
ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމަކީ، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ރިވެތި ދިވެހި ސިފައެއްކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ މާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް މިޖީލުގެ ޒުވާނުންނަށް ހޯމް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. ހޯމް މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ޓުވިޓަރު މެދުވެރިކުރައްވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ފާހަގަ ކުރެއްވިއެވެ. އަދި މުޖުތަމައުގެ ބަދަހިކަމާއި އުފާފަގަތިކަމާއި އޯގާތެރިކަން އިތުރުކޮށްދޭނެ ކަމެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަދި މިއަހަރުގެ ދަރުމަވެރިންގެ ދުވަހުގެ ޝިއާރުގައިވާ ފަދައިން އެންމެން އެކުގައި ކާމިޔާބާއި ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލްކޮށްދޭނެ ކަމެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހި ރާއްޖެ އަމާން، އުފާވެރި އައްސޭރިއަކަށް ވާސިލުވުމަށް މުހިންމު ކަމެއްކަމަށް ހޯމް މިނިސްޓަރު ޢިމްރާން ފާހަގަކުރެއްވިއެވެ.
"ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށްޓަކައި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް. އެގޮތުން އަމިއްލަ އެދުމުން އެއްކިބާވެ، އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއް ކޮށްދިނުމަކީ އަމިއްލަ އުފަލެއްކަމުގައި ހަދަމާތޯ." ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.