އަފްޣާނިސްތާނުގެ އިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ނަންގަހާރުގައި ދިން ހަމަލާއެއްެގައި އަފްޣާނިސްތާނު ސިފަައިންގެ މަދުވެގެން 20 މީހުން މަރުވެއްޖެއެވެ. އެ ޕްރޮވިންސުގެ 3 ޑިސްޓްރިކްޓެއްގެ ޗެކް ޕޮއިންޓުތަކަށް ހަމަލާގައި ސިފައިންގެ 17 މީހަކު ޒަޚަމްވެފައި ވެއެވެ. ނަންގަހާރްގެ ގަވަރުނަރުގެ ތަރުޖަމާނު ޢަޠާއުﷲ ޚޮގްޔާނީ ވިދާޅުވިގޮތުގައި މި ހަަމަލާގައި ޠާލިބާނުންގެ 30 ހަނގުރާމަވެރިން މަރުވެފައި ވެއެެވެ.
މި ހަމަލާއާ ބެހޭގޮތުން ޠާލިބާން ޖަމާއަތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެެވެ.
މި ހަމަލާދީފައި މިވަނީ އަފްޣާން ސަރުކާރާއި ޠާލިބާން ޖަމާއަަތާ ދެމެދު ޤަޠަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ ވާހަކަތައް ފެށުނުތާ މާގިނަ ދުވަހެއް ނުވެއެވެ. މި ހަމަލާއަށް ފަހު، ދޯހާގައި ވާހަކަފުޅުދައްކަވަމުން އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރުގެ ނާއިބު އަސަދުﷲ ޚާލިދު ވިދާޅުވީ ހަނގުރާމަކުރާ ފަރާތްތަކުން މިހާރު ކުރިއަށްދާ ވާހަކަތަކުގައި ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދާނެކަމުގައެވެ. އަދި އޭނާ ޠާލިބާނުންނަށް އިންޒާރުދެއްވަމުން ވިދާޅުވީ އަސްކަރީ މަގު އިޚްތިޔާރުކޮށްގެން ޠާލިބާނުންނަށް ކުރި ނުހޯދޭނެ ކަމުގައެވެ.
"އެމީހުންނަށް ބާރުގެ ބޭނުންކޮށްގެން ހުރިހާ ކަމެއް ހާސިލުކުރެވިދާނެކަމަށް ދުޝްމަނުންނަށް ހީކުރެވޭކަމުގައި ވަނީނަމަ އެއީ ހުވަފެނެއް. ޚިޔާލީ ކަމެއް. އެއީ ވާނޭ ކަމެއް ނޫން. އެއީ މޮަޔަކަމެއް." ނޭޓޯއިން އަފްޣާނިސްތާނަށް ހަދިޔާކުރި ހަނގުރާމަމަތީ ހަތަރު މަތިންދާބޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާލިދު ވިދާޅުވިއެވެ.
ގިނަ ދުވަހެއްްގެ އިންތިޒާރަށް ފަހު، ދެ ފަަރާތުގެ ދެމެދުގައި ބާއްވާ ސުލްހައިގެ މަޝްވަރާތައް ޤަޠަރުގެ ދޯހާގައި ފެށުނީ ފާއިތުވި ހޮނިހިރު ދުވަހުއެވެ. އެހެންނަމަވެސް، މިހާތަނަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް މި މަޝްވަރާތަކުގައި ހޯދިފައި ނުވެއެވެ. ފާއިތުވި ފެބުރުވަރީ މަހު ޠާލިބާން ޖަމާއަތުން ވަނީ އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މި އެެއްބަސްވުމަކީ ބޭރު ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ.