ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ގުޅޭގޮތުން މެމްމަބަރުންނަށް މައުލޫމާތު އެރުވުމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަންނަވާނެއެވެ.
މިކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ 11 ޖަހާއިރު މަޖިލީހަށް މިނިސްޓަރ އަސްލަމް ވަޑައިގަންނަވާނެކަމަށެވެ.
ބިނާވެށި ޕްލޭނާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން އަފީފެވެ. މި ބިލް ބަހުސްގައި ވާހަކަ ދައްކަވަމުން ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފިނަމަ ރައްޔިތުން އިތުރަށް އަޅުވެތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ އިގްތިސާދީ އިޖްތިމާއީ ކުރިއެރުން އޮތީ ބިނާވެށި ޕްލޭންކުރުމުގެ ބިލްގެ މައްޗަށް ކަމަށް ވިޔަސް މިހާރު ބިލް އޮތްގޮތަށް ފާސްވެއްޖެނަމަ ރައްޔިތުން އިތުރަށް އަޅުވެތިވެގެންދާނެކަމަށް މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ގާނޫނު ވުޖޫދުވުމުން ރައްޔިތުން އިތުރަށް އަޅުވެތިވުމުގެ އިތުރުން ލާމާރުކަޒީ ބިލުން ކައުންސިލްތަކަށް ދީފައިވާ ބާރުވެސް ކެނޑިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މެމްބަރ ރަޝީދު ވިދާޅުވީ ބިލް ހުށަހަޅައިފައިވަނީ ކޮންމެ މަގްސަދެއްގައި ކަންވެސް ސާފުނުވާކަމަށެވެ. ބިލުގެ ނަމުންވެސް ވަނީ އޮޅުވައިލައިފައިކަމަށް އޭނާ ވިދާޅުވިއެވެ.