އައްޑުއާއި ހުވަދުއާ ދެމެދު ސީޕްލޭންގެ ދަތުރުތައް، ދޮޅުމަސްދުވަހުގެ ތެރޭގައި ފެށޭނެ: އިކޮނޮމިކް މިނިސްޓަރ

އައްޑުއާއި ހުވަދުއާ ދެމެދު ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސް ވުމުގައި އައިލެންޑް އޭވިއޭޝަނާއި އައްޑޫ އިންޓަރނޭޝަން އެއާޕޯޓް ކޮމްޕެނީއާއި ދެމެދު ސޮއިކޮށްފިއެވެ. 

މިއެއްބަސް ވުމުގައި ދެ ކުންފުނީގެ ދެމެދުގައި ސޮއިކުރެވުނީ މިއަދު ހެނދުނު އައްޑޫ  އިންޓަނޭޝަނަލް  އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތަކުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ދެކުންފުނީގެ މެނޭޖިންޑިރެކްޓަރުންނެވެ.  

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން ކުރަމުން ދަނީ ހަމައެކަނި ފޮޓޯއެއް ނަގާލަން ނޫންކަމަށެވެ. ފައްޔާޒު ވިދާޅުވީ ބައެއް ކަހަލަ މަރާމާތުގެ މަސައްކަތްތަކާއި އެނޫންވެސް ތައްޔާރީތަކަށްފަހު ދޮޅުމަސް ދުވަހުގެތެރޭގައި ޚިދުމަތް ފެށޭނެކަމަށެވެ. ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމުގެ ބޭނުމަކީ، މިމެސެޖް މާކެޓަށް ފޯރުކޮށްދެއްވުންކަމަށެވެ. 

"އިންވެސްޓް ކުރައްވަން ތިބި ފަރާތްތަކާއި ބޭރުގެ ފަރާތްތަކާއި އެއަރލައިންތަކާއި ހުވަދޫގެ ރިސޯޓްތަކަށް، ޔަޤީންކަން ދޭން ބޭނުންވޭ، މިޚިދުމަތް މިފެށެނީކަން. ދޮޅުމަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އައްޑޫއާއި ހުވަދުއާއި ދޭތެރޭގައި ކޮންމެ ދުވަހަކު ސީޕްލޭންގެ ދަތުރުތައް ކުރަމުންދާނެކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. 

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ މިޚިދުމަތް ފެށުމުގައި ދެކުންފުނިންވެސް ވިސްނީ ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތް ދެވޭނީ ކިހިނެއްތޯކަމަށެވެ. އެގޮތުން ދެކުންފުންޏަށް ވެސް ވީޙާވެސް ބުރަބޮޑު ނުވާނެގޮތަކަށް ޚިދުމަތް ކުރިއަށް ގެންދެވުމަށް ނިންމައިފައިވާކަމަށެވެ. ނަމަވެސް ފުރަތަމަ ޚިދުމަތް ފަށާއިރު ވިޔަފާރީގެ އުޞޫލުން ދެޅުނުޖެހިދާނެކަމަށެވެ.  

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ  އައްޑުއާއި ހުވަދުއަތޮޅާ ދެމެދު ސީޕްލޭންގެ ދަތުރުތައް ފެށުމަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށް ޕްލޭންކުރި ޚިދުމަތެއް ކަމަށެވެ. ނަމަވެސް ކޮވިޑާހެދި މަސައްކަތް ލަސްވެގެން ދިޔައީ ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭގައި އެކަމުގެ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަނާ ދެމެދު ކުރެވިފައުވާކަމަށެވެ. ފުރަތަމަ ފަށާއިރު ގޮންޖެހުންތަކެއް ހުރިނަމަވެސް މުސްތަގްބަލްގައި ދެކޮޅުޖެހޭ ގޮތަށް ޚިދުމަތް ދެވޭނެކަމުގެ އުއްމީދު އޮތްކަމަށް އެމްޑީ ރިޒްވީ ވިދާޅުވިއެވެ. ގައުމީ އެއާލައިންގެ ޚައިޞިއްޔަތުން އައިލެންޑް އޭވިއޭޝަނުން ޚިދުމަތް ދެމުންދަނީ ލިބޭ ފައިދާއަކަށް ވުރެ ބޮޑަށް އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ފަތުވެރިންގެ އަދަދު ކިތަންމެ މަދު ވިޔަސް ޚިދުމަތް ފޯރުކޮށް ދެމުންދާކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.