ދަރަނި ދެއްކުމުގައި ހޭދަކުރަންޖެހޭނެ މިންވަރުގެ އަންދާޒާއެއް މަޖިލީހުން ހޯއްދަވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ ދަރަނި ދެއްކުމުގައި ހޭދަކުރަންޖެހޭނެ މިންވަރުގެ އަންދާޒާއެއް މަޖިލީހުން ހޯއްދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީސް ޖަލްސާފަށްޓަވަމުން ރާއްޖޭގެ ދަރަންޏާ ގުޅޭ ގޮތުން މަޖިލީހަށް ފޮނުއްވައިފައިވާ ދެ ރިޕޯޓަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މަޖިލިހުގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކުގެ ތަފްސީލު ދައުލަތުގެ ދަރަނީގެ ހިސާބުތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީން މިހާރު ދިރާސާކުރައްވައި އެކުލަވާލައްވާ ރިޕޯޓުގައި ވަރަށް ތަފްސީލްކޮށް ހިމަނުއްވާނެކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ދަރަނީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަންޖެހޭނެ އަދަދުތަކުގެ އަންދާޒާ އެ ދިރާސާ ރިޕޯޓްގައި ހިމެނޭނެކަމަށެވެ. އެ ރިޕޯޓުގައި ދަރަނި ހަތް ބަޔަކަށް ބަހާލެވިފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ. އެއީ ދޭދޭ ގައުމުތަކުންނަގާފައިވާ ދަރަންޏާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ އިދާރާތަކުން ނަގާފައިވާ ދަރަންޏާއި، ޓްރެޜަރީ ބިލާއި، އޯވާޑްރާފްޓުކޮށްގެން ނަގާފައިވާ ދަރަންޏާއި ސަރުކާރުގެ ބޮންޑު ގޮތުގައި ހިމެނޭ ދަރަނިކަން ފާހަގަކުރެއްވިއެވެ. މި ހުރިހާ ބާވަތެއްގެ  ދަރަނީގެ ތަފްސީލްވެސް މަޖިލީހުން އެކުލަވާލާ ރިޕޯޓުގައި ހިމެނޭނެކަމަށް ވިދާޅުވިއެވެ. 

ދަރަންޏާ ގުޅޭ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ދައްކާ ވާހަކައިގައި ތަފާތު ހުންނަކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ތަފާތު ހުންނަނަމަ، ބައިނަލްއަގުވާމީ އިދާރާތަކުން އެކަން ފާހަގަކުރައްވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ދަރަނީގެ ކަންކަން ދިރާސާ ކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ވިހާވެސް ބޮޑަށް ސަރުކާރާ ގުޅިގެންކަމަށް ވިދާޅުވިއެވެ. 

ދަރަނީގެ އަދަދުގައި ފަރަގެއްވާނަމަ، އެ ފަރަގަކީ ކޮބައިކަން މަޖިލިހަށާއި ސަރުކާރަށްވެސް އެނގެންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަރަގެއް އޮތްނަމަ އެކަމެއް ފޫބެއްދޭނީ އެފަރަގެއް އޮތްތަންމަޖީލާހަށާއި ސަރުކާރަށް ވެސް އެނގިގެން ކަމަށް މަޖިލީހިގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި މަޖިލީހުގެ ޒިންމާ ބޮޑުކަންވެސް ފާހަގަ ކުރެއްވިއެވެ. 

ކުރީގެ ދެސަރުކާރުގެ މުއްދަތުކަމަށްވާ 2012 އިން 2018 އަށް ދިވެހި ދައުލަތް އިންތިހާއަށް ދަރަނިވެރިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން މިއަދުގެ ޖަލްސާގައި ތަކުރާރުކުރެއްވިއެވެ. ދަރަނި ބުރައަކަށް ވަނި އެދަރަނި ދައްކަންޖެހޭއިރު ދައުލަތުގައި ދަރަންޏަށް ދައްކާނެފައިސާ ނެތުމުންކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.