ސައޫދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އުފެއްދި އަންހެނުންގެ ފުޓުބޯޅަ ލީގުގެ ކުޅުން މިއަދު ފަށައިފިއެވެ. ވެރިރަށް ރިޔާޟު، ޖިއްދާ އަދި ދައްމާމުގައި ކުރިއަށްދާ މި މުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ.
ސައޫދީ އަރަބިއްޔާގައި ދުވަސްތަކެއް ކުރިން ފުޓުބޯޅަ މެޗު ބަލަން އަންހެނުން ދިއުމަކީވެސް މަނާ ކަމެކެވެ. ނަމަވެސް، ސައޫދީ މުޖުތަމައު ޒަމާނީ ކުރައްވައި، މުޖުތަމައު ތެރެއަށް އަންހެނުން ނެރުއްވުމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފުޓުބޯޅަ މެޗުތައް ބަލަން އަންހެނުން ވަނުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައި ވަނީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެގޮތުން ފުޓުބޯޅަ މެޗެއް ބަލަން ފުރަތަމަ އަންހުން ވަދެފައި ވަނީ 12 ޖަނަވަރީ 2018 ގައި ޖިއްދާގެ އަލްޖައުހަރާ ސްޓޭޑިއަމްގައި އޮތް މެޗެއް ބެލުމަށެވެ. އެ ދުވަހު އަންހެނުން ވަދެފައި ވަނީ އަލްއަހްލީއާއި އަލްބާޠިނުއާ ދެމެދު ކުޅުނު މެޗެއް ބެލުމަށެވެ.
އަންހެނުންގެ ފުޓުބޯޅަ ލީގެއް އުފައްދާކަން ސައޫދީ އަރަބިއްޔާއިން ފުރަތަމަ އިއުލާންކޮށްފައި ވަނީ ފާއިތުވި ފެބުރުވަރީ މަހުގައެވެ.
"ސައޫދީ އަންހެން ފުޓުބޯޅަ ލީގް ފެށުމަކީ އަހަރެމެންގެ ގައުމުގެ މުސްތަގުބަލާއި، އަހަރުމެންގެ ސިއްހަތާއި، ޒުވާނުންނާއި، ކޮންމެ ކުޅުންތެރިއަކު އޭނާގެ އެންމެ ފުރިހަމަ ގާބިލިއްޔަތާ ހަމައަށް ހުނަރުވެރިކުރުމަށް އަހަރުމެން ދެކޭ ހުވަފެނަށްޓަކައި ކުރިއަށް އެޅި ވަރަށް ބޮޑު ފިޔަވަޅެއް." މިއަހަރުގެ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ސައޫދީ ސްޕޯޓްސް ފޯ އޯލް ފެޑެރޭޝަން (އެސްއެފްއޭ) ރައީސު އަމީރު ޚާލިދު ބިން އަލްވަލީދު ބިން ޠަލާލު ނެރުއްވި ބަޔާނުގައި ވެއެވެ.
މިއަދު ހެނދުނު ފެށުނު މުބާރާތުގެ ޗެމްޕިއަނުންނަށް 5 ލައްކަ ސައުދީ ރިޔާލް (2.056 މިލިއަން ދިވެހި ރުފިޔާ) ކަނޑައެޅިފައި ވެއެވެ.
"މިއަދަކީ ކުޅިވަރުގައި ހަރަކާތްތެރިވާ އެންމެންނަށް، އެއީ ފިރިހެނުން ކަމުގައި ވިޔަސް ނުވަތަ އަންހެނުން ކަމުގައި ވިޔަސް، ވަރަށް އުފާވެރި ދުވަހެއް. އަހަރެންނަށް ފެނުނު ތަނަށް ބަލާއިރު، އަދި ސައޫދީ އަރަބިއްޔާގައި އަހަރުމެން ފުޓުބޯޅައަށް ލޯބިކުރާ ވަރަށް ބަލާއިރު، އަހަރެމެން އުޚުތުންގެ ތެރެއިން ގިނަ ބަޔަކު ޕްރޮފެޝަނަލް ކުޅިވަރުގައި ހަރަކާތްތެރިވާ ތަން އަހަރުމެންނަށް ފެންނާނެ." އަންހެނުންގެ ފުޓުބޯޅަ ލީގުގެ ކުޅުން ފެށުމާ ގުޅިގެން ސައޫދީ ފުޓުބޯޅަ ކޯޗު އަދި ކުޅިވަރު ނޫސްވެރިޔާ ޢަބްދުﷲ އަލްޔާމީ ކުރި ޓުވީޓެއްގައި ވެއެވެ.
މިއަދު މި ފެށި މުބާރާތް ފަށަން ފުރަތަމަ ރޭވިފައި އޮތީ މާރިޗު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ކޮރޯނާ ވައިރަސްގެ ސަބަބުން މުބާރާތް ފެށުން ލަސްކުރަން ޖެހުނީއެވެ.
މި މުބާރާތުގެ މެޗުތައް ވަގުތުން ދައްކާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.