
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރާއްޖޭގެ ބައެއް ކައުންސިލް ތަކުގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
އެމަނިކުފާނު ބައްދަލު ކުރެއްވީ މިވަގުތު މާލޭގައި ތިބި ކައުންސިލަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަވެ ވަޑައިގަންނަވާ ކައުންސިލަރުންނާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މާބްލް ހޮޓަލުގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އައްޑޫސިޓީ ކައުސިލްގެ މެމްބަރު ޖަމްޝީދާ މުޙައްމަދު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވައިފައިވަނީ ކައުންސިލްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ޙައްލު ހޯދުމާބެހޭ ގޮތުން ކަމަށެވެ.
ބައްދަލުވުމަށްފަހު ރައީސް ނަޝީދު ވަނީ އޭގައި ބައިވެރިވެ ވަޑައިގެންނެވި އަންހެން ކައުންސިލަރުންނާއެކު ފޮޓޯއެއް ނަންގަވައިފައެވެ.
ތިން އަހަރެއްހާ ދުވަހު ރާއްޖޭއިން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ ނޮވެމްބަރު 1 ގައެވެ. ރާއްޖެ ވަޑައިގެން އެމަނިކުފާނު ގެންދަވަނީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.