419 ގަޑިއިރުގެ މަސައްކަތަށްފަހު މަޖިލީހުގެ ފަހު ދައުރު ނިންމާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

419 ގަޑިއިރުގެ މަސައްކަތަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލައިފިއެވެ.

މިދައުރުގެ އެންމެ ފަހު ޖަލްސާ ނިންމާ ލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވަނީ ނިމިދިޔަ ދައުރުގެ މަސައްކަތްތަކާ ގުޅޭ ތަފާސް ހިސާބުތަކުގެ ހުލާސާ އެއް ދެއްވައިފއެވެ. މިތަފާސް ހިސާބު ތަކުގައިވާ ގޮތުން މަޖިލީހުގެ ކޮމެޓީތަކާއި ޖަލްސާތަކުގައި މެމްބަރުން 419 ގަޑިއިރު ހޭދަކޮށްފައިވާއިރު ހަމައެކަނި ޖަލްސާތަކުގައުވެސް 89 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ. އަދި ކޮމެޓީތަކުގެ މަސައްކަތުގައި  330 ގަޑިއިރު ހޭދަކޮށްފައިވެއެވެ.

ފަހު ދައުރުގައި 15 ބިލެއްގެ މަސައްކަތް ނިންމައި ފާސްކޮށްފައިވާއިރު ސަރުކާރުން ހުށަހެޅި އަށް މައްސަލައާއި ރިޔާސަތުން ހުށަހެޅި އަށް މައްސަލައެއް ވެސް ވަނީ ނިންމައިފައެވެ. އެހެނިހެން މައްސަލަތަކާ ގުޅޭ 14 ކަމެއްވެސް ކޮމެޓީތަކުން ވަނީ ނިންމަވައިފައެވެ. ވަޒިރުންނާ17 ސުވާލެއްވެސް ވަނީ ކޮށްފައެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުން ފާސްކުރި މުހިންމު ބިލްތަކުގެ ތެރޭގައި ތައުލީމުގެ ބިލާއި، ފުލުހުންގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލް މަޖިލީހުގެ ނާއިބްރައީސް ފާހަގަ ކުރެއްވިއެވެ.  

ކޮމެޓީން ކުރި މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ މުހިންމު މަސައްކަތްތަކެއް ހިމެނޭކަން މަޖިލީހުގެ ނާއިބްރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ މައްސަލައާއި އެނޫން ވެސް ބައެއް މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ނިމިދިޔަ ދައުރުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ މަސައްކަތްވެސް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތްތައް ނިންމާލައިފައި ވަނީ އިތުރު ހަތް ދުވަސް ދައުރަށް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްގެނެވެ. ގަވާއިދުގައިވާގޮތުން މަޖިލީހުގެ ފަހު ދައުރު ނޮވެމްބަރުގެ ނިޔަލަށް ނިމެނެއެވެ. ނަމަވެސް މަޖިލީހުން ފާސްކުރީ ޑިސެމްބަރު ހަތެއްގެ ނިޔަލަށް ދައުރު ދިގު ދަންމާލުމަށެވެ. އިތުރު ކުރި މުއްދަތުގައި މަޖިލީހުން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ނިންމައިފައެވެ. ދައުރު ދިގު ދަންމައިލައިގެން މަސައްކަތް ކުރުމަކީ 19 ވަނަ މަޖިލީހުން ކޮންމެ ދައުރެއްގައިވެސް މަސައްކަތްކުރަމުން އަންނަ ގޮތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.