
އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބަދުﷲ އަށް މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޢީ ދައުވަތު ދެއްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޭކުރެންދޫގައި އަޅާ ޖަލާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށްފަހު އިތުރު ސުވާލުކުރުމަށް ދެއްވި ފުރުޞަތުގައި މެމްބަރ ރާއީ ވިދާޅުވީ މިނިސްޓަރ ޢިމްރާންގެ އަމިއްލަފުޅު ޕާޓީގެ ފިކުރަށްވުރެ އެމްޑީޕީގެ ފިކުރަށް އިސްކަން ދެއްވައިގެން މަސައްކަތް ބައްޓަންކުރަށްވައިފައި ވާތީ، ދާއިރާގެ ނަމުގައާއި އަމިއްލަފުޅު ނަމުގައި މިނިސްޓަރ ޢިމްރާނަށް ޝުކުރު ދަންނަވާކަމަށެވެ.
"އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިނިސްޓަރ އެމްޑީޕީއަށް ސޮއެކުރާނެ ދުވަހެއް. އެންމެ ފުރަތަމަ މިނިސްޓަރަށް މަރުހަބާ ކިޔާނީ އަޅުގަނޑު" މެމްބަރު ރާޢީ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ މިއަދު ކޯލިޝަން ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެއް އަމާޒަކަށް އެއް ވިސްނުމަކަށް އެއް ނަތީޖާއެއް ޙާސިލުކުރުމަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، އަދާލަތު ޕާޓީގެ މެނިފެސްޓޯއާއި މިއަދުގެ ސަރުކާރު މެނިފެސްޓޯއަކީ އެކައްޗެއްގެ ގޮތުގައި ޤަބޫލުކޮށް ގެން ކުރިއަށް ވަޑައިގަންނަވާކަމަށެވެ.
"އެހެންވީމާ މިނަތީޖާ ޙާސިލްކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި. މިނަތީޖާއިން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދިނުމުގެ އުފާ އަޅުގަނޑުމެން ލިބޭނީ އެންމެން އެކުގައި، އަޅުގަނޑު މިހިރީ ތިހުރިހާ ބޭފުޅުންނާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.