އަންނައަހަރުގެ ދައުލަތުގެ ބަޖެޓު މި މަހު 31 ގައި ހުށަހަޅަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން އަންނައަހަރަށް ލަފާކުރައްވާ ބަޖެޓު މި އޮކްޓޯބަރ މަހުގެ 31 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ދައުލަތުގެ މީޑިއާއަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިމޭނެކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ގުޅޭ މަޝްވަރާތައް ކަމަށެވެ.

" ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީ އާއި އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތް މިހާރުކުރަމުންދަނީ." ޝަރުވަޝް ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅާފައިވަނީ 36 ބިލިއަން ރުފިޔާގެ ބަޖެޓެއްނަމަވެސް މަޖިލީހުގެ ކޮމިޓީން ވަނީ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓަށް އިތުރުކުރީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އެވެ.

މިއާއެކު މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.