ރަށްރަށުގެ ފަޅަކީ ވެސް ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅެންޖެހޭ: ޕްލޭނިން މިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގެ ފަޅަކީ ވެސް ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅެންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބިނާވެށި ޕްލޭނާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްރަށުގެ ފަޅަކީ ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމުން ބިމުގެ މުއްސަނދިކަން މިހާރަށް ވުރެ އިތުރުވެގެން ދާނެކަމަށެވެ. އަދި މިކަމިގެ ސަބަބުން ރަށުގެ ބިން ހިއްކުމަށް އޮންނަ ޑިމާންޑްވެސް ކޮންމެވެސް ވަރަށް ކުޑަވާނެކަމަށެވެ.

މިހާރު ރާއްޖޭގެ ހުރި ހުރިހާ ރަށެއް އެއްކޮށް ލުމުން ބިމުގެ ގޮތުގައި އޮތީ 600 އަކަ ކިލޯމީޓަރުކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ހިކިފަސް ނޫން ހިސާބުގައި ވެސް ރާއްޖޭގެ ބިން އޮތްކަން ފާހަގަ ކުރައްވައި ރަށްރަށާއި ގުޅިފައިވާ ފަޅަކީވެސް ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅެން ޖެހޭކަން ފާހަގަ ކުރެއްވިއެވެ. މިހާތަނަށް ރަށްރަށާ ގުޅިފައިވާ ފަޅަކީ ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅިފައި ނުވާކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއީ ރާއްޖޭގެ އަގު ބޮޑު ބިމެއްކަން މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުގެ ވިސްނުމުގައި ހުރި ގޮތަކީ ރަށަކާ ގުޅިފައިވާ ބިމެއް، ވަކި ވަރަކަށް ފުންނުވާ، ވަކިވަރަކަށްވުރެ ތިލަ ކޮންމެ ބިމަކީ ވެސް ބިމުގެ ގޮތުގައި ކަނޑައެޅުން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އޯވަރ ވޯޓަރ ލިވިން" ނުވަތަ ފަޅުގައި ގެދޮރު އަޅައިގެން ދިރިއުޅުމަކީ ކުރިންވެސް މިނިސްޓަރ އަސްލަމް އެވާހަކަ ދައްކަވައިގެން ވަރަށްބޮޑު ފާޑު ކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވި ކަމެއްކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލު ތަކާއެކު މިފަދަ ކަންކަން އަންނަޖެހޭކަމަށެވެ. އެހެންކަމުން އެކަމަކީ އެމަނިކުފާނު ދޫކޮށްލައްވައިފައިވާ ވިސްނުންފުޅެއް ނޫންކަމަށް ވިދާޅުވިއެވެ. އެވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ ރަށެއްގެ ކޮންސެޕްޓެއްވެސް ތައްޔާރުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކޮންސެޕްޓްގެ ތަފްސީލް ހާމައެއް ނުކުރައްވައެވެ. އެކަމަކީ މިހާރު ތަފާތު ސައިންޓިފިކް ޕޭޕަރުތައްވެސް އެކުލަވާލެވި އެކަމުގެ ޓެކްނޮލޮޖީވެސް ހުރިކަންކަން ކަމަށް ފާހަގަ ކުރެވިއެވެ. އެހެންކަމުން އޯވަރ ވޯޓަރ ލިވިން އަކީ ރާއްޖޭގައި ނުކުރެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ރަށްރަށުގެ ފަޅުތައް ބިމުގެ ގޮތުގައި ކަނޑައެޅުމުން ޓެކްސް ކުރެވޭނެ ބިންތައްވެސް ކަނޑައަޅަން ޖެހޭ އިރު އެކަމަށް ވެސް ބިނާވެށި ޕްލޭނާބެހޭ ބިލުން ހައްލު ހޯއްދަވައިދެއްވަން ޖެހޭނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.