އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ކާބުލް ޔުނިވަސިޓީގެ ކޭމްޕަސްތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ ދިން ހަމަލާގައި މަދުވެގެން 19 މީހުން މަރުވެ 22 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެެވެ.
ހަނގުރާމަވެރިން ޔުނިވަސިޓީ ކޭމްޕަހަށް ވަދެ ހަމަލާދޭން ފެށީ އީރާނު ފޮތް މައުރަޒެއް ހުޅުއްވައިދެއްވުމަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް އެތަނަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ވަގުތާ ދިމާކޮށެވެ. މިއަދުގެ ވަގުތެއްގައި ދިން މި ހަމަލާގައި ހަނގުރާމަވެރިން ވަނީ ޔުނިވަސިޓީ ކެމްޕަސް ތެރޭގައި އެތައް ގަޑިއަރެއް ވަންދެން އަފްޣާން ސަލާމަތީ ބާރުތަކާ ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
މަންޒަރު ދުށް މީހަކު ބޭރުގެ ބައެއް ނޫސްވެރިނަށް ކިޔައިދިން ގޮތުގައި މިއަދު ހެނދު 11 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 11:30 ވީއިރު) ފުރަތަމަ ކެމްޕަސް ތެރޭގައި މީހަކު އަމިއްލައަށް ޖާނުން ފިދާވެެގެން ބޮމެއް ގޮއްވާލީއެވެ. ދެން ހަތިޔާރު އެޅި ދެ މީހަކު ބަޑި ޖަަހަންފެށީއެވެ. އެއާއެކު އެތައް ސަތޭކަ ކުދިން ވަނީ ކެމްޕަސްގެ ފާރުމަތިން ފުއްމާލައިގެން ފިލާފައެވެ.
ޔުުނިވަސިޓީގެ އެހެން ދަރިވަރަކު ކިޔަދިން ގޮތުގައި ފިސްތޯލައާއި، ކަލަޝްނިކޯވް ބޭނުންކޮށްގެން ހަމަލާދިން ހަނގުރާމަވެރިން އެމީހުންގެ ހަމަލާ އަމާޒުކުރީ ގާނޫނާ ނޫސްވެރިކަމާ ބެހޭ ފެކަލްޓީއަށެވެ.
"ތިން މީހަކު (މި ހަމަލާގައި) ބައިވެރި ވަނީ. އެމީހުންގެ ތެރެއިން އެކަކު ހަމަަލާ ފެށި ވަގުތު އަމިއްލައަށް ގޮއްވާލީ. ސަލާމަތީ ބާރުތަކުން ވަނީ އަނެއް ދެ މީހުން މަރާލާފައި." އިންޓީރިޔާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤު އާރިޔަން ވިދާޅުވިއެވެ.
މިހާތަނަށް އެއްވެސް ޖަމާއަތުން މި ހަމަލާގެ ޒިންމާ އުފުލާފައި ނުވެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި ކިލާސްތަކުގައި ކިޔަވަން ތިބި ކުދިންވެސް މަރުވެފައި ވެއެވެ.
ފާއިތުވި އަހަރު ކާބުލް ޔުނިވަސިޓީގެ މައި ދޮރާށި ކައިރީގައި ދިން ހަމަލާއެއްގައި އަށް މީހުން މަރުވެފައި ވާއިރު، 2016 ގައި ކާބުލް ގައި ހުންނަ އެމެރިކަން ޔުނިވަސިޓީގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެފައި ވެއެެވެ.
ކާބުލް ޔުނިވަސިޓީއަކީ އަފްޣާނިސްތާނުގެ އެންމެ ދުވަސްވީ އަދި އެންމެ ދަރިވަރުން ގިނަ ޔުނިވަސިޓީއެވެ. އެތަނުގައި 17 ހާސް ދަރިވަރުން ތައުލީމު ހާސިލްކުރެއެވެ.