މިއަދު ލިޔެލަން ގަސްދުކޮށްފައިވާ މައުޟޫޢަކީ ހުރިހާ ދަރިވަރުންގެ ކިބައިގައި ވެސް ކުރިއަރުވަންޖެހޭ ތޫނިފިލިކަމަކާ ބެހޭ ގޮތުންނެވެ. ޢާއްމުގޮތެއްގައި ތޫނުފިލިކަން މާނަކުރެވެނީ ކަމެއްގައި ލިބިދޭ ގާބިލުކަމަކަށެވެ. މިބީދައިން ވިސްނާނަމަ، ތޫނުފިލިކަމަކީ އިންސާނަކު ދުނިޔެއަށް އަންނައިރު ލިބި ނިމިފައިވާ ގާބިލުކަމެއް ނޫނެވެ. އެހެންކަމުން، އެއީ ކުރިއެރުވޭނެ، އިތުރުކުރެވޭނެ، ލިބިގަނެވޭނެ، ދަސްކޮށްދެވިދާނެ، ފަރިތަކުރުވިދާނެ، އެތައް ކަމަކާ ގުޅޭ ކަމެކޭ ދެންނެވިދާނެއެވެ. މިއަދުގެ މައުޟޫޢަކީ ނަފުސާނީ ތޫނިފިލިކަން ނުވަތަ އިމޯޝަނަލް އިންޓަލިޖެންސްގެ މުހިންމުކަމެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ނަފުސާނީ ތޫނުފިލިކަން އިތުރު ކުރެވޭނީ ކިހިނެއްތޯ ބަލާލުމެވެ. މަތީގައި ބަޔާންވެފައިވާ ތަސްވީރުގައި ދެވިފައި އެވަނީ ގޯލްމަން (2001) ފާހަގަކުރައްވާގޮތުގައި ނަފުސާނީ ތޫނުފިލަކަމާ ގުޅޭ މައިގަނޑު 5 ހުނަރެވެ. މިހުނަރުތަކަކަކީ ކޮންމެ ދަރިވަރެއްގެ ވެސް ކުރިއަރުވަންޖެހޭ މުހިންމު ގާބިލިއްޔަތުތަކެކެވެ. މި ހުނަރުތަކުގެ ތަފުސީލަށް ނަޒަރު ހިނގާލާއިރު، ނަފުސާނީ ތޫނުފިލިކަމުގައި ވަރަށް ގިނަ ކަންތައްތައް އުކުލެވެއެވެ. މިސާލަކަށް އަމިއްލަނަފުސު ދެނެގަތުން، އެހެންމީހުން ދެނެގަތުން، މީހުންނާ އެކު ދިރިއުޅެން އެނގުން، މީހުންނާ މުޢާމަލާތުކުރަން އެނގުން، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކޮށް މެނޭޖުކުރަން އެނގުން، ކަންކަން ދިމާވުމުން ހައްލުކުރަން އެނގުން، އަދި އުނދަގޫ ހާލަތްތައް ދިމާވުމުން ގޮތް ހުސްނުވެ ކަންކަން މެނޭޖުކުރަން އެނގުން ފަދަ އެތައް ކަމެކެވެ. މިދެންނެވި ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ދަރިން ކުޑައިރުއްސުރެ ތަރުބިއްޔަތުކޮށް ކިޔަވައިދެމުންދާއިރު ދަސްކޮށްދޭންޖެހޭ ކަންކަމެވެ.
އިމޯޝަނަލް އިންޓަލިޖެންސަކީ ކޮބައިކަން މާނަކުރައްވާ ޢިލުމުވެރިން އެންމެ ބޮޑަށް އިޝާރާތް ކުރައްވާ އެއް ނުކުތާއަކީ މީހުން ދެނެގަތުމާއި އެމީހުންގެ ތަފާތުތަކަށް ރިޢާޔަތް ކުރުމާއެކު ވިސްނުމާއި މުޢާމަލާތް ކުރަން އެނގުމެވެ (ކޮޕަރ އަދި ސަވަފް 1997؛ މޭޔަރ އަދި ސެލޮވީ، 1993). މި ޢިލުމިވެރިންގެ އިތުރުން، ތަންކޮޅެއްފަހުގެ ބައެއް ދިރާސާވެރިން ޚާއްޞަކޮށް ބައްލަވާފައިވާ މުހިންމު ދެ ބައެއް ފާހަގަކުރެވެއެވެ. އެއީ އަމިއްލަ ނަފުސު ދެނެގަތުމާއި އެހެން މީހުންގެ ގޮތްތައް ވެސް ދެނެގަތުމެވެ. މި ދެ ރައުޔު ވެސް ގުޅިގެންދަނީ ބޮޑަށް މަސައްކަތުގެ ދާއިރާއާ ގުޅުވައިގެން މީހުން ކިބައިގައި ހުރުން ލާޒިމުކުރާ ނަފުސާނީ ތޫނިފިލިކަމާއެވެ. ނަމަވެސް ޢާއްމު ކުލާސްރޫމެއްގައި ނުވަތަ މަދަރުސާއެއްގައި ވެސް ދަރިވަރުންނަށް ދަސްކޮށްދެވިދާނެ ކަންކަމުގެ ތެރޭގައި މިދެބައި ވެސް މިޒާމާނުގެ ދިރާސާވެރިން ހިމަނުއްވައެވެ (ގޯރޑަން އަދި މިޓައިސް، 2006). މި ޢިލުމުވެރިންގެ ރައުޔުގައި ނަފުސާނީގޮތުން ތޫނުފިލި ކުދިބަޔަކަށް ދަރިވަރުން ހެދޭނީ އަމިއްލަ ނަފުސު ދެނެގަތުމާއި އަދި އެހެންމީހުން ދެނެގަންނަން ދަސްކޮށްދީގެންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޚާއްޞަކޮށް، ގޯލްމަން (1996) ލިޔުއްވާ ގޮތުގައި ނަފުސާނީ ތޫނުފިލިކަމުގެ ތެރޭގައި މައިގަނޑު ތިންބައެއް ވެއެވެ. އެއީ (1) އަމިއްލަ ނަފުސު ދެނެގަނެ އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލްކުރަން އެނގުން، (2) ކަންކަން ދިމާވުމުން އަމިއްލަ މޫޑް މެނޭޖުކުރުމާއި ކޮންޓްރޯލް ކުރަން އެނގުން، (3) ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކާ ހަމައަށް ވާސިލުވުމުގައި ޝައުގުވެރިކަން ދެމިހުރުމާއެކު މަސައްކަތް ކުރަން އެނގުމެވެ (ގޯލްމަން، 1996). މިރައުޔުގެ އިތުރުރުން، ގޯލްމަންގެ ފަހުގެ އެހެން ލިއުންތަކުގައި އިތުރަށް އިޝާރާތްކުރައްވާގޮތުގައި އަމިއްލަ ނަފުސު މެނޭޖުކުރަން ނޭނގޭ، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކުރުމުގައި ދަތިތައް ދިމާވާ އަދި އެހެންމީހުން ދެނެގަތުމުގެ ތޫނުފިލިކަން ނެތުމާއި މައްސަލަތައް ދިމާވުމުން ހަދާނެ ގޮތް ނޭނގި ގޮތް ހުސްވާ މީހުންނަކީ، އުނގެނުމުގެ ދާއިރާގައި ކިތަންމެ ތޫނުފިލި ނަމަވެސް ކާމިޔާބީތައް ހާސިލުކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ބައެކެވެ (ގޯލްމަން، 2001). މީގެ އިތުރުން، ސެރަޓް (2017) ބަޔާންކުރައްވާގޮތުގައި ސޯޝަލް ސްކިލްސް ނުވަތަ މީހުންނާއި މުޢާމަލާތުކުރުމުގެ އިޖުތިމާޢީ ހުނަރުތައް ލިބިގަތުމަކީ ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން އިތުރުވެ ދިރިއުޅުމުގެ ކާބިޔާބީތައް ހާސިލުކުރުމުގައި ފަސޭހަވާނެކަމެކެވެ. މި ބޭފުޅުންގެ ރައުޔުތަކުގައި އިޝާރާތްކުރެވޭ އެންމެ މުހިންމު ނުކުތާއަކީ ދަރިވަރުންނަކީ ކާބިޔާބު ފަރުދުންނަށް ހެދުމަށް ހަމައެކަނި އުނގެނުމުގެ ދާއިރާގައި މޮޅު ކުއްޖަކަށް ހެދުމަކުން ނުފުދޭ ކަމެވެ. އޭގެ އިތުރުން ދިރިއުޅުމުގައި އެހެން މީހުންނާއެކު މުޖުތަމަޢެއްގައި އުޅެން އެނގެނީ ނަފުސާނީ ތޫނުފިލިކަން ވެސް އެ ކުދިންގެ ކިބައިގައި ތަރައްގީކޮށްގެންކަން ވެސް ހާމަވެއެވެ. މިވާހަކަތަކުގެ އިތުރު ތަފުސީލާއެކު ގޯލްމަން (2017) ދައްކަވާފައިވާ މުހިންމު ވާހަކަކޮޅު ވީޑިއޯ އިން ބައްލަވާ ލައްވާށެވެ.
ނަފުސާނީ ތޫނުފިލިކަމަކީ ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ އަދި ތަރައްގީކުރަންޖެހޭ ތޫނުފިލިކަމުގެ ބާވަތެއްކަން އިސްވިދިޔަ ހުރިހާ ރައުޔުތަކެއްގައި ވެސް އަލި އަޅުވާލެވިފައިވެއެވެ. ދާދިފަހުން ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ސްނެލިން (2020) ހާމަކުރައްވާގޮތުގައި ދަރިވަރުންނަށް ނަފުސާނީ ތޫނުފިލިކަން ދަސްކޮށްދީ ތަރައްގީ ކުރަންފަށަން ޖެހެނީ ވަރަށް ޅަފަތުގައެވެ. އޭނާ، މި ވާހަކަކޮޅުގައި އިތުރަށް ދޭހަކުރައްވާ ގޮތުގައި، އެންމެ ފުރަތަމަ ޕްރީސްކޫލު ދުވަސްވަރު ކުއްޖާ ކުލަފަންސުރު އެކަކު އަނެކަކާ އެކު ޝެއަރ/ހިއްސާ ކުރުމުން ފެށިގެން މި ތޫނުފިލިކަން ދަސްވާން ފަށައެވެ. މިފަދަ ގިނަ ކަންކަމުގެ ތެރެއިން ސްކޫލުގައި އުޅޭއިރު ކުއްޖާގެ ޢާއްމު ދިރިއުޅުމުގެ ތެރޭގައި އެހެން ކުދިން ހިމަނަން ދަސްކޮށްދެވެއެވެ. ވަކިން ޚާއްޞަކޮށް އެއްކޮށް ކުޅުމާއި، އެކުއްޖަކު ދެރަވުމުން އަނެއްކުއްޖަކު ވެސް އެކަމާމެދު ހިތުގަޖެހުމާއި، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަތުމާއި، އެއް ކުއްޖަކު އަނެއް ކުއްޖަކާ އެކު ބައިވެރިވެގެން ކަންކަން ކުރުމާއި މިފަދަ ގިނަގުނަ ފުރުސަތުތަކާއި ތަޖުރިބާތައް ދަރިވަރުންނަށް ޅަ އުމުރުގައި ފަހިކޮށްދިނުމަކީ ނަފުސާނީ ތޫނުފިލިކަން އިތުރުކޮށް ތަރައްގީކުރެވޭނެ ގޮތްތަކެވެ (ސްނެލިން، 2020). މި ޚިޔާލުތަކަށް ބަލާލާއިރު، ކިޔަވައިދޭއިރު ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން ކުރިއެރުވިދާނެ ވަރަށް ގިނަ ގޮތްތައް ވާކަން ހާމަވެގެން ހިނގައްޖެއެވެ. ނަމަވެސް މިކަންކަމަކީ ކިޔަވައިދިނުން ރާވާއިރު ބޮޑަށް ސަމާލުކަން ދީގެން ފަރުމާ ކުރެވޭނަމަ ވަރަށް ފުރިހަމައަށް ވެސް ކުރެވިދާނެ ކަންކަމެވެ. ނަފުސާނީ ތޫނިފިލިކަމަކީ މިޒަމާނުގެ ކުދިންނަށް ވަރަށް ބޮޑަށް ބޭނުންޖެހޭ ތޫނުފިލިކަމުގެ ވައްތަރެކެވެ. މިކަމަށް ބާރުއަޅުވާ އިރުޝާދު ދެއްވަމުން، ގޯރޑަން (2019) ލިޔުއްވާގޮތުގައި ނަފުސާނީ ތޫނުފިލިކަން ދަސްކޮށްދެވޭނެ ތަފާތުގޮތްތަކެއް ވެއެވެ. އެގޮތުން އެލިޔުންތެރިޔާ ފާހަގަކުރައްވާފައިވާ ދެތިން ގޮތެއް މިލިޔުމުގައި ފާހަގަކޮށް ވާހަކަދައްކާލާނަމެވެ.
- ކިޔަވައިދިނުމުގެ ތެރެއަށް ސޯޝަލް (އިޖުތިމާޢީ) އިމޯޝަނަލް (ނަފުސާނީ) އުނގެނުން ގުޅުވުން: ގޯރޑަން (2019) އިޝާރާތްކުރައްވާ ގޮތުގައި ނަފުސާނީ ތޫނުފިލިކަމަކީ ވަކިން ކުލާސްނަގައިގެން ވަކި މައުޟޫޢެއް ގޮތަށް ކިޔަވައިދެވޭ އެއްޗަކަށްވުރެ ކިޔަވައިދިނުމުގެ ތެރޭގައި ތަފާތު ކަންކަން ހިމަނައިގެން ދަސްކޮށްދެވިދާނެ ހުނަރުތަކެކެވެ. މިސާލަކަށް ސައިންސްގެ މާއްދާގެ މޮލިކުލްސް ފިލާވަޅު ކިޔަވައިދޭއިރު ކެމިކަލް ރިއެކްޝަން، އެއް އެޓޮމް އަނެއް އެޓޮމްއާ ގުޅިގެންދާ ގޮތް ކިޔަވައިދެވެއެވެ. މިފަދަ ފިލާވަޅެއްގައި ދަރިވަރުންނާއި ދެކެވޭ ވާހަކައިގައި ރަނގަޅު ޕާރޓްނާޝިޕް ނުވަތަ ގުޅުން ބިނާވާ ގޮތް، ދެމެހެއްޓޭ ގޮތް ފަދަ މައުޟޫޢުތަކަށް އަލި އަޅުވާލެވިދާނެއެވެ. އެފަދަ ކަންކަމަށް އިޝާރާތްކޮށް ވާހަކަ ދައްކާއިރު ދިރިއުޅުމުގައި ވެސް ގުޅުންތައް ދެމެހެއްޓުމުގައި ބަލަން ޖެހޭ ކަންތައްތަކާއި އުސޫލުތައް އޮންނަކަން ވާހަކަ ތެރެއިން ގެނެވިދާނެއެވެ. މިފަދަ އެހެން މިސާލަކީ ހިސްޓްރީ ފަދަ މާއްދާތައް ކިޔަވައިދޭއިރު ހިނގާފައިވާ ތަފާތު ހާދިސާތަކާއި ދިމާވާފައި ހުންނަ މައްސަލަތައް ކިޔައިދޭއިރު ވާހަކައިގައި އެފަދަ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމެވެ. މި ޚިޔާލުގައި އެންމެ ބޮޑަށް އިޝާރާތްކުރެވެނީ ކޮންމެ މާއްދާއެއްގައި ވެސް މިފަދަގޮތްގޮތަށް ގުޅުވައިލެވިދާނެ ބައިވަރުކަންކަން ހުންނާނެ ކަމެވެ.
- މައްސަލަ ހައްލުކުރުމުގެ ތެރެއަށް ދަރިވަރުން ހޭނުވުން: ކިޔަވައިދޭއިރު ތަފާތު ޕްރޮޖެކްޓްތަކާއި މައްސަލަތައް މެދުވެރިކޮށް ދަރިވަރުންނަށް ހަގީގީ ކަންކަން ފަދަ ކަންކަމާ ގުޅުވައިގެން ކިޔަވައިދިނުން ފަރުމާކުރުމަކީ ދަރިވަރުންގެ ނަފުސާނީ ތޫނުފިލިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާކަމެކެވެ. މިސާލަކަށް އެންމެ ޅަ ޢުމުރުގެ ޕްރީސްކޫލުގެ ދަރިވަރުންގެ ތެރެއިން އެކުދިންގެ 'ޓާރން' ޖެހެންދެން މަޑު ކުރަން އުދަނގޫ ކުދިން ވަރަށް ދިމާވެއެވެ. އެފަދަ ކުލާހެއްގައި ދަރިވަރުންނަށް އެކަމުގައި ކަންކުރާނެ ގޮތާ ބެހޭ ގޮތުން ވާހަކަދެއްކިދާނެއެވެ. އަދި އެ ކުދިންގެ އަމިއްލަ ޚިޔާލުތަކަށް ޖާގަދެވޭ ގޮތަށް މުދައްރިސު ސުވާލުކޮށް ހެދުމުން މައްސަލަ ހައްލުކުރުމުގެ ވިސްނުން ތަރައްގީކުރަން ފަސޭހަވެއެވެ.
- ކަންކަން ނިންމުމުގައި ދެމިހުރުމާއި ޢަޒުމު ވަރުގަދަވުން: މިކަމަކީ ޚާއްޞަކޮށް ކުދިން ވަކިކަމެއް ނިންމުމުގެ ޝައުގުވެރިކަން ހުރުމާ އެކު ކަމެއް ނިމެންދެން ދެމިހުރުމުގައި އަމިއްލަ ނަފުސު މެނޭޖުކުރުން ވަރަށް ބޮޑަށް ގުޅިގެންދާ ކަމެކެވެ. މިފަދަ ކަންކަމަކީ ދަރިވަރުން ވަރަށް ބޮޑަށް ތަމުރީނުކުރަން ޖެހޭކަމެކެވެ. އެހެން ނޫންނަމަ ހާސިލުކުރަން ބޭނުންވާ ގޯލްތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެމިހުރުމަށް ދަތިވާނެއެވެ. މިކަމަކީ ސްކޫލުގެ ކިލާހުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ މުހިންމު އެއްކަމެވެ. ކާމިޔާބާއި ހިސާބަށް ދެވެނީ ވަރަށް ގިނަ ގުރުބާނީތައް ވެގެންކަން އެގުރުބާނީތައް ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އަމިއްލަ ސިކުނޑި، އަމިއްލައަށް ކަންކަން މެނޭޖުކޮށް ކޮންޓްރޯލު ކޮށްގެންކަން، ބުރަމަސައްކަތާއި މިންނަތުންކަން ދަރިވަރުންނަށް ގިނަގިނައިން ހަދާންކޮށްދީ ވާހަކަ ދެއްކުމަކީ މިކަމަށް އެހީތެރިވެދޭނެ ގޮތްތަކެވެ. ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރެއްގެ ފެންވަރުން ހިތްވަރުދީ ތަރުހީބުދީ ހެދުމުގެ ތެރެއިންނާއި ލިބޭ ކުދިކުދި ކާމިޔާބުތައް ވެސް ފާހަގަކޮށް ހެދުމުގެ ތެރެއިން ހުރިހާ ކުދިންގެ ވެސް ނަފުސާނީ ތޫނުފިލިކަން ތަރައްގީ ކުރުމަށް އެހީތެރިވެދޭނެއެވެ. މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވޭކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ވަރަށް ގިނަ ކުދިންނަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ ރޫހު ހުންނަ ކުދިންނެވެ.
- ނަމޫނާ ދައްކާ އެފަދަ ނަމޫނާތަކަށް އިހުތިރާމު ކުރަން ދަސްކޮށްދިނުން: ދިރިއުޅުމުގައި ދަސްކުރަންޖެހޭ ނަފުސާނީ ތޫނުފިލިކަމުގެ އެންމެ މުހިންމު އެއްބަޔަކީ އެހެން މީހުންނާ އެކު ދިރިއުޅެން އެނގުމާއި އެހެން މީހުންނަށް އިހުތިރާމުކޮށް ޢާއްމު އިޖުތިމާޢީ ސުލޫކީ މިންގަނޑުތަކަށް ތަބާވެ މުޢާމަލާތު ކުރަން އެނގުމާއި މިފަދަ ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރުމެވެ. މިހާރު މިޒަމާނުގައި މިކަންކަން ދަސްކޮށްދިނުމަކީ އަދި މާބޮޑަށް ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ. ސަބަބަކީ ޒަމާން ބަދަލުވަމުން އައިސް އިހުތިރާމު ކުރުމުގެ މާނަ ވެސް މިވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. މިހާރު ޒަމާނީ އުސޫލުތަކަށް ބަލާއިރު ވާހަކަ ދެއްކުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ކަންކަމަކީ ބައެއް ފަހަރު މުޖުތަމަޢު ތެރޭގައި، އޭގެ ނޭދެވޭ އަސަރު ވެސް ކުރަމުން ދާ ކަންކަމެވެ. މިފަދަ ހާލަތެއްގައި، ސްކޫލުން ދަރިވަރުންނަށް ދަސްކޮށްދިނުން އެންމެ މުހިންމު އެއްކަމަކީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމުކުރުމާއި، ތަފާތުތައް ބަލައިގަތުމާއި، ވާހަކަ ދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބު އަޚުލާގާއި، އެކި ކުދިންގެ ކަންކަން ރިޢާޔަތްކޮށްގެން ތަފާތުތައް ބަލައިގަންނާނެ ގޮތާމެދު ހޭލުންތެރި ކުރުވުމެވެ. މިއީ ދަރިވަރުން މަދަރުސީ ނިޒާމު ނިންމާ މުޖުތަމަޢުގެ ތެރެއަށް ނުކުންނަ އިރު ހުރުން ލާޒިމު ސިފަތަކެވެ.
- ކަންކަމަށް ފަސޭހައިން ހޭނެން އެނގުން: މިއީ މިޒަމާނުގައި ވަކިން ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުން މުހިންމު ސިފައަކަށް ވެއެވެ. ސަބަބަކީ ދުނިޔޭގެ ހާލަތު ބަދަލުވަމުންދާލެއް ހަލުއިވެ، ދިމާވާ ކަންތަކާއި ، މައްސަލަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވަމުންދާއިރު ކަންކަމުގައި ފަސޭހައިން ގޮތް ހުސްވެ ހަދާނެ ގޮތް ބޮޑުވާނަމަ ދިރިއުޅުމުގައި ކުދިން އެތަށް އުދަނގޫތަކަކާ ކުރިމަތި ލާންޖެހިދާނެއެވެ. ކަންކަމަށް ފަސޭހައިން ހޭނޭ ކުދިންނަށް މީހުންދައްކާ ވާހަކަ ތަފާތު ވީނަމަ ވެސް ބަލައިގަންނަން ފަސޭހަވެ، އެއިން ކުއްޖާގެ ޢާއްމު ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރެވޭނެއެވެ. މިފަދަ ސިފަތަކަކީ ޚާއްޞަކޮށް މިޒަމާނުގެ ސްކޫލުތެރޭގައި، ދަރިވަރުންނަށް ކޮންމެ ހެން ވެސް ތަމުރީނު ލިބިދޭން ޖެހޭ ސިފަތަކެވެ. ސަބަބަކީ ބުލީ/ގަނާކުރުންފަދަ ކަންތައް މިހާރު ޢާއްމުވަމުން ދާއިރު، އެފަދަ ކަންކަމާ ކުރިމަތިލާން އެނގި އެއިން ކުރާ އަސަރު ކުޑަކުރެވޭނީ ކުއްޖާގެ ކިބައިގައި ހުންނަ ރެސިލެއެންސް ނުވަތަ ކަންކަމުގައި ކުރިމަތިލުމުގެ ގާބިލުކަމަށް ހޭނިގެންނެވެ. ކޮންމެ ކަމެއް ދިމާވުމުން ނުވަތަ ކުއްޖަކު ނޭދެވޭ އެއްޗެއް ބުނާ އަޑު އިވުމުން އެއާމެދު ހަދާނެ ގޮތް ނޭނގޭނަމަ އެއިން ކުރާ ނޭދެވޭ ނަފުސާނީ އަސަރުތައް މުޅިދިރިއުޅުމަށް ކުރަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްވެދިޔަ ތަފާތު ޚިޔާލުތަކަށް ނަޒަރު ހިންގާލާއިރު، އިމޯޝަނަލް އިންޓެލިޖެންސަކީ ދަސްކޮށްދެވޭ، ތަމުރީނުކުރެވޭ، ހޭނުވޭ، ކުރިއެރުވޭ ތޫނުފިލިކަމުގެ ވައްތަރެއްކަން ހާމަވެއެވެ. މިގޮތަށް ލިޔެވޭ ކޮންމެ ޚިޔާލަކީ މުޅިއަކުން އާ ޚިޔާލުތަކަކަށް ނުވި ނަމަވެސް މިފަދަ ކަންކަމަށް ރިޢާޔަތްކޮށްގެން އުނގެނުމާއި އުނގަންނާދިނުން ރޭވުމަކީ އަޅުގަނޑުމެން މަދަރުސީ ތަޢުލީމު ހަރުދަނާ ކުރެވޭނެ ކަންކަމެވެ. އަދި އޭގެ އިތުރުން ދަރިވަރުންގެ ކުރިއެރުން އިތުރު ކުރެވި މުޖުތަމަޢުގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ރޭވިދާނެ ގޮތްތަކެވެ. މިފަދަ ކޮންމެ ޚިޔާލެއް ރިވެލިކޮށް، ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް އަންނަން އޮތް ޖީލުތަކަށް ފައިދާ ކުރަނިވި ގޮތްތައް ހޯދުމަކީ މުދައްރިސުންގެ އަތްމަތީގައި އޮތްކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މުދައްރިސުންނަކީ އަބަދުވެސް ދުޅަހޮޔޮ ޖީލެއް ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަޒާހަތްތެރިކަމާއެކު އަދާކުރާ ބަޔަކަށް ވުމެވެ.