
ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފެވެ.
ބިލު މަޖިލީހަށް ހުށަހުޅުވިކަން ހާމަކުރައްވައި މެމްބަރ ޙަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޅުންތެރިންނާއި ކުޅިވަރު ހިންގުމުގެ ތަޖްރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް މިބިލުން، ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވޭނެކަމަށެވެ.
ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެމުއައްސަސާތައް ޑިމޮކްޓަރައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.
ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުންވެސް ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބެޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމްކުރުން ވެސް ހިމެނެއެވެ.
ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށް ފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ބޭއްވޭ އިންތިޚާބުތަކެއްކަމުގައި ހެދުން ވެސް ބިލް ހުށަހެޅި ސަބަބުތަކުގެތެރޭގައި ވެއެވެ. އަދި ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުންވެސް ހިމެނޭކަމަށް މެމްބަރ ޙަސަން ފާހަގަ ކުރައްވައިފައި ވެއެވެ.