ނޭކުރެންދޫ ޖަލާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާ މަޖިލީހުގައި މިއަދު ސުވާލުކުރައްވަނީ

ނޭކުރެންދޫ ޖަލުގެ މައްސައްކަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާ މަޖިލީހުގައި މިއަދު ސުވާލުކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާ ސުވާލުކުރައްވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއެވެ. މެމްބަރ ކުރައްވާ ސުވާލުގައި ވިދާޅުވަނީ މިއަހަރުގެ ބަޖެޓުގައި ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެންދިއުމަށް 1.7 މިލިއަން ރުފިޔާ ޖަހައިފައުވާ ކަމަށެވެ. އެހެންކަމުން ޖަލުގެ ޢަމަލީ މަސައްކަތް ފެށޭނީ މި އަހަރުގެ ކޮން ތާރީޚެއްގައިތޯއެވެ.؟ އަދި ބަޖެޓުކުރެވުނު ޢަދަދުގައިވާގޮތަށް ޖަލުގެ ފުރަތަމަ ފޭސް ނިންމާލެވޭނެ ތާރީޚަކީ ކޮބައިތޯއެވެ؟ ކުރިން ވެސް މެމްބަރ ރާއީ ވަނީ ނޭކުރެންދޫ ޖަލާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ. އޭރު ހޯމް މިނިސްޓަރ ޢިމްރާންވިދާޅުވީ މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށްވުމުން ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

ނޭކުރެންދޫ ޖަލު އެޅުމަށްޓަކައި އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓާ (އީ.އައި.އޭ )އާއި ސޯޝަލް އިންޕެކްޓް އެސެސްމެންޓް (އެސް.އައި.އޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން މިހާރު ވަނީ އިޢުލާން ކޮށްފައެވެ. މިއީ މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އެމިނިސްޓްރީން މިއަހަރު އިޢްލާންކުރި ތިންވަނަ ފަހަރެވެ.

ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވެވަޑައިގެންނެވީ 2011 ވަނަ އަހަރު ރައީސް ނަޝީދެވެ. އެވަޢު މިހާރުގެ ސަރުކާރުން ވަނީ އާކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.