
ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި އަތްފޯރާފަށުގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ފޭސްބުކް މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައެވެ. ރައްކާތެރި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި އަތްފޯރާ ފަށުގައި ހުރުމަކީ، ވަކިން ޚާއްޞަކޮށް ފުދުންތެރިކަން ކުޑަ މުޖުތަމަޢުތަކުގައި ދިރިއޫޅޭ ފަރާތްތައް، ކޯވިޑްގެ ބަލިމަޑުކަމުން ކުރާ އަސަރު ކުޑަކުރުމަށް ވެސް އެހާމެ މުހިންމުކަމެއްކަމަށް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ.
"ކާބޯތަކެއްޗަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ އިތުރުން ސަޤާފީ އަދި އިޖްތިމާޢީ ކަމެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިއަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރަމުން ދަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭ ހިތްދަތި ދަނޑިވަޅެއްގައިކަން މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ. މިފަދަ ޙާލެއްތެއްގައި ވެސް ރާއްޖޭގެ ދަނޑުވެރިން ދަނޑުވެރިކަންކުރުމުގައި ސާބިތުވެ ތިބުމަކީ ލިބިވަވަޑައިގެންނެވި ވަރަށްބޮޑު އުފަލެއްކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
"ކާބޯތަކެތީގެ ނިޒާމުގައި ޙަރަކާތްތެރިވާ ހީވާގި ބަޠަލުން. އެއީ މަސްވެރިންނާއި ދަނަޑުވެރިންނާއި ފަޅުގޮވާންކުރާ ފަރާތްތަކާއި އެކި ގޮތްގޮތުން މިމަސައްކަތުގައި ޝާމިލްވާ ފަރާތްތައް. އެއީ، އެބައެއްގެ މަސައަކަތުން މިދަނޑިވަޅުގައި ވެސް އަޅުގަނޑުމެންނަށް މެދުކެނޑުމެއްނެތި ކާބޯތަކެތި ކަށަވަރުކޮށްދެމުންދާ ފަރާތައް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ.