ޖީއެފްއޭގައި މިނިސްޓަރ ޒަހާ ބައިވެރިވެ ވަޑައިގެންފި

ޖަރުމަނުވިލާތުގައިބޭއްވި  ގްލޯބަލް ފޯރަމް ފޯރ ފުޑް އެންޑް އެގްރިކަލްޗަރ (ޖީއެފްއެފްއޭ) ގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ބައްދަލުވުން ބޭއްވީ މިމަހު 16 އިން 20 އަށް ޖަރުމަނުވިލާތުގެ ބާލިންގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި އެ މިނިސްޓްރީގެ ސީނިއާ އެގުރިކަލްޗަރަލް އޮފިސަރު ގާސިތު މުހައްމަދު ބައިވެރިވިއެވެ.

ޖީއެފްއެފްއޭ އަކީ ކޮންމެ އަހަރަކުވެސް ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގައި، އެ ވަގުތެއްގައި ދިމާވެފައި ބޮޑެތި ގޮންޖެހުންތަކާއިމެދު ވީހާވެސް ގިނަ ޤައުމުތައް ހިމެނޭގޮތައް، ވަޒީރުންގެ ފެންވަރުގައި ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ފާއިތުވި 10 އަހަރުވެސް މިފޯރަމްގެ ކަންތައްތައް އިސްވެ ރާވާ އިންތިޒާމުކޮށްފައިވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ އޮފް ފުޑް އެންޑް އެގްރިކަލްޗަރ އިންނެވެ.

މި ބައްދަލުވުމުގައި ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ވިޔާފާރީގެ މުޢާހަދާތަކާއި ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ 'ޓްރޭޑް އެގްރިމަންޓްސް' ނުވަތަ ވިޔާފާރީގެ އެއްބަސްވުންތައް ހަމަހަމަކޮށް ހަރުދަނާކުރުމުގެ މަޝްވަރާތައްވަނީ ކޮށްފައެވެ. މީގެ އިތުރުން، މިފޯރަމްގެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި، ޤައުމުތައް އެއްމިސްރާބަކަށް މަސައްކަތްކުރުމަށްޓަކައި މި ފޯރަމްގެ ބައިވެރިވި ޤައުމުތައް ބޭނުންވާ މައިގަނޑު ނުކުތާތައް ހިމެނޭގޮތައް ތައްޔާރުކުރެވި ފައިނަލްކުރެވުނު 'ކަރުދާސް' ނުވަތަ 'ކޮމިއުނިކޭ' ވެސް ހުށަހެޅުއްވިއެވެ. މިކަރުދާސް ފައިނަލް ކުރުމުގައި ރާއްޖެއިން ބޭނުންވާ ކަންތައްތައް ވެސް ހިމެނިފައިވޭތޯ ވަނީ ބެލިފައެވެ. އަދި މިފަހަރުގެ މިދަތުރަކީ މިފޯރަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ދެވަނަފަހަރެވެ.

މި ފޯރަމްގައި 70 ޤައުމެއްގެ ވަޒީރުންގެ އިތުރުން، އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ، އެފް.އޭ.އޯ އާއި އ.ދ ގެ ވިޔާފާރިއާއިބެހޭ ޖަމިއްޔާ ޑަބްލިއު.ޓީ.އޯ އިންވެސް ބައިވެރިވިއެވެ.

މިފޯރަމުގައި އެފް.އޭ.އޯ އިން އިންތިޒާމްކުރެއްވި 'ހައިލެވެލް ޕެނަލް ޑިސްކަޝަން އޮން ހާނެސިންގ ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓައިނަބަލް ނިއުޓްރިޝަން' ސެޝަންގެ ޕެނަލިސްޓެއްގެ ޙައިސިއްޔަތުން މިނިސްޓަރ، ޒަހާ ވަޙީދުވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފުޑް އެންޑް ނިއުޓްރިޝަނަލް ސެކިއުރިޓީ ޙާސިލްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކަންތައްތައް ހައްލުކުރުމަށް ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އަދި މިކަމުގައި އެހެން ޤައުމުތަކާއެކު ވެފައިވާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ދިވެހިރާއްޖެ ފަދަ ކުދި އަދި މެދު ފަންތީގެ ޤައުމުތައް ވިޔަފާރީގައި ބައިވެރިވެވޭ މިންވަރު އިތުރުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްސާކުރެވި އެކަންތައްތައް ޙައްލުކުރާނެ ގޮތުގެ ވާހަކަތައް ކުރިއަށް ގެންދެވި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ބައިވެރިވި ދިވެހިރާއްޖޭގެ ޑެލިގޭޝަން ވަނީ، މިފޯރަމާއި ވިދިގެން، ބާރލިންގައި ފެށިގެންދިޔަ 'އިންޓަރނޭޝަނަލް ގްރީން ވީކް' ނުވަތަ އައި.ޖީ.ޑަބްލިއު 2020 ގެ ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ. އައި.ޖީ.ޑަބްލިއު އަކީ 90 އަށްވުރެ ގިނަ އަހަރުވެފައިވާ ތާރީޚެއް އޮންނަ ހަރަކާތެކެވެ. މިހަރަކާތުގައި އެކި ޤައުމުތަކުގައި އުފައްދާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް ދައްކާލުމާއި، މިދާއިރާތަކާއި ގުޅުންހުރި ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޙިއްސާކުރެވޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެކި ސްޓޯލް ތަކަށް ޒިޔާރަތްކޮށް، ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރެވުނު ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިފޯރަމުގެ ޙަވާސާގެ ބޭރުން ޖަރުމަންވިލާތުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރިކުރައްވާ ފަރާތްތަކާއި އަދި މިދެދާއިރާގެ ޕްރޮޖެކްޓްތައް ހިންގަވާ ބައެއް ފަރާތްތަކާއި ބައްދަލުކުރެވުނެވެ. މި ބައްދަލުކުރެއްވުން ތަކުގައި މައިގަނޑުކޮށް ރާއްޖެއަށް މިވަގުތު އެންމެ މުހިންމުވާ ކަންތައްތަކުގެ ވާހަކަ ޙިއްސާކުރެވުނެވެ. އަދި މިދެދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.