އާފިކުރުތަކާއެކު ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނަން: ޔޫތު މިނިސްޓަރ

އެކިދާއިރާތަކުން އައު ފިކުރުތަކާއެކު ކުރިއަށްދާން ބޭނުންވާ ޒުވާނުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ދެއްވައިފިއެވެ. ޔޫތު މިނިސްޓަރ މިޔަޤީންކަން ދެއްވައިފައި ވަނީ ޒުވާނުންގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

މިނިސްޓަރ މަހްލޫފު ވިދާޅު ޤައުމުގައި ތިބި ހުރިހާ ޒުވާނުންނާ ވަކި ވަކިން އެމަނިކުފާނަށް ބައްދަލުކުރެއްވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަމަށެވެ. ނަމަވެސް އެކި ދާއިރާތަކުން އާވިސްނުންތަކާއި އާފިކުރުތަކާއި އާޚިޔާލުތަކާއެކު ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މަގުތަށް ކޮށައި ދިނުމުގައި މިހާރެކޭވެސް އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"ރަސްމީކޮށް ވިއަސް ނުރަސްމީކޮށް ވިއަސް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއަސް މިހާރެކޭ އެއްގޮތަށް ތިބޭފުޅުން އަޅުގަޑަށް އެޕްރޯޗްކުރައްވަމުން ގެންދަވާ، ހަމަ ގައިމުވެސް އަޅުގަޑަށް ވީވަރަކުން ވަގުތު ދޭނަން." ޔޫތު މިނިސްޓަރ މަހްލޫފު ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރާއިރު އެއްވެސް ބިރެއްނެތި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ޒުވާނުންނަށް އޮތްކަން ފަޚުރުވެރިކަމާއެކު ފާހަގަ ކުރައްވާކަމަށް މިނިސްޓަރ މަހްލޫފު ވިދާޅުވިއެވެ. ކަންކަން ރަނގަޅު ކުރުމަށް ޒުވާނުންގެ ޚިޔާލާއި ފާޑުކިޔުން އުފަލާއެކު ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޚިޔާލު ފާޅުކުރެއްވުމާއެކު ކަންކަމުގެ ހައްލު ދައްކައި ދިނުމަށް ވެސް ޒުވާނުންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ޔޫތު މިނިސްޓަރ މަޙްލޫފު ވިދާޅުވީ ކަންކަން ހާސިލްކުރުމުގައި ބޭނުންވާ މަންޒިލަށް ވާޞިލްވުމުގައި ގިނަ ގޮންޖެހުންތަކާއި ދަތި އުދަނގޫތަކެއް ކުރިމަތިވެދާނެކަމަށެވެ. ނަމަވެސް އެހެން ދިމާވާ ދަތިއުދަނގޫތައް ގިރާކޮށް ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ކޮންމެ ޒުވާނަކުވެސް ޢަޒުމް ކަނޑައެޅުއްވުމަށް ގޮވާލެއްވިއެވެ. ހިތްވަރާއި ނުގުޑާފަދަ ޢަޒުމަކާއެކު މަސައްކަތް ކޮށްފިނަމަ ވަކި ގިންތިއެއް ފަންތިއެއް ނެތި ހުރިހާ ޒުވާނުންނަށް އެފުރުޞަތު އޮންނާނެކަމަށް އަމިއްލަ ފުޅު ތަޖުރިބާގެ ޢަލީގައި އެންމެހާ ޒުވާނުންނަށް ޔަޤީންކޮށްދެއްވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކުށްކުރުމާއި ވިޔަނުދާ އާދަތަކުން ދުރުވެ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ވުމަށް އެންމެހާ ޒުވާނުން އަޒުމު ކަނޑައެޅުއްވުމަށްވެސް ޔޫތު މިނިސްޓަރ ގޮވާލެއްވިއެވެ.

ޔޫތު މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ އަންހެނުންނާއި ފިރިހެނުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ބާއްވަވާ ބައްދަލުވުންތަކުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަންފާހަގަ ކުރައްވައި އެކަމުގެ ކަންބޮޑުވުން ކުރިއެކޭ އެއް ގޮތަށް ފާހަގަކުރެއްވިއެވެ. ޖިންސުގެ ތަފާތު ކުރުމެއްނެތި، ތައުލީމާއި ކުޅިވަރު ކުރިއެރުވުމަށް، ކުރީގެ އެއްވެސް ސަރުކާރަކުން ނުވާ ވަރަށް މިސަރުކާރުން ހޭދަކުރަމުންދާކަމަށް ވެސް މިނިސްޓަރ މަހްލޫފު ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.