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވަރަށް ދަތި ޙާލުގައި ތޮއްޖެހި ބާރުވެފައިވާ ތަންތަނުގައި މީހުން ދިރިއުޅެމުންދާކަން ފާހަގަ ކުރެވިއެވެވެ. މިހާރު ފެތުރެމުންދާ ބަލި ފެތުރުމަށް ވަރަށް ބޮޑަށް މަގު ފަހި ގެންދާނެ ކަމަށާއި ވަރަށް ނުރައްކާތެރި ޙާލަތެއްގައި އެކަން އޮތްކަން ފާހަގަ ކުރެއްވިއެވެ. ވަޒީފާ ގެއްލިފައިވާ ފަރާތްތައް ވީހާވެސް އަވަހަސް އެމީހުންގެ ޤައުމަށް ފޮނުވާލަން ޖެހޭކަމަށް ދައުލަތުގެ އިދާރާތަކަށް ހިއްސާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަމުން ދިޔައިރު ސަލާމާތީ ގޮތުންވެސް ވަރަށް ބިރުވެރި ނުރައްކާތެރި ޙާލަތެއްގައި ހުރި ވަރަށް ގިނަ ތަންތަން ފާހަގަ ކުރެވިފައިވާ ކަމަށް މުޤައްރިރު ވިދާޅުވިއެވެ. ކަމާ ބެހޭ ފަރާތްތަކަށް އެކަން އިޞްލާޙު ކުރުމަށް ވެސް ދެންނެވިފައިވާނެކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.
ރޯގާއެއް ފެތުރިގެން ގޮސްފިނަމަ އެމީހުންގެ ތެރޭގައި ވަރަށް ބާރު ސްޕީޑް އެރޯގާއެއް ފެތުރިގެން ދާނެކަމަށް ކުރިން ވެސް އެކޮމެޓީން ހޯދި ހޯދުންތަކުންވެސް ފާހަގަ ކުރެވިފައިވާ މުޤައްރިރު ވިދާޅުވިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 63 ހާސް ބިދޭސީން އުޅެމުންދާކަމަށް ވެސް މުޤައްރިރު ފާހަގަ ކުރެއްވިއެވެ.